މި ރިޕޯރޓް މިލިޔަނީ ސުރުހީގައިވާ އިހުމާލުގެ ސަބަބުން މާލީ އަދި ނަފްސާނީ ބޮޑު ގެއްލުން ލިބެމުން އައި ދިވެހި ޒުވާން ދެމަފިރިންގެ ހާޒިރުގައެވެ. ނަމަވެސް އެދެމަފިރިންވެސް ވަނަވަރު ހާމަކުރަން ބޭނުންނުވާތީ އެކަން ލިޔުމުގައި ސިއްރު ކުރަމެވެ. މި ރިޕޯރޓް ލިޔާއިރު އެދެމަފިރިން ވެސް ތިބީ އިންޑިޔާގެ ވެއްލޫރުގައެވެ. ނަމަވެސް މިރިޕޯރޓް ޝާޢިއު ކުރާއިރު އެދެމަފިރިން ވެސް ތިބޭނީ ރާއްޖޭގައެވެ. ނަމަވެސް ދެމަފިރިން ދިރިއުޅޭ ރަށަށް އަދި ނުދެވޭނެއެވެ.
އިހުމާލު ގުޅިފައި އޮތީ ރާއްޖޭގެ ސިއްޙީ ދާއިރާއާއެވެ. ދެމަފިރިން ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓް ކުރީ 2022 ވަނަ އަހަރު އެވެ. 2022 ވަނަ އަހަރު އަންހެން ކުއްޖާ ޓެސްޓް ކުރީ ރީޖަނަލް ހޮސްޕިޓަލަކުންނެވެ. އޭގެ ކުރިން ފިރިހެން ކުއްޖާ ވަނީ އެޓެސްޓް ހަދާ ނަތީޖާ ލިބިފައެވެ. އެއީ ކެރިއަރެކެވެ. އަންހެން ކުއްޖާގެ ނަތީޖާ ލިބުނު އިރު އެއީވެސް ކެރިއަރެކެވެ. ލިބުނީ ‘ޕިންކް’ ކާޑެކެވެ. ތިރީގައި އެވަނީ ރީޖަނަލް ހޮސްޕިޓަލުން ދިން ކާޑެވެ.

ނަމަވެސް ދެޒުވާނުން ކައިވެރި ކުރިއެވެ. 2023 ވަނަ އަހަރު ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމާއެކު ބަނޑުގައި އޭރު އަށަގަންނަމުން ދިޔަ ދަރިފުޅަކީ ތެލެސީމިއާ ބަލި ހުރި ނުވަތަ ލޭ އަޅަން ޖެހޭ ކުއްޖެއްތޯ ބެލުމަށް ބަނޑުގައި އޮއްވާ ޓެސްޓް ހެދިއެވެ. އެޓެސްޓސް ހެދީ ހުޅުމާލޭގައި ހުންނަ އަމިއްލަ ކްލިނިކަކުން ސާމްޕަލް ނަގައި ބޭރަށް ފޮނުވައިގެންނެވެ. ފުރަތަމަ ފޮނުވި ސާމްޕަލްގައި މައްސަލައެއް ދިމާވެ. ދެވަނަ ފަހަރަށްވެސް ސާމްޕަލް ނަގާ ބޭރަށް ފޮނުވިއެވެ. އެއީ ވަކި މުއްދަތެއްގައި ހަދަން ޖެހޭ ޓެސްޓެކެވެ. އެޓެސްޓްގެ ނަތީޖާ ނުލިބި ދިގުލައިގެން ދިއުމުން ދެމަފިރިން މާޔޫސްވެ, ނަފްސާނީވެ ވަރަށް ކަންބޮޑުވެ ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. ބަނޑަށް 15 ހަފްތާއަށް ކިރިޔާ ނަތީޖާ ލިބުނީއެވެ. ދެމަފިރިންނަށް ލިބުނީ އުފާވެރިކަމެވެ. ނަތީޖާ ރަނގަޅެވެ.
