ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގައި ފުރަތަމަ ތިން މެޗުންވެސް މޮޅުވެ, ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ޑީއެސްއާރު) އާއި ހޯދަޑު ސްޕޯރޓްސް ކްލަބް (އެޗްއެސްސީ) ދެޓީމް ހިމެނޭ ގްރޫޕްގެ އެއްވަނައިގަ ހަމަޖެހިލައިފިއެވެ.
ޑީއެސްއާރު ތިންވަނަ މެޗުގައި ޔުނައިޓެޑް ދިގުވާންޑޮ ލެޖެންޑްސް އަތުން ހޯދީ 12-1 ގެ މޮޅެކެވެ. މިއީ މުބާރާތުގެ މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މެޗުގައި އަހުމަދު ހަމީދު (އައްމަޑޭ) އާއި ސާމިން މުހައްމަދު ނަސީރު ހެޓްރިކް ހެދިއެވެ. އިބްރާހީމް އަރީޝް (އަރިޓޭ) ދެ ލަނޑު ޖެހިއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އަލީ މާއިސް (މައްޓު) އާއި އަޒްޔާން އިބްރާހީމް އާއި އަހުމަދު ސިނާހު (ސިމްބެ) އާއި އަލީ ހާފިޒު (ހާއްޕެ) އެވެ. ޔުނައިޓެޑް ދިގުވާންޑޮގެ ހަމައެކަނި ލަނޑަކީ މެޗުގެ އެންމެ ފަހު ވަގުތު އިބްރާހީމް ރަޝީދު (ރޮޓޭ) ޖެހި ލަނޑެވެ. މިލަނޑާއެކު މެޗު ނިމުނީއެވެ. ލަނޑު ކޮޅަށް ވަނީ ކީޕަރު މުޙައްމަދު ޠޮލާލުވެސް ލަނޑު ޖަހަން ކުރިއަށް އަރާ ހުއްޓައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސާމިން އެވެ.

ޑީއެސްއާރު ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ, ކްއާޓާ ފައިނަލް ޔަގީންކޮށްފައެވެ. ގްރޫޕް ސްޓޭޖްގައި އެޓީމަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. ގްރޫޕް އޭގައި އެޓީމްގެ ފަހަތުން ދެވަނައިގައި އޮތީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑް (ޑީއެސްޔޫ) އެވެ. އެއީ 2 މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމްގެ ދެ ވަނަ މެޗު ނިމުނީ ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބާ ވާދަކޮށް 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ޑީއެސްޔޫގެ ލަނޑު ޖެހީ ހަސަން ޒައިދާން އެވެ. ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބްގެ ލަނޑު ޖެހީ މުހައްމަދު ލައިސް ހުސްނީ އެވެ.
ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ރޭ އައްޔަނި ސްޕޯރޓްސް ކްލަބް 3-2 ން ބަލިކުރި ހޯދަޑު ސްޕޯރޓްސް ކްލަބެވެ. ހޯދަޑު ސްޕޯރޓްސް ކްލަބުން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖްގައި އެޓީމަށް ބާކީ އޮތީ އެއް މެޗެވެ. އައްޔަނި ސްޕޯރޓްސް ކްލަބް ކޮޅަށް އެޓީމްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހީމް ޝަރީފް މުޙައްމަދު (އިއްބެ) އެވެ. އަނެއް ލަނޑު ޖެހީ އަބްދުالله ރަޝީދު (ޕެލޭ) އެވެ. އައްޔަނި ސްޕޯރޓްސް ކްލަބްގެ ދެ ލަނޑު ޖެހީ އަޖްމަލް އަހުމަދު އާއި އަލީ ޝަމާލު ޢަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕެލޭ އެވެ. އައްޔަނި ސްޕޯރޓްސް ކްލަބް އަށް ގްރޫޕް ސްޓޭޖްގައި އަދި ދެ މެޗު އޮންނާނެއެވެ.

ގްރޫޕް ބީގެ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސް ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ. އެއީ ޔުނައިޓެޑް ދިގުވާންޑޯ ސްޓްރައިކާރސް 2-1 ން ބަލިކޮށްގެންނެވެ. މެޗުން މޮޅުކޮށްދޭން ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަޔާދު ނަސީރު މުޙައްމަދެވެ. ދިގުވާންޑޯ ސްޓްރައިކަރސްގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއީލް މާދިހު (މާދު) އެވެ. ޔުނައިޓެޑް ދިގުވާންޑޯ ސްޓްރައިކާރސް އޮތީ ތިން ތިން މެޗުން 3 ޕޮއިންޓާއެކު ތިން ވަނައިގައެވެ. ދިގުވާންޑޯ ސްޓްރައިކާރސް އޮތީ ދެ މެޗުން 1 ޕޮއިންޓާއެކުއެވެ.
