...

ހޮޅުދޫ ފައިނަލަށް, ސެމީގައި މަގޫދޫ އާއި ޔުނައިޓެޑް ކޭކޭ

477

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލްގެ ސީދާ ޖާގަ ހޮޅުދޫ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ ހޯދައިފިއެވެ.

ހޮޅުދޫ ފައިނަލްގެ ސީދާ ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ, އެއްވަނަ ހޯދައިގެންނެވެ. ފަހު މެޗުގައި ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ބަލިކުރީ 6-4 ނެވެ. ފައިނަލްގެ ސީދާ ޖާގަ ލިބެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި ހޮޅުދޫން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ޝައްފާހު އެވެ. އަނެއް ތިން ލަނޑު ޖެހީ މުޙައްމަދު އާއިދު އާއި އަބްދުލް ވަދޫދު އާއި މުޙައްމަދު އަޒުހާދު އެވެ.

ފައިނަލްގެ ޖާގަ ހޯދުމަށްފަހު ހޮޅުދޫ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އަހުމަދު މާއިޝް ރަޝީދު އެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު މަމްދޫހު އެވެ. މެޗަށް ނިކުއިންއިރުވެސް ކުޑަކަންމަތި ސްޕޯރޓްސް ކްލަބް އޮތީ ކަޓާފައެވެ.

ސެމީފައިނަލް މެޗުގައި ވާދަކުރާނީ ލީގު ބުރުގެ ދެވަނަ މަގޫދޫ އެފްސީ ގޯލްޑަން ފެލްކޮން އާއި ޔުނައިޓެޑް ކުޑަކަންމައްޗެވެ. ލީގުބުރުގެ ފަހު މެޗާ ކުރިމަތިލީއިރުވެސް މަގޫދޫ އޮތީ ސެމީ ޔަގީންކޮށްފައެވެ. ޔުނައިޓެޑް ކޭކޭ ސެމީގެ ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގައި 3-2 ން ޅޮހީ ބޯއީސް ބަލިކޮށްގެންނެވެ. މެޗުގައި ޔުނައިޓެޑް ކޭކޭގެ ފުރަތަމަ ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން މިބްޝާމް އެވެ. އަނެއް ލަނޑަކީ އިޝާމް މުޙައްމަދު ނެގި ކޯނަރެއް ޅޮހީ ބޯއީސް ކުޅުންތެރިއަކު ގައިގަ ޖެހިފަ ވަން ގޯލެކެވެ. ޅޮހީ ބޯއީސްގެ ދެ ލަނޑު ޖެހީ އިބްރާހީމް އަފްސަލް އާއި އަލީ އަކްޝަމް އެވެ.

ޔުނައިޓެޑް ކޭކޭ ސެމީއަށް ގެންގޮސްދިނުމުގައި މިބްޝާމްގެ ދައުރު ބޮޑު: ފޮޓޯ-ކްލިކް ގްރަފީ

މަގޫދޫ ވަނީ ލީގު ބުރުގައި ކުޅުނު ފަހު މެޗުގައި 14-0 ން ފޮއްދޫ ޓީމް ހެލްތް ބަލިކޮށްފައެވެ. މުބާރާތުގެ އެންމެ ތަފާތު ބޮޑު ނަތީޖާ ފެނުނު މެޗުގައި ސައުދު އަހުމަދު 5 ލަނޑު ޖެހިއެވެ. އަދި މުޙައްމަދު އިރުޝާދު އާއި އާލިމް ޔޫސުފް އާއި އަލީ ޝާހިދު ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ ޖައިލަމް އިބްރާހީމް އާއި ނިހާދު މުޙައްމަދާއި މިގުދާދު މުޙައްމަދެވެ.

އެންމެ ތަފާތުބޮޑު ނަތީޖާއާއެކު މަގޫދޫ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

މަގޫދޫ އާއި ފޮއްދޫ ޔުނައިޓެޑް ކޭކޭ ވާދަކުރާ ސެމީފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް- ރިޕޯރޓްގެ ވީޑިއޯ: ކްލިކް ލައިވް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.