މިއީ މިހާރުވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެކެވެ. ގިނަ ބައެއްގެ މަގްބޫލް މަންޒިލެކެވެ. ޗުއްޓީއަށް ބާރުބޮޑު ރަށެކެވެ. އެކަމަކު މިވަރުން އަދި ނުފުދެއެވެ. މިހާރުވެސް އިގްތިސާދީ ގޮތުން ފުދުންތެރި މިރަށުގެ ކައުންސިލާއި ރައްޔިތުންވެސް އަމާޒު ހިފާފައި ވަނީ ލޯކަލް ޓޫރިޒަމް ނުވަތަ ކޮމިއުނިޓީ ޓޫރިޒަމްގެ މަޤްބޫލް މަންޒިލަކަށް ހެދުމަށެވެ. ގެމަނަފުށީގެ މިތަސައްވަރަށް ދެވޭނެ ކަމަށް ކައުންސިލުން ދެކެއެވެ.
މިވަގުތުވެސް މިރަށުގައި ރަނގަޅު ފެންވަރުގެ 4 ގެސްޓްހައުސް އެބަހުއްޓެވެ. އަދި 5 ކެފޭ ރެސްޓޯރަންޓާއެކު ޒިޔާރަތްކޮށް އުޅުމަށް އުނދަގުލެއް ނެތެވެ. މިރަށަށް ޒިޔާރަތްކުރަން ސަބަބުތަކެއް އެބަހުއްޓެވެ. ފަތުރުވެރިން ގަޔާވާނެ ސިފަތަކެއް ވަނީ ލިބިފައެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަށައިގެން އެއް ފަޅެއްގެ ތެރޭގައި ފަޅު ރަށްތަކެއް ހުރުމެވެ. އެއް ފަޅެއްގެ ތެރޭގައި 16 ފަޅުރަށް އެބައޮތެވެ. އެސަރަހައްދަކީ ދިވެހީންނާއި ފަތުރުވެރީންވެސް ޝައުގުވެރިވާނެ ސަރަހައްދެއް ކަމާމެދު ޝައްކެއްވެސް ނެތެވެ.

މިރަށާ ކައިރީގައި މަޝްހޫރު ޑައިވް ޕޮއިންޓެއް އޮތުމަކީ ދެވަނަ ސަބަބެވެ. ރަށުގައި ޑައިވް ސެންޓަރެއް ހުރުމާއެކު އެތަނަށް ދިއުމަށް ހުރަހެއް ނެތެވެ. ގެމަނަފުށްޓަށް ޒިޔާރަތް ކޮށްލައިގެން ރާއްޖޭގެ އެންމެ ރަނގަޅު އެއް ޑައިވް ޕޮއިންޓަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ. ކަނޑު އަޑީގެ ރީތިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއީ ހަމަ އެންމެ ރަނގަޅު އެއް ރަށެވެ. މިހާރުވެސް މިސަރަހައްދަށް ގިނަ އަދަދަށް ސަފާރީ ބޯޓްތައް އާދެއެވެ. ފަތުރުވެރީން ޑައިވް ޕޮއިންޓަށް ގޮސް ހިތްހަމަ ޖެހުން ހޯދައެވެ.
ގެމަނަފުށީގައި ޑައިވް ސެންޓަރު ހިންގަނީ ރާއްޖޭނެ ބޭރުގެ ޑައިވަރެކެވެ. އޭނާ އަކީ ކޮންމެ ދުވަހަކު އެސަރަހައްދަށް ޑައިވްކޮށް, އެސަރަހައްދުގެ ރީތިކަން ތަޖުރިބާ ކުރަމުންދާ މީހެކެވެ. އެއީ ރާއްޖޭގައި ޑައިވްކުރަން އެންމެ ރަނގަޅު އެއް ސަރަހައްދުކަމަށް އޭނާ ބުނެއެވެ.
އެންމެ ރަނގަޅު އެއް ޑައިވިންގ ސައިޓް ރާއްޖޭގެ. މިސަރަހައްދަކީ ޑައިވިންގ އަށް އެންމެ ރަނގަޅު އެއް ސަރަހައްދު. ކަނޑުއަޑީގެ ދިރުންތައް ވަރަށް ރަނގަޅަށް ފެންނަ ސަރަހައްދަށް.
