...

މުބާރާތެއްގެ ތެރެއިން ރައްޔިތުންގެ ‘ކެއިމާ’

1160

އައްޑޫ ސިޓީގެ ފޭދޫ ބަނދަރުން ފުރައިގެން ހުޅުދޫއަށް ދިޔައީ ކެއްކުމުގެ މުބާރާތެއް ތަޖުރިބާ ކޮށްލުމަށެވެ. ޕިކަޕެއްގައި ގޮސް މަޑުކޮށްލީ އެރަށު ކުރީގެ ސްކޫލް ގޯތި ތެރެއަށެވެ. އެތަނުގައި 1-6 އަށް ނަމްބަރު ޖަހާފައިވާ ހަ ޓެންޓް ހުއްޓެވެ. އެއީ ހަ ބަދިގެއެވެ. ކެއްކުމުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ބަދިގެއެކެވެ.

ހެނދުނު އަށެއް ޖެހުމާއެކު ކޮންމެ ބަދިގެ އަކަށް (ޓީމަކަށް) ކަނޑައެޅިފައިވާ ވަރަށް ކައްކަން ބޭނުންކުރާ ސާމާނު ހަވާލުކުރިއެވެ. ހަމަހަމަ އަށެވެ. ގަޑިން 8:30 ވުމާއެކު މަސައްކަތް އެފެށުނީއެވެ. އެމަސައްކަތް 12:30 އަށް ނިންމަން ޖެހެއެވެ. ހަތަރު ގަޑިއިރެވެ. ޓާސްކަކީ ކޭން ނުވަތަ ކެއިމާ ތައްޔާރުކުރުމެވެ. އިހުގެ ކެއިމާ އެވެ. އޭރުގެ ރަހަތަކެވެ. އައްޑޫ ހަވާދުގެ ރަހައިން ކުޅު ދިޔާކޮށްލަން ޖެހެއެވެ. ކޮންމެ ގްރޫޕަކުންވެސް 50 މީހުނަށް ވާވަރަށެވެ.

ހުޅުދޫ ކެއިމާ ތައްޔާރުކޮށްފަ

މިމަސައްކަތް ކުރަން ކޮންމެ ޓީމެއްގައި ތިބީ 8 މީހުންނެވެ. އޭގެތެރެއިން އެކަކު ވާންޖެހެނީ ފިރިހެނަކަށެވެ. ހަމަ ވަރަށް ވާދަވެރިއެވެ. ސީދާ އެއްވަނަ އަށް ނޫން ގޮތަކަށް އެއްވެސް ޓީމަކުން މަސައްކަތެއް ނުކުރެއެވެ. ކަނޑައެޅިފައިވާ ވަގުތުގައި އެއްވެސް ޓީމް މެމްބަރަކަށް އެތަން ދޫކޮށް ދިއުންވެސް މަނައެވެ. ބޭރުން އެއްޗެއް އެތެރެކޮށް, ނުވަތަ ބޭރުގައި އެއްވެސް މަސައްކަތެއް ކޮށްފާނެތީއެވެ.

ބަރާބަރު ގަޑިއަށް ކޭން ތައްޔާރުކޮށް ނިންމާ މޭޒުމަތީގައި އަތުރާލިއެވެ. ވަގުތަށް ނިންމުމުން ލިބޭ 10 މާރކްސް ހުރިހާ ގްރޫޕަކުންވެސް ހޯދިއެވެ. ސާފްތާހިރު ކަމުގެ ބައިންވެސް ފުލް މާރކްސްއެވެ. އެކި ގްރޫޕްތަކުގެ ޑެކަރޭޝަން ތަފާތެވެ. އެއީވެސް މާރކްސް ކަނޑައެޅިފައިވާ ކަމެކެވެ. އެންމެ ގިނަ މާރކްސް އޮތީ ރަހަ އަށެވެ. ރަހަ ކަނޑައެޅުންވީ ހަގީގަތުގައިވެސް ވަރަށް އުނދަގޫ ކަމަކަށެވެ. އެކަމަކު އެކަން ކުރަން ތިބީ ވަރަށް ގާބިލް ފަނޑިޔާރުންގެ ޓީމެކެވެ. ހުޅުދޫގެ ކަތީބުކަން 30 އަށްވުރެ ގިނަ އަހަރު ކުރެއްވި ބޭފުޅެކެވެ. އައްޑޫ ސިޓީގެ މޭޔަރެވެ. ކެނަރީފް ރިސޯރޓުން އައި ބޭރުގެ ދެ ބޭފުޅުންނެވެ. ދެން މިހުރީ މިފަދަ ކަމެއް މުޅިން އަލަށް ކުރާ އަޅުގަނޑެވެ.

