ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލުގެ ދެވަނަ ޖާގަ މަގޫދޫ އެފްސީ ގޯލްޑަން ފެލްކޮން ހޯދައިފިއެވެ. އެފްސީ ގޯލްޑަން ފެލްކޮން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ފޮއްދޫ ޔުނައިޓެޑް ކުޑަކަންމަތި 4-1 ން ބަލިކޮށްގެންނެވެ.
ސެމީފައިނަލް މެޗުގައި މަގޫދޫ ޓީމަށް ލީޑް ނަގައިދިނީ ކެޕްޓަން އާލިމް ޔޫސުފްއެވެ. މެޗުގައި އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މަގޫދޫގެ އަނެއް ލަނޑު ޖެހީ މުޙައްމަދު އިރުޝާދު އެވެ. އެބޯޅަ ގޯލަށް ވަނީ ފަހަތުން ކީޕަރު އެއްލި ބޯޅަ އިރުޝާދު ގައިގަ ޖެހިފައެވެ. ޔުނައިޓެޑް ކޭކޭގެ ހަމައެކަނި ލަނޑަކީ ޕެނަލްޓީ އަކުން މޫސާ މާހިލް މިގުދާދު ޖެހި ލަނޑެކެވެ. އެއީ ސައުދު މުޙައްމަދު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.

މަގޫދޫ އާއި ހޮޅުދޫ ލީގު ބުރުގައި ވާދަކުރި މެޗު 7-3 ން ކާމިޔާބުކުރީ ހޮޅުދޫ އެވެ. މިއީ މަގޫދޫ އަށް މޮޅު ނުވެވުނު ހަމައެކަނި މެޗެވެ. އެކަމަކު މަގޫދޫ ކޯޗު އިނާޒް އަބުދުالله ބުނީ ލީގު ބުރުގައި ހޮޅުދޫ އާއި ދެކޮޅަށް ހަވީރު ކުޅުނު މެޗާއި ރޭގަނޑު ފައިނަލަށް ނިކުންނަ މެޗު މުޅިން ތަފާތު ވާނެ ކަމަށެވެ. ހޮޅުދޫ ބަލިކޮށް ތަށި އުފުލާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ސެމީފައިނަލް މެޗަށްފަހު އޭނާ ބުންޏެވެ. އެކަމަކު ހޮޅުދޫ އަމީ މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ.
އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލްގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރާ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ހޮޅުދޫ އާއި އެންމެ އާބާދީ މަދު މަގޫދޫ އެވެ.
