ވޮލީބޯޅައިގެ އަތޮޅު, ވާވު އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފުލިދޫ ހޯދައިފިއެވެ.
ފުލިދޫން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 ސެޓުން ކެޔޮދޫ ބަލިކޮށްގެންނެވެ. ލީގު ބުރުގައި ކެޔޮދޫ އަތުން ބަލިވެފައި ވަނިކޮށް, ފައިނަލްގައި ފުލިދޫން ވަނީ އިތުބާރާއެކު ކުޅެފައެވެ. މެޗުގެ ފުރަތަމަ ސެޓް ފުލިދޫން ގެންދިޔައީ 25-17 ނެވެ. މެޗުގެ އެންމެ ވާދަވެރި ދެވަނަ ސެޓް 28-26 ން ގެންދިޔައި ކެޔޮދޫ އެވެ. ތިންވަނަ ސެޓްވީ މުބާރާތުގައިވެސް ފެނުނު އެންމެ ފަރަގު ބޮޑު ސެޓަށެވެ. ތިންވަނަ ސެޓް ފުލިދޫން ގެންދިޔައީ 25-5 ނެވެ. މިސެޓްގައި ކެޔިދޫން ވަނީ ބިދޭސީ ދެ ކުޅުންތެރިން ބަދަލުކޮށް, ހަތަރު ވަނަ ސެޓަށް ރެސްޓްވެސް ދީފައެވެ. ހަތަރު ވަނަ ސެޓް ފުލިދޫން ގެންދިޔައީ 25-20 ނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ފުލިދޫގެ ޗަންދު ޕޫނަމް އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ޕޫނަމް ހިމެނެއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ސެޓަރު ފުލިދޫގެ އައިޝަތު ޝިނާ އާއި, ފުލިދޫގެ ބަންޑާރީ އުޝާ އާއި ސަމްހާ ހުސައިން އާއި ކެޔޮދޫގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަރީލުއާ އާއި ޗަނޮކްނަން އެވެ. އެންމެ މޮޅު ލިބަރޯ އަކީ ފުލިދޫގެ މަސޫބާ އިސްހާގު އެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫގެ އާމިނަތު ރައިހާނަތު ފާއިޒު އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ފުލިދޫ އަށް ދިއުމުން ރަށުގެ ރައްޔިތުން ނިކުމެ ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފައެވެ. މިކާމިޔާބީ ފުލިދޫ ކޯޗާއި ކުޅުންތެރިން ސިފަކުރީ ސަޕޯޓަރުންގެ ވަރަށް ބޮޑު ދައުރަކާއެކު ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