ހުޅުދޫ ކެއިމާ ތައްޔާރުކޮށްފަ

އުނދަގޫ އެމަސައްކަތް ނިންމާލުމަށްފަހު އައްޑޫ ސިޓީ ކައުންސިލްގައި ހުޅުދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުލްސިލަރ ފައިޒުއާ އެހަރަކާތާ ގުޅޭގޮތުން ސުވާލުކޮށްލީމެވެ. މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް ހަގީގަތުގައި މިއީ ރައްޔިތުންނަށް ދޭ ކޭމެކެވެ.

އަޅުގަނޑުމެންގެ އައިޑިއާ އަކީ ކޮމްޕެޓިޝަންގެ ތެރެއިން މިއަންނަ ސަގާފީ ދިވެހި ކެއުމަކީ ރައްޔިތުންނަށް ދޭ ކެއުމެއް. އީދުގެ އުފަލުގައި ރައްޔުތުން ބައިވެރިކުރުމުގެ ވިސްނުން މިއީ. ފުދޭވަރަކަށް ތަރުހީބު ބޮޑު.

300-400 މީހުންނަށް އަންދާޒާ ކުރި ނަމަވެސް އެއަށްވުރެ ގިނަ ރައްޔިތުން އެތަނުގައި އޮތް ކެއުމުގައި ބައިވެރިވެ, އީދުގެ އުފާ އެކުގައި ލިބިގަތެވެ. ވަރަށް އުފާވެރި މަންޒަރެކެވެ. ކައުންސިލް މެމްބަރާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށްވެސް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މަޤްސަދު ހާސިލް ވުމެވެ.

ކެއިމާ ތައްޔާރުކުރަނީ ދުފުން ހިމެނޭ ގޮތަށް

ދެން އޮތީ ވަނަ ހޮވުމެވެ. ތިން ހާސް ރުފިޔާ ކަނޑައެޅުނު 3 ވަނަ ހޯދީ ސ.އަތޮޅު މަދަރުސާގެ ޕީޓީއޭގެ ޓީމެވެ. ފަސް ހާސް ރުފިޔާގެ ދެވަނަ ހޯދީ ހުޅުދޫ ސިއްހީ މަރުކަޒުގެ ޓީމެވެ. ދިހަ ހާސް ރުފިޔާގެ އެއްވަނަ ހޯދީ ހުޅުދޫ އަންހެނުންގެ ގުޅުމެވެ. އެއްވަނަ ހޯދި ޓީމުން ބުނީ މުބާރާތާ ކުރިމަތިލީ ވަރަށްގިނަ ރިސަރޗްތައް ކޮށްގެން, މޮޅު ކެއްކުންތެރިންގެ ރެސިޕީތައްވެސް ބަލައިގެން ކަމަށެވެ. އެއްވަނަ ލިބުމުން ލިބިފައިވާ އުފާ އެތަނުގައި ހުރި ކޮންމެ މީހަކަށް އިހުސާސް ކުރެވޭނެއެވެ.

އަލްހަމްދުالله. ވަރަށް ހިތްހަމަޖެހޭ, ހަމަ އުފަލުން މިތިބީ ރޮވިފަ. އެންމެ ފަހުވަގުތާ ހަމައަށްވެސް އުއްމީދު ކުރީ ހަމަ އެއްވަނަ ލިބޭނެ ކަމަށް.

ހަގީގަތުގައި މިއީ މިޢީދުގައި ފެނުނު އެންމެ ސަޅި, ނަތީޖާ އެންމެ ރަނގަޅު އެއް ހަރަކާތެވެ. މިއީ ހަމަ ކޮންމެ ރަށެއްގައި ކުރިއަށް ގެންދަން ވަރަށް ރަނގަޅު މުބާރާތެކެވެ. ހަރަކާތެކެވެ.  

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.