ކޮމިއުނިޓީ ޓޫރިޒަމަށް މިރަށް މަޤްބޫލް ރަށަކަށްވާ ތިންވަނަ ސަބަބަކީ ދަތުރުދާނެ ރަނގަޅު ސަރަހައްދުތައް ހުރުމެވެ. ރަށުގެ ޕިކްނިކް އައިލެންޑާއި, ރަށުގައި ތަރައްޤީ ކޮށްފައިވާ ސަރަހައްދެވެ. އެންމެ ފަހުން ތަރައްޤީކުރި ސަންރައިޒް ބީޗެވެ. އެހެންކަމުން ދަތުރުދާން ޝައުގުވެރިވާ ފަރާތްތަކަށްވެސް މިއީ ވަރަށް ރަނގަޅު މަންޒިލެކެވެ.
ގެމަނަފުށީ ކައުންސިލްގެ ވިސްނުން ހުރީ ކޮމިއުނިޓީ ޓޫރިޒަމްގެ ހަބަކަށް މިރަށް ހެދުމެވެ. އެކަމަށް މިވަގުތަށް އޮތް ގޮންޖެހުމަކީ ރަށުގައި ބިމުގެ ޖާގަ ނެތުމެވެ. ކޮމިއުނިޓީ ޓޫރިޒަމްއަކީ ރާއްޖެއިން ބޭރުގެ ފަތުރުވެރީންނަށް ޚާއްޞަ ފަތުރުވެރިކަމެކެވެ. ރާއްޖެއިން ބޭރުގެ ފަތުރުވެރިން ގެންނަ ނަމަ ބިކިނީ ބީޗެއް އޮންނަން ޖެހޭ ކަމަށް ކައުންސިލުން ދެކެއެވެ. ކައުންސިލް ރައީސް އިބްރާހީމް ނާޝިދު ވިދާޅުވީ ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ބިކިނީ ބީޗެއް ރަށުގައި ހެދެން ނެތުމުން ކައިރީގައި އޮތް ފަޅު ރަށުގައި އެކަން ކުރުމުގެ ތަސައްވަރެއް ގެންގުޅޭ ކަމަށެވެ.
އަޅުގަނޑުމެން ވިސްނަނީ, އަޅުގަނޑުމެންގެ ތަސައްވަރަކީ މިރަށާ ޖެހިގެން އޮންނަ ކުޑަ ރަށް, އެރަށާ މިރަށާ ދޭތެރޭގައި ފާލަމެއް އަޅާފަ އެރަށުގަ ބިކިނީ ބީޗް ހަދަން. ބިކިނީ ބީޗް ހެދިގެން ދިއުމަކީ އަޅުގަނޑުމެންގެ ލޯކަލް ޓޫރިޒަމް އަނެއް ހަރުފަތަށް ދިއުން.
ހުވަދު އަތޮޅުގެ ކޮމިއުނިޓީ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެހިސާބަށް ދިއުމަށް ކުރަން ޖެހޭ ހޭދައެވެ. ނަމަވެސް މަތިން ހުވަދު އަތޮޅަށް ދިއުމުން އާރުޓީއެލްގެ ނިޒާމުން އެތެރޭގެ ދަތުރުފަތުރު ފަސޭހައެވެ. ތިން އެއަޕޯޓަކަށް ދަތުރުކޮށް އެދުވަހުން ދުވަހަށް ގެމަނަފުށްޓަށް ދެވޭނެއެވެ. އެއީ ގދ.ކާޑެއްދޫ އާއި މާވަރުލު އެއަޕޯޓާއި, ފަރެސްމާތޮޑާ އެއަޕޯޓެވެ. އެންމެ ކައިރީ މާވަރުލެވެ.

ގެމަނަފުށީ ރައްޔިތުންވެސް, ގެސްޓްހައުސް ވިޔަފާރީގަ އުޅޭ ފަރާތްތަކުންވެސް މިހާރު އެންމެބޮޑަށް ބޭނުންވަނީ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ކޮމިއުނިޓީ ޓޫރިޒަމް ތަރައްޤީ ކުރުމަށެވެ.
” އަޅުގަނޑު ދެކެނީ މުސްތަޤްބަލްގަ އަޅުގަނޑު މިބުނި ޖެޓީއާ އެއްކޮށް އަޅުގަނޑުމެންގެ ރަށަށް ލޯކަލް ޓޫރިޒަމް ހަމަ ކުރިއަރައިގެން ދާނޭ.” ކައުންސިލް ރައީސް ވިދާޅުވިއެވެ.
