އަންނަ އަހަރުގެ މުބާރާތުގެ އަގު ބޮޑު ވާނެކަން އިއުލާނު ކުރަމުން ފޮއްދޫ ކައުސިލް ފުޓްސަލް ޗެލެންޖްގެ ހަ ވަނަ މުބާރާތް ފަށައިފިއެވެ.
ފޮއްދޫ ކައުންސިލް ޗެލެންޖް 2025 ފައްޓަވައިދެއްވީ ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު އަދި މިމުބާރާތުގެ މެއިން ސްޕޮންސަރ މުޙައްމަދު ޢައްބާސް އެވެ. މުބާރާތް މެމްބަރު އައްބާސް ފައްޓަވައިދެއްވީ އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާ ކަނޑައެޅިފައިވާކަން އިއުލާނުކުރައްވަމުންނެވެ. އަދި ފެއަރޕްލޭ ޓީމަށްވެސް 15,000 ރުފިޔާ ދެއްވާނެކަން އިއުލާނު ކުރެއްވިއެވެ. މީގެއިތުރުން ފޮއްދޫ ފުޓްސަލް ދަނޑުވެސް އަންނަ އަހަރުގެ މުބާރާތުގެ ކުރިން ބޮޑުކުރެވޭނެ މަގެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ ދުވަސްވީ ފޮއްދޫގެ ތިން ޓީމަށްވެސް ނާކާމިޔާބު ދުވަހަކަށެވެ. އޭގެ ބަދަލުގައި ފުރަތަމަ ދުވަހުގެ ތިން މެޗު ކާމިޔާބުކުރީ މުބާރާތުގައި ވާދަކުރާ އަވަށްޓެރި ތިން ރަށުގެ ތިން ޓީމެވެ. ފުރަތަމަ މެޗު ފޮއްދޫ ސިއްޙީ މަރުކަޒުގެ ޓީމާ ވާދަކޮށް 10-2 ން ކާމިޔާބުކުރީ ހޮޅުދޫ ތަމްސީލް ކުރާ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ އެވެ. އެޓީމުން ޖެހި ދިހަ ލަނޑުގެ ތެރެއިން ހަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ހާތިމް އެވެ. މުޙައްމަދު އާއިދު ތިން ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ އިސްމާއީލް މަހުފޫޒު އެވެ. ފޮއްދޫ ސިއްހީ މަރުކަޒު ޓީމްގެ ދެ ލަނޑު ޖެހީ އަސަދު އަބްދުލްވައްހާބު އާއި އަބްދުالله ނާހިޒު އެވެ.

ދެވަނަ މެޗު ކާމިޔާބުކުރީ ޅޮހީ ބޯއީޒް އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފޮއްދޫ ކުޑަކަންމަތި ސްޕޯރޓްސް ކްލަބް 7-4 ން ބަލިކޮށްގެންނެވެ. މެޗުގައި ޅޮހީގެ އަލީ އަކްޝަމް އާއި އަހުމަދު އިރުޝާން ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ ހަސަން ޖަލީލް އާއި އިބްރާހީމް އަފްސަލް އާއި ޔޫސުފް ތާރިޝް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަކްޝަމް އެވެ. ކުޑަކަންމަތި ސްޕޯރޓްސް ކްލަބްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހުމަދު މާއިޝް ރަޝީދު އެވެ. އަނެއް ދެ ލަނޑު ޖެހީ މުޙައްމަދު މަމްދޫހު އާއި އަހުމަދު އަސްފައު އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ކުޑަކަންމަތި ސްޕޯރޓްސް ކްލަބުންނެވެ. އަދި މެޗުގެ ނަތީޖާ 4-4 ން އެއްވަރުވެސް ވިއެވެ.

ފުރަތަމަ ދުވަހުގެ ފަހު މެޗު 8-5 ން ކާމިޔާބުކުރީ މަގޫދޫ އެފްސީ ގޯލަޑަން ފެލްކޮން އެވެ. އެޓީމްގެ އަށް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ސައުދު މުޙައްމަދު އެވެ. މުޙައްމަދު އިރުޝާދު ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ އާލިމް ޔޫސުފް އާއި ނިހާދު މުޙައްމަދާއި މިގުދާދު މުޙައްމަދެވެ.

މުބާރާތް ކުޅެނީ ލީގު އުސޫލުން ބުރެއް ކުޅެ, އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގަ ލިބޭ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމް ސެމީއެއް ކުޅެ ފައިނަލްގެ ދެވަނަ ޖާގަ ކަނޑައަޅާ ގޮތަށެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 30,000 ރުފިޔާ އެވެ.
