ޅ.ނައިފަރު ކައުންސިލްގެ ފުޓްސަލް މުބާރާތް, ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގައި ނައިފަރާއި ހިންނަވަރު ވާދަކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ނައިފަރު ކޮނަހަސް އާއި ހިންނަވަރު މަކާއޯ ސްޕޯރޓްސް ކްލަބެވެ.
ކޮނަހަސް ފައިނަލަށް ދަތުރުކުރީ ވަރަށް ވާދަވެރި, ވަރަށް ފޯރިގަދަ ސެމީފައިނަލް ގައި ކޮރަކަލި އެފްސީގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 5-5 ން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ތިން ލަނޑު ޖަހާ ކޮރަކަލި އެފްސީން ބޮޑު ލީޑެއް ނެގިނަމަވެސް ދެވަނަ ހާފްގައި ގާތްގާތުގައި ޖެހި ލަނޑުތަކާއެކު ކޮނަހަސް އިން ނަތީޖާ ހަމަހަމަ ކުރީއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށްވުރެ ގިނަ ވަގުތު އޮއްވާ ކޮރަކަލި އެފްސީން ފަސް ފައުލް ކުރުމަކީ މެޗު އެނބުރެން ދިމާއި އެއް ސަބަބެވެ. ދުރު ޕެނަލްޓީން ޖެހި ލަނޑާވެސް އެކު ކޮނަހަސް އިން ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީއަށް ދިޔައީ އިތުބާރާއެކުއެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ކޮރަކަލި އެފްސީގެ ރައްޒާން ޖައުފަރު ދެ ލަނޑު ޖެހިއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ ކެޕްޓަން ހުސައިން ފައިސަލް (ފައިޓޯ) އާއި އަބްދުالله ރަމީޒު އާއި މުޙައްމަދު އިސާމް (ސާންޓެ) އެވެ.
ކޮނަހަސްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހުމަދު އަޝްރަފް (އައްމަ) އެވެ. އެހެން ލަނޑުތައް ޖެހީ އަޔާޒު އަހުމަދު (އަޔާ) އާއި މަޖުދާން ސޯލިހު (މަންޗި) އާއި މުޙައްމަދު ވިގާމް (ފޮކްސް) އެވެ.
ޕެނަލްޓީގައި ކޮނަހަސް އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެމީހުންގެ ތިންވަނަ ޕެނަލްޓީ ކީޕަރު މަތަކުރިއެވެ. ކޮރަކަލި އެފްސީން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. ދެ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.

ފައިނަލްގައި ކޮނަހަސްއާ ދެކޮޅަށް ނިކުންނާނީ ހިންނަވަރު މަކާއޯ އެވެ. މަކާއޯ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 4-1 ން ނައިފަރު ދަ ބުލޫ ބަލިކޮށްގެންނެވެ. މަކާއޯ ގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހުސައިން ޝަރީފް (އޮންލީ) އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ ސަމާލް (ޓޮބީ) އާއި މުޙައްމަދު އަޖްވަދު އާދަމް (އަޖޫ) އެވެ. މަކާއޯ އިން ހަތަރު ލަނޑު ޖެހިފަހުން ދަ ބްލޫގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު މާނިއު އެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ސެލޯސް އެފްސީ އާއި ކޭކޭ ޑީޑީ އެވެ. މުބާރާތުގެ ދެ ފައިނަލް ވެސް ކުޅޭނީ އޮގަސްޓް 31 ވަނަ ދުވަހުގެ ރެއެވެ.
