2016 ވަނަ އަހަރުން ފަށައިގެން ކޮވިޑްގެ އާލަމީ ވަބާއަށް ފިޔަވާ މިފެސްޓިވަލްއަށް މެދުކެނޑުމެއް ނެތެވެ. އަހަރަކަށްވުރެ އަހަރެއް ބައިވެރިވުން އިތުރުވެ, އައީ ފުޅާވަމުންނެވެ. މިއަހަރު 8 ވަނަ ފެސްޓިވަލް ބޭއްވިގެން ދިޔައީ ރާއްޖޭގެ އެކި ސަރަހައްދުތަކުން 14 ސްކޫލާވެސް އެކުއެވެ. ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ތިމާވެށީގެ ޖަމްއިއްޔާތަކުން ބައިވެރިވިއެވެ. މިއީ ‘ޅ.ޓަރޓަލް ފެސްޓިވަލް’ އެވެ.

ޅ.ނައިފަރުގައި އެރަށު ޖުވެނައިލް އިން ބާއްވާ މިފެސްޓިވަލްއަކީ ހަގީގަތުގައި މިހާރު ބައިނަލްއަޤްވާމީ ފެސްޓިވަލްއެކެވެ. މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ފެސްޓިވަލްއަށް މިފެސްޓިވަލް ވެދާނެއެވެ. މިއީ ތިމާވެއްޓަށް ޚާއްޞަ, ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބާރު އަޅާ ފެސްޓިވަލްއެކެވެ.
ފެސްޓިވަލް ފެށެނީ ވެލާ, ކަހަނބާ ހަމައިންނެވެ. ނެތިދިއުމުގެ ބިރު ހީވެފައިވާ ވެލާ ކަހަނބުގެ ބާވަތްތައް ހިމާޔަތްކުރުމަށް ބާރުއަޅާ ހިސާބުންނެވެ. ވެލާ, ކަހަނބު ހިމާޔަތްކުރުމާ ގުޅޭ, ކަމުގެ މުހިއްމުކަން ބަޔާންކޮށްދޭ މައުލޫމާތުގެ ސެޝަންތަކުންނެވެ. އެއާއެކު ކަނޑުގެ އެހެން ދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ ވާހަކަތަކެވެ. ދިރާސާތަކުގެ އަލީގައެވެ. ހިމާޔަތް ނުކުރެވުމުން ނިކުންނަ ނަތީޖާއާއި ހިމާޔަތްކުރުމުން ނިކުންނަ ނަތީޖާ ބުނެދެއެވެ. އެކަން ކުރަނީ އެކަމަށް ޚާއްޞަ ޖަމްއިއްޔާތަކުންނެވެ.

ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުންދޭ އަހަރެމެން އެންމެ ފަސޭހައިން ދޫކޮށްލާ ބާވަތެވެ. އޭގެ ގެއްލުމާއި, ޕްލާސްޓިކް އުކާލުމުގެ ބަދަލުގައި ބޭނުންކުރެވޭނެ ގޮތްތައް މިފެސްޓިވަލްގައި ދައްކާލައެވެ. އެކަމުގައި ސްކޫލްތަކުން ބައިވެރިވެއެވެ. މިފަހަރުގެ ފެސްޓިވަލްގައި ހދ.ނ,ރ,ބ,ޅ އަދި އަރިއަތޮޅާއި މާލޭގެ ސްކޫލްތަކުން ބައިވެރިވިއެވެ. ފެސްޓިވަލްގައި ބައިވެރިވި 14 ސްކޫލްގެ ތެރެއިން ފެސްޓިވަލައަށް އައި 13 ސްކޫލަކީ: މަދަރުސަތުލް އިފްތިތާހު (ނައިފަރު)
ޅ.އަތޮޅު ތައުލީމީ މަރުކަޒު (ހިންނަވަރު)
ޅ.އަތޮޅު ސްކޫލް
ބ.އަތޮޅު ސްކޫލް
ބ.އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)
ހުޅުދުއްފާރު ސްކޫލް
އިނގުރައިދޫ ސްކޫލް
ދުވާފަރު ޕްރައިމަރީ ސްކޫލް
ކުޑަފަރި ސްކޫލް
ހޮޅުދޫ މޭނާ ސްކޫލް
އިމާދުއްދީން ސްކޫލް
އއ.ހިމަންދޫ ސްކޫލް
އަފީފުއްދީން ސްކޫލް (ކުޅުދުއްފުށި)
2016 ވަނަ އަހަރު މިފެސްޓިވަލް ފެށީ އެންމެ 3 ސްކޫލާއެކުއެވެ. އެކަމަކު 8 ވަނަ ފެސްޓިވަލްގައި 14 ސްކޫލް ބައިވެރިވުމަކީ ފެސްޓިވަލްގެ ކާމިޔާބީ ދައްކުވައިދޭ ހެއްކެއްކަމަށް ޖުވެނައިލްގެ ވައިސްޗެއަރޕަސަން އަދި ފެސްޓިވަލް ކޯޑިނޭޓްކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ މުޙައްމަދު އަހުމަދު (ކަންމަ) ގަބޫލުކުރެއެވެ. އޭނާ ވިދާޅުވީ ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ ތިވާވެށީގެ ހިމާޔަތުގައި ޖުވެނައިލްއިން ކުރާ މަސައްކަތާ އެއްވަރަށް ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
މިފެސްޓިވަލްގެ އެންމެ ބޮޑު އެއް ބޭނުން އެއީ ހަމަ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް އެއް ޕްލެޓްފޯމެއްގެ ތެރެއިން ބައްދަލުވުމާއި, އަދި އެފަރާތްތައް މެދުވެރިކޮށް ވީހާ ގިނަ ބަޔަކަށް އަޅުގަނޑުމެން މިފެސްޓިވަލް މެދުވެރިކޮށް, ތިމާވެއްޓާ ގުޅޭ މައުލޫމާތު ދިނުން.
ފެސްޓިވަލްގެ ކާމިޔާބު ބުނެދޭން ކަންމަ ފާހަގަކުރި ދެ ވާހަކައަކީ ފެސްޓިވަލްއަށް ޒިޔާރަތްކުރި މީހުންގެ އަދަދާއި ސްކޫލްތަކުގެ ބައިވެރިވުން އިތުރުވި މިންވަރެވެ.

ނައިފަރަކީ މީހުން ދިރިއުޅޭ ރަށެއްގައި މެރިން ކޮންސަރވޭޝަން ސެންޓަރެއް ހިންގާ ހަމައެކަނި ރަށްވެސް މެއެވެ. އެޓޯލް މެރިން ކޮންސަރވޭޝަން ސެންޓަރު ނައިފަރުގައި ހިންގަނީ ޖުވެނައިލް އިންނެވެ. ވެލާ ކަހނަބަށް ފަރުވާދޭ މިމަރުކަޒުގައި މެރިން ބައޮލޮޖިސްޓުން މަސައްކަތް ކުރެއެވެ.
ސިކްސް ސެންސެސް ކަނުހުރާ ޅ.ޓަރޓަލް ފެސްޓިވަލްއާ އެކީ ޖުވެނައިލް އިން ވަނީ އެޓޯލް މެރިން ސިމްޕޯޒިއަމްއެއްވެސް ބާއްވާފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ސިމްޕޯޒިއަމް ޚާއްޞަކުރީ ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުމަށާއި, މައުލޫމާތު ބަދަލުކުރުމަށާއި, ޕެނަލް ޑިސްކަޝަންތަކަށެވެ. މިއީ މިފަދަ ތިންވަނަ ސިމްޕޯޒިއަމްއެވެ.