އެކަމަކު ދެވަނަ ދަރިފުޅަށް ބަލިވެ އިނުމާއެކު ދެމަފިރިން ނިންމީ ރާއްޖެއިން ބޭރުން އެޓެސްޓް ހެދުމަށެވެ. އެއީ ފުރަތަމަ ދަރިފުޅަށް ޓެސްޓް ހެދުމުގައި ސާމްޕަލް ނަގައި ދެފަހަރެއްގެ މަތީން ބޭރަށް ފޮނުވައިގެން އުފުލަން ޖެހުނު ތަކްލީފްގެ ސަބަބުންނެވެ. އެކަމަށް މިސަރަހައްދުގައިވެސް ހުރި އެންމެ ރަނގަޅު އިތުބާރުހުރި ހޮސްޕިޓަލަކީ އިންޑިޔާގެ ވެއްލޫރުގެ ސީއެމްސީ އެވެ. ދިގު ދަތުރެއް ކުރަން ޖެހެއެވެ. މިމަހު އެދެމަފިރިން ވެއްލޫރަށް އައީ ބެންގަލޫރު މަގުން ޗެންނާއީއަށް ގޮސް, ޗެންނާއީން ކާރެއްގައި އެއްގަމު މަގުން ކުރި ދިގު ދަތުރަކަށްފަހުއެވެ.
އަޅުގަނޑު ވެއްލޫރަށް ކުރި ދަތުރުގެ ތެރެއިން ފުރަތަމަ ދުވަހު އެދެމަފިރިންގެ ވާހަކަ އަޑު އިވުނީ އެދެމަފިރިންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންއައި އިންޑިޔާ ރައްޔިތެއްގެ ފަރާތުންނެވެ. ކަން ދިމާކުރި ގޮތުން އެއީ އަޅުގަނޑުގެވެސް އެހީތެރިޔާއެވެ. އެދެމަފިރިންނަށް ދިމާވެގެން އުޅޭ ކަންތަކުގެ ހުލާސާއެއް އޭނާ ދިނުމުން ހަމަ އެދުވަހު ޒުވާން ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއާ އަޅުގަނޑު ބައްދަލުކުރީ އޭނާ ހުރި ހޮޓަލުގެ ލޮބީއިންނެވެ.

ދެން އޮތީ އިހުމާލުގެ ވާހަކައެވެ. ބަނޑުގައި އޮތް ދަރިފުޅަކީ ލޭ އަޅަން ޖެހޭ ކުއްޖެއްތޯ ނުވަތަ ލޭ އަޅާ ބަލި ވާރުތަކުރުމުގެ ފުރުޞަތު އޮތް ކުއްޖެއްތޯ ބެލުމަށް ހަދާ ޓެސްޓްގެ ކުރިން ސީއެމްސީ ހޮސްޕިޓަލުން ދެމަފިރިންގެ ގިނަ ޓެސްޓްތަކެއް ހަދައެވެ. އޭގެތެރޭގައި ދެމަފިރިންނަކީ ކެރިއަރުންތޯ ކަށަވަރު ކުރުން ހިމެނެއެވެ. ސީއެމްސީން ހަދާ އެޓެސްޓްތަކުގެ ނަތީޖާ ހަމަ އެދުވަހު ލިބެއެވެ. ނަތީޖާތައް ލިބުނު އިރު ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން ކުއްޖާ ‘ނޯމަލް’ އެވެ. ތެލަސީމިއާ ވާރުތަކުރުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ. މާނައަކީ ބަނޑުގައި އޮތް ދަރިފުޅަކީ ލޭއަޅަން ޖެހޭ ކުއްޖަކަށް ވުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ. ވެއްލޫރަށް އެމީހުން ކުރި ދިގު, ޚަރަދު ބޮޑު ދަތުރަކީ ކުރަން ނުޖެހޭ ދަތުރެކެވެ. ފުރަތަމަ ދަރިފުޅުގެ ހާލަތު ދެނެގަތުމަށް ދެފަހަރު މަތީން ސާމްޕަލް ނަގައިގެން ބޭރަށް ފޮނުވައިގެން ކުރީވެސް ބޭކާރު ކަންކަމެވެ. ބޭކާރު ޚަރަދެވެ.

