...

މިލައުތުރު- ކަނޑިތީމަށް އަންނަ ޢީދެއް!

1118

މިލައުތުރަކީ މިލަދުންމަޑުލު އުތުރުބުރިއެވެ. އެއީ ށ.އަތޮޅެވެ. ކަނޑިތީމަށް އަންނަ އީދަކީ އެއަތޮޅު ފުޓްސަލް މުބާރާތެވެ. މިލައުތުރު ފުޓްސަލް މުބާރާތެވެ. ށ.އަތޮޅުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.

މިއަހަރުގެ މުބާރާތް ބާއްވަނީ ކަނޑިތީމްގައެވެ. އަތޮޅުގެ 14 ރަށުގެ ތެރެއިން 13 ރަށުން މުބާރާތުގައި ބައިވެރުވުމާއެކު ފޯރިއާއި ވާދައިގެ ގޮތުން ބަލާނަމަ މިއީ އެންމެ ވަރުގަދަ އެއް މުބާރާތަށް ވާނެއެވެ. މުބާރާތުގެ ‘އިކްއޯފް’ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެކަމަކު ކަނޑިތީމް ކިކްއޯފް ވެއްޖެއެވެ.

މުޅި ކަނޑިތީމްގެ މިހާރުގެ އަމާޒަކީ އެންމެ އިންތިޒާމް ރަނގަޅު މުބާރާތަށް މިމުބާރާތް ހެދުމެވެ. އަތޮޅުގެ ހުރިހާ ރަށަކުން މީހުން ޒިޔާރަތްކުރާ ހިތްވާ ރަށަކަށް ކަނޑިތީމް ހެދުމެވެ. އެންމެ ޝައުގުވެރި މަންޒިލަށް ކަނޑިތީމް ހެދުމެވެ.

މުބާރާތަށް ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފޮޓޯ-ޙަފްޞީ

މުބާރާތަށް ތައްޔާރުވުމަށް ކަނޓިތީމުން މައިގަނޑު ދެ ކަމެއް ކުރެއެވެ. އެއްކަމަކީ މުބާރާތަށް ރަށް ޒީނަތްތެރި ކުރުމެވެ. މެހުމާނުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމެވެ. ޓީމްތަކަށް ސަޕޯޓްކުރަން ރަށަށް ޒިޔާރަތްކުރާ އަވަށްޓެރީން އެރަށުގައި ހޭދަކުރާ ކޮންމެ މިނިޓަކީވެސް އަގުހުރި މިނިޓަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. އެމަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލްގެ އަންހެނުން މުއްޒަފުން އިސްނަގައިގެން ދިދަފަތިތައް ފަހާ, ތައްޔާރުކުރަނީއެވެ.

މިލައުތުރު ފުޓްސަލް މުބާރާތް ކުޅޭ ދަނޑު: ފޮޓޯ-ޙަފްޞީ

ސިއްހީ މަރުކަޒާއި ފެނަކައިން ޕާރކްތައް ޒީނަތްތެރި ކުރަނީ އެވެ. މިހާރަށްވުރެވެސް އެތަންތައް ނަލަ ކުރަނީއެވެ. ސްކޫލަށްވެސް ޒީނަތްތެރި ކުރުމުގެ ވަކި މަސައްކަތްތަކެއް ވަނީ ހަވާލުކޮށްފައެވެ. ރަށަށް މެހުމާނުން ފައިބާއިރު ރިތި މޮނިއުމަންޓެއް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރަށް ޒީނަތްތެރި ކުރަން ނުކުރާ މަސައްކަތެއް ނެތެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އައިޝަތު މާހިރާ ފާހަގަކުރެއްވީ އަތޮޅުގައި ބޭއްވޭ އެންމެ ވާދަވެރި އެންމެ ބޮޑު މުބާރާތަކީ ކަނޑިތީމަށް ހަމައެކަނި މުބާރާތެއް ނޫންކަމެވެ.

