ރާއްޖޭގެ ވޮލީބޯޅައިގައި އެންމެ މޮޅު ކުޅުންތެރިން އެންމެ ގިނައިން އުފެއްދި ވ.އަތޮޅުގެ ޗެމްޕިއަންކަން ފެލިދޫ އިން ހޯދައިފިއެވެ. ފެލިދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސީދާ ތިން ސެޓުން ކެޔޮދޫ ބަލިކޮށްގެންނެވެ.
މޮޅު މެޗެއް ފެނުނު މެޗުގެ ވާދަވެރި މެޗުގެ ފުރަތަމަ ދެ ސެޓް ފެލިދޫން ގެންދިޔައީ 25-22 ނެވެ. ތިންވަނަ ސެޓް ގެންދިޔައީ 25-20 ނެވެ. ވަރަށް ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ފެލިދޫ ޓީމްގެ މުރާދު ޖީހާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި މުރާދުގެ އިތުރުން ހިމެނުނީ ފެލިދޫގެ ސެޓަރު ހުސައިން ވިސާމް (ބުޅިކެ) އާއި ކެޔޮދޫގެ މުބައްޝަރު ރަޒާ އާއި ފެލިދޫގެ އަޔޭޝް ދިލްހާން ޕެރޭރާ އާއި ތިނަދޫގެ އަހުމަދު މުސްތަފާ ޚާން އާއި ފެލިދޫގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ. އެންމެ މޮޅު ލިބަރޯ އަކީ ފެލިދޫގެ ޝަފުއާޒު މުޙައްމަދެވެ. އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު މުޙައްމަދު ޝިހާމް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ފުލިދޫ އަށް ކުޅުނު ލަންކާގެ މަދުޝާން އިދުރާންގަ އެވެ.

ފެލިދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ރަނަރަޕް ކެޔޮދޫ ބަލިވީ ހަމައެކަނި ފެލިދޫ އަތުންނެވެ. ކެޔޮދޫ ޓީމްގައި ހިމެނޭ ރާއްޖޭގެ ވޮލީގެ ޓޮޕް ކުޅުންތެރިންނަކީ އާދަމް ފައިރޫޒް އާއި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. މީގެއިތުރުން އަހުމަދު ފާޒިލް އެވެ.
ފެލިދޫގައި ހުޒާންޓެ އާއި ބުޅިކެގެ އިތުރުން ހަސަން ނިލާމް (ޕާޓޭ) ހިމެނެއެވެ. މެޗަށްފަހު ބުޅިކެ ބުނީ 2012 ވަނަ އަހަރު އަތޮޅު މުބާރާތް ހުއްޓާލަން ޖެހުނު ހިސާވުން މިތަށި ހޯދަން ބޭނުންވެފައި ތިބި ކަމަށެވެ. މިތަށީގައި ސަޕޯޓަރުންނާއި މުޅި ރަށުގެ ޝާމިލްވުން ބޮޑުކަމަށް ރަށުކައުންސިލްގެ ރައީސް އަދި ސެޓަރު ބުޅިކެ ބުންޏެވެ.
