...

ށ.އަތޮޅުގެ ޗެމްޕިއަނުންގެ ބިލާހަކަށްވި ހޭންޑްބޯޅަ ކޯޓް!

1283

ވީޑިއޯއިން އެފެންނަނީ ށ.ފޭދޫ ފުޓްސަލް ދަނޑެވެ. އެކަމަކު މިރަށުގެ އަންހެނުންނާއި, ސްކޫލްގެ