ފުޓްބޯޅަ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މާޒިޔާއިން ދިފާއުކޮށްފިއެވެ. މިއީ މާޒިޔާއިން ޝީލްޑް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ރަސްމީ ބޯޅަ ނުކުޅެ ދޮޅު އަހަރެއްހާ ދުވަސް ފަހުން ސީޒަން ފަށަން ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ އީގަލްސްއާ ވާދަކޮށް 2-0 ނެވެ. 2023 ވަނަ އަހަރުވެސް ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކުރީ އީގަލްސް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި މާޒިޔާއަށް ލީޑް ނަގައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. އޭނާ ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު އައިހަމް އެވެ. ޗެރިޓީ ޝީލްޑް އުފުލާލުމަށްފަހު މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުނީ މިއީ މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށްވެސް އުފާވެރި ވަގުތެއް ކަމަށެވެ.
އަހަންނަށް ވަރަށްބޮޑު އުފާވެރިކަމެއް އިހުސާސްވޭ, މޮޅުވުމުން. އެއާއެކު މިއީ ރާއްޖޭގެ ފުޓްބޯޅައަށްވެސް ވަރަށް އުފާވެރި ވަގުތެއް, އަލުން ފުޓްބޯޅަ ފެށުމުން. މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް އުފާވެރި ޚަބަރެއް, މާޒިޔާއަށްވެސް ވަރަށް އުފާވެރި ޚަބަރެއް
ޗެރިޓީ ޝީލްޑްގެ އެންމެ ކާމިޔާބުގެ ޗެރިޓީ ފައިސާ ހަދިޔާކުރީ ލޯފަން ކުދިންގެ ޖަމްއިއްޔާއަށެވެ.
މިއަހަރު ރަސްމީ ކަލަންޑަރުން ބޭރުން ކުޅުނު ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާއެވެ.