ރަށަށް މިއަތޮޅުގެ ހުރިހާއެންމެން އަރާއިރު އެންމެ ރަނގަޅަށް މެހުމާންދާރީ އަދާކުރުމާއި އެމީހުންގެ ހުރިހާކަމެއްވެސް އެންމެ ގާތުން ބަލާ, އެމީހުންނަށްވެސް މިއީ ވަރަށް ރަނގަޅަށް މެހުމާންދާރީ އަދާކުރިކަން ގަބޫލުކުރާ ފެންވަރުގައި އަޅުގަނޑުމެންނަށް އެކަން ކުރެވިގެން ދިއުން އަޅުގަނޑުމެން ހުރިހާ އަންހެނުންގެވެސް އެންމެ ބޮޑު އުއްމީދަކީ.

މުބާރާތަށް ކަނޑިތީމްގައި ކުރާ ދެވަނަ ކަމަކީ ތަށި ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ކަނޑިތީމަކީ އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެތަށި އަމިއްލަ ރަށުގައި ދިފާއުކުރަން ޓީމްގެ ޕްރެކްޓިސް ފަށައިގެން ކުރިއަށްދަނީ ވަރަށް ރަނގަޅު ރޫހެއްގައެވެ. ޚާއްޞަކޮށް މުޅި ރަށް ޓީމްގެ ފަހަތުގައި އޮތުމާއި, ރަށުގައި މުބާރާތް އޮތުމުން އެރޫހު އެތައްގުނައެއް ބޮޑެވެ. ޓީމްގެ ކޯޗު އަހުމަދު ތައުފީގު އެކަން ފާހަގަކުރިއެވެ.

މިމުބާރާތް ހޯސްޓްކުރަން ލިބުމަކީ މުޅި ކަނޑިތީމް އުފާވާނެ ކަމެއް, ފަޚުރުވެރިވާނެ ކަމެއް. ޚާއްޞަކޮށް އަޅުގަނޑުމެންގެ ޕްލޭޔަރުން ވަރަށް ގިނަދުވަހު ކުރަމުން އައި އުއްމީދެއް މިއީ މިރަށުގައި މިފަދަ ބޮޑު މުބާރާތެއް އަތޮޅު ފެންވަރުގެ މުބާރާތެއް ބޭއްވިގެން ދިއުން.

މުބާރާތަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތްވެސް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. ލައިޓްތައް އުސް ކުރުމުގެ މަސައްކަތާއި, ފާޚާނާގެ މަސައްކަތާއި, އެނޫންވެސް ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ކަނޑިތީމް ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ މެހުމާނުންނަށް ކަންކަން ފަސޭހަވާނެ މަގަށް ހުރިހާކަމެއްވެސް ބައްޓަން ކުރައްވާނެ ކަމަށެވެ.

ރަށަކީ ހިތްހަމަޖެހޭ އުފާވެރި ރަށެއްގެ ގޮތުގައި ރަށް ތައްޔާރުކުރުމުގެ އެކި މަސައްކަތްތައް މިހާރު ކުރަމުންދަނީ. މަސައްކަތްތައް ބޮޑަށް ރާވާލާފަ މިހުރީ މުއައްސަސާތަކާ ހަމަ ކޮމިއުނިޓީ ގްރޫޕްތަކަށްވެސް މަސައްކަތްތަކުގައި ބައިވެރިވެވޭނެހެން, ގްރޫޕްތަކަށް އެކިއެކި މަސައްކަތްތައް ހަވާލުކޮށްގެން މަސައްކަތްތައް ކުރިއަށް މިގެންދަނީ.

ކަނޑިތީމަކީ މިހާރުވެސް ޒިޔާރަތްކޮށްލަން އެއްވަނައިގެ ރަށެކެވެ. އެރަށުގައި ޒުވާނުން އިސްވެ ހަދާފައިވާ ނިކަމައްޗާއި, ބުންބަރަކީ ރަށަކުން ފެންނާނެ އެންމެ ހިތްގައިމު ތަންތަނުގެ ތެރޭގައި ހިމެނޭނެ ތަންތަނެވެ. ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބީޗުގެ ހިތްގައިމުކަންވެސް ބޮޑެވެ. އެނޫންވެސް އެތައް ސަބަބެކެވެ. ކަނޑިތީމަކީ މިފަދަ މުބާރާތަކަށް ވަރަށް އެކަށީގެންވާ ރަށެކެވެ. ތަފާތު މިލައުތުރެއް ފެންނާނެކަމަށް ބެލެވެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.