މިހާރު ކ.އަތޮޅު ހުރައަށް ފައިބާއިރު ބޮޑު މޮނިއުމަންޓެއް ފެންނާނެއެވެ. ރަށަށް ފައިބާއިރު ފަސޭހައިން ލޮލުގައި އަޅައިގަންނާނެ ބޮޑު މޮނިއުމަންޓުން ބޮޑުކޮށް ފާހަގަވާނީ އިނގިރޭސި އަކުރުތަކުގެ ތެރެއިން ހުރާގެ ނަން ފެށޭ ފުރަތަމަ ދެ އަކުރު މަތީގައި ބައިންދާފައިވާ ބޮޑު މާކަނައާއި ދެ ‘އޭ’ އަކުރު ދެމެދުގައިވާ ބާއްވާފައިވާ ބޮޑު ކަނޑޫ ކަކުންޏެވެ.
ހުރާ މޮނިއުމަންޓްގެ މައިގަނޑަކީ މާކަނައާއި ކަނޑޫ ކަކުންޏެވެ. ސުވާލަކީ އެއިން ރަމްޒުކޮށްދެނީ ކޮން ކަމެއްތޯއެވެ. ޔަގީނުންވެސް ހުރައަށް މީހުން ޒިޔާރަތްކުރާ މައިގަނޑު އެއް ސަބަބަކީ މާލެ ކައިރިން ރީތި ހިތްގައިމު ކުޅިއެއް ބަލާލުމެވެ. ހުރާގެ ގުދުރަތީ އެންމެ ޚާއްޞަ ސިފައަކީވެސް އެރަށު ކުޅިއެވެ. އެރަށު ކުޅިއަށް ބޮޑަތި މާކަނާ ގިނަ އަދަދަކަށް އާދެއެވެ. އަބަދުވެސް އެކުޅީގައި މާކަނާ އުޅެއެވެ. އަދި އެކިވަރުގެ ކަކުނި ޚާއްޞަކޮށް ކަނޑޫ ކަކުނި އެކުޅީގައި އުޅެއެވެ.

އެހެންވީމާ ހުރާ މޮނިއުމަންޓުން ހަގީގަތުގައި އެތަސައްވަރުކޮށްދެނީ އެރަށު ކުޅިއެވެ. އެރަށަށް މެހުމާނުން ޒިޔާރަތްކުރާ މައިގަނޑު ސަބަބެވެ. އެކަން ކަށަވަރުކުރަން ކައުންސިލް މެމްބަރަކާ ސުވާލުވެސް ކުރީމެއެވެ. އޭނާވެސް ވިދާޅުވީ މޮނިއުމަންޓްގައިވާ މާކަނައާއި ކަނޑޫ ކަކުނި ރަމްޒުކޮށްދެނީ ހުރާ ކުޅި ކަމަށެވެ.
އެހެންނަމަވެސް މޮނިއުމަންޓް ހެދިއިރު އެހެން ވިސްނުމެއްވެސް ގެންގުޅުނު ކަމަށްވެއެވެ. އެއީ ހުރައަކީ ދޮންބަންޑާރައިންގެ ދަރިކޮޅު އޮތް ރަށަށްވާތީ އެކަމާ ގުޅުވާލުމެވެ. ދޮންބަންޑާރައިންގެ ރަށްކަން ބުނެދޭފަދަ ގޮތަކަށް މޮނިއުމަންޓް ފަރުމާކުރުމުގެ ވިސްނުމެއްވެސް ގެންގުޅުނެވެ.
ހުރާ މޮނިއުމަންޓް މިހާރު ވަނީ މުޅިން ނިމިފައެވެ. ހުރާ ކައުންސިލުން ޚަރަދުކޮށްގެން ހެދި މޮނިއުމަންޓްގައި ރަށުގެ ނަން އަޅާފައިވަނީ އިނގިރޭސި އަކުރުތަކުންނެވެ. ދިވެހި އަކުރުތަކުން ނަން އަޅާލިނަމަ މާކަނައާއި ކަނޑޫ ކަކުންޏާއެކު މާފުރިހަމަވީހޭ ހިތަށް އަރައެވެ.
