ވާވު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ލީގު ބުރުން އެއްވަނަ ހޯދައިގެން ފެލިދޫން ފައިނަލް މެޗަށް އިތުބާރު ހޯދައިފިއެވެ.
ރާއްޖޭގެ އެންމެ ޓޮޕް ކުޅުންތެރިން އެންމެ ގިނަ އަތޮޅު ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުން ފެލިދޫ އެއްވަނަ ހޯދީ ފަހު މެޗުގައި 3-1 ސެޓުން ފުލިދޫ ބަލިކޮށްގެންނެވެ. އޭގެކުރިން ތިނަދޫ އާއި ކެޔޮދޫ ވެސް ވަނީ ބަލިކޮށްފައެވެ.
ފުލިދޫގެ މައްޗަށް ކުރި ހޯދި މެޗުގެ ފުރަތަމަ ދެ ސެޓް ފެލިދޫން ހޯދީ 25-14, 25-15 ނެވެ. އެކަމަކު ތިންވަނަ ސެޓް 25-17 ން ފުލިދޫ ގެންދިޔައެވެ. އެސެޓްގައި ފެލިދޫން އެޓީމްގެ ބިދޭސީ ދެ ކުޅުންތެރިން އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނެވެ. ބިދޭސީ ދެ ކުޅުންތެރިންނާއެކު ނިކުމެ ހަތަރު ވަނަ ސެޓް ގެންދިޔައީ 25-22 ނެވެ.
މެޗަށްފަހު މެޗުގެ މޮޅު ކުޅުންތެރިޔާ އަދި ފެލިދޫ ކައުންސިލްގެ ރައީސް ހުސައިން ވިސާމް (ބުޅިކެ) ބުނީ ބޭނުންވީ ގިނަ ކުޅުންތެރިންނަށް ފުރުޞަތު ދިނުމާއެކު އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލަށް ދާން ކަމަށެވެ. ފައިނަލަށް ޓީމް އޮތީ އިތުބާރާއެކު ކަމަށާއި, ރަށު ހުރިހާ ރައްޔިތުން ނިކުމެ ފައިނަލް މެޗުގައި ޓީމަށް ސަޕޯރޓް ކުރަން އެދޭ ކަމަށް ސެޓަރު ބުންޏެވެ.
ފައިނަލްގައި ފެލިދޫ ވާދަކުރަން ޖެހޭނީ ކެޔޮދޫ އާއެވެ. ލީގު ބުރުގައި މިދެޓީމް ވާދަކުރި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ފެލިދޫ އެވެ. ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ.