އެދެމަފިރިންގެ ދިރިއުޅުމުގެ ފުރަތަމަ ދުވަހުން ފެށިގެން ވިސްނި ވިސްނުންތަކާއި, ކުރި ހޭދައާއި, ރަށުން ފުރައިގެން ކުރި ދަތުރުތަކަކީ މުޅިން އިހުމާލުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ހުޅުމާލޭގެ ކްލިނިކުންވެސް ސާމްޕަލް ނަގައިގެން ޓެސްޓް ހަދަން ބޭރަށް ފޮނުވިއިރު ބަރޯސާވީ ރީޖަނަލް ހޮސްޕިޓަލްގެ ނަތީޖާއަށެވެ. ކެރިއަރެއްތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް އިތުރަށް ޓެސްޓެއް ނަހަދައެވެ.
ދެމަފިރިން ވެއްލޫރަށް އައިސްތިބީ ދޮޅުއަހަރުގެ އެމީހުންގެ ފުރަތަމަ ދަރިފުޅު ރަށުގައި, އާއިލާއާ ހަވާލުކޮށްފައެވެ. ވެއްލޫރަށް އައިސް ޓެސްޓް ހަދަން ނުޖެހުމުން އަވަހަށް ފުރޭގޮތް ވީނަމަވެސް, ދެމީހުންގެ ފުރާ ތާރީޚު ބަދަލުކުރަން ކުރަމްޖެހޭ ހޭދަ އިންތިހާއަށް ބޮޑެވެ. އެއީ އެދެމަފިރިންނަށް ކުޅަދާނަ ކަމެއް ނޫނެވެ. ހަ ދުވަސް މަޑުކުރަން ޖެހުނީއެވެ. ދިވެހިން އައިސް ދިރިއުޅެން އުނދަގޫ މިތަނުގައި އެދެމަފިރިން ކޮޓަރީގައި ބޭކާރު ހަ ދުވަސް ހޭދަކުރަން ޖެހުނީއެވެ. އިހުމާލުގެ ސަބަބުންނެވެ. ކުޑަދަރިފުޅާ ދުރުގައި ހޭދަކުރަން ޖެހުނު ވަގުތާއި, ފައިސާއާއި, ދިގު އުނދަގޫ ދަތުރާއި މިހުރިހާ ކަމެއް އޮތީ އިހުމާލުގެ މައްޗަށެވެ.
ހެޔޮ ކަމަކަށް އޮތީ ހަމައެކަނި ފުރަތަމަ ދަރިފުޅުގެ ހާލަތު ދެނެގަތުމަށް މާލޭގެ ކްލިނިކް އިން ސާމްޕަލް ނަގައިގެން ހެދި ޓެސްޓަށް ހޭދަވި 16,000 ރުފިޔާ ދައުލަތުގެ ނިޒާމްގެ ތެރެއިން ހަމަޖެހުމެވެ. ވެއްލޫރަށް ދެމަފިރިން އައި އިރު އެ އެހީތެރިކަމަކަށް ނޭދެއެވެ.
މިހާދިސާއަށް ބަލާއިރު ރާއްޖޭގެ ކޮންމެ މީހަކު އިތުބާރުހުރި ސިއްޚީ ޚިދުމަތްދޭ ތަނަކުން އަލުން ޓެސްޓް ހަދަން ޖެހޭ ކަމަށް ގަބޫލުކުރަން ޖެހިއްޖެއެވެ. ރާއްޖެއިން ހެދި ޓެސްޓްގެ މައްޗަށް ބިނާވެ ދިރިއުޅުން ފެށުމާމެދު އަދި ދަރިން ހޯދމާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިއްޖެ ނޫންބާއެވެ. ޔަގީނުންވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުބާރު ހޯދުމަކީ އެކަމާ ހަވާލުވެ ތިއްބެވި ފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެކެވެ. ލާޒިމްކަމެކެވެ. މިފަދަ ކިތައް މީހުން ތިބޭނެ ބާއެވެ. އިހުމާލެވެ. އިހުމާލެވެ. އިހުމާލެވެ. އިހުމާލުގެ މައްޗަށް ލިބޭ ދެރައާއި ހިތާމައެވެ. މާލީ ނަފްސާނީ ގެއްލުމެވެ.
