ކުޑަދޫއާ ކައިރިން ރަށުގެ ނިމޭ ކޮޅުގައި ހުރަހަށް މަތިން އަޅާފައިވާ ފާލަމެކެވެ. ފާލަމުގެ ދެކޮޅުގައި ގޮނޑި ބަހައްޓާ މަޑުކޮށްލައިގެން ތިބެވޭ ގޮތަށެވެ. އެތަނުގައި ތިބެ އިރު އަރާ މަންޒަރާއި އޮއްސޭ މަންޒަރު ނިކަން ފުރިހަމައަށް ބަލާލެވޭނެއެވެ. ކޮންމެ ކޮޅަކުންވެސް ފެންނަން އޮތީ މޫދެވެ. ވަށައިގެން ފެހިކަން ގަދަ ގަސްތަކެވެ. ރާޅު ޖަހާ ހިތްގައިމު އަޑު އަބަދުމެ އިވޭނެއެވެ. ސަރަހައްދުގެ ހިތްގައިމުކަން އިހުސާސްކޮށްލާށެވެ.

ޖެހިގެން އޮތީ ގުޅިފައިވާ ކުޑަދުއެވެ. އެރަށުގައި އޮތީ ދަތުރުގޮސް މޫދު އެރޭ ސަރަހައްދެވެ. އެރަށުގައި އަޅާފައިވާ ޖެޓީ ސަރަހައްދަކީ މޫދު އެރެން ނިކަން ހިތްގައިމު ސަރަހައްދެކެވެ. ބުންބަރު ކައިރީ ޕިކްނިކް ހަދާލާ, ކޔޑަދޫ ޖެޓީ ކައިރިއަށް މޫދު އެރިލުމުން އެލިބޭ ހިތްހަމަ ޖެހުން ތަޖުރިބާކޮށްލަން އެންމެ ރަނގަޅުވާނީ މިސަރަހައްދަށް, މިރަށަށް ޒިޔާރަތްކޮށްލުމެވެ. ބައެއް މަންޒަރުތައް ލިޔުމުގެ ތިރީގައިވާ ވީޑިއޯ ރިޕޯރޓުން ފެންނާނެއެވެ.

ޖެޓީގެ ދިގު މިނުގައި 103 ފޫޓްވަރު ހުންނާނެއެވެ. އެއްފަހަރާ 15 މީހުންނަށް އެރޭނެކަމަށް އެތަނުގައި ބަހައްޓާފައިވާ ބޯޑްގައި ލިޔެފައިވެއެވެ. މިސަރަހައްދަށް ދޫނި ސޫފާސޫފިވެސް އައިސް ގޮސް އުޅެއެވެ. މިޔަރާއި, ޝާކެވެ. ބުޅިތުންބާއި, ފިދަނައާއި, މާކަނައެވެ. އަދިވެސް އަދިވެސް އެވެ. ރަށުގެ މީހުން ދިރިއުޅޭ މިސަރަހައްދަށް އަންނަން އޮންނަ މަގާއި, ފެހިކަން ގަދަ މިސަރަހައްދާއެކު ހަގީގަތުގައިވެސް މިއީ ހާދަ ހިތްގައިމު, ހިތްހަމަ ޖެހުން ލިބިދޭ ސަރަހައްދެކެވެ. ރަށުގެ އާއިލާ ތަކާއި, ރަށްޓެހި ރަހުމަތްތެރިންގެ އިތުރުން ކައިރި ރަށްތަކުންވެސް މީހުން އައިސް މިސަރަހައްދުގައި ޕިކްނިކް ހަދަމަނުން ދިޔަ މަންޒަރު ދުށީމެވެ.

މިހުރިހާކަމަކަށްވުރެ މާއުފާވެރި ކަމަކީ މިއީ މިރަށުގެ ޒުވާނުންގެ އިސްނެގުމެއް ކަމެވެ. އިޖުތިމާއީ މަސައްކަތެއް ކަމެވެ. ޖެޓީއަށް އަރާ ސިޑި ކައިރީގައި ބަހައްޓާފައިވާ ބޯޑްގައި ލިޔެފައިވެއެވެ. ” ބުންބަރު މިއީ ޒުވާނުން އިސްނަގައިގެން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މެހުމާނުން ހިތްހަމަޖައްސާލަން ހަދާފައިވާ ތަނެކެވެ”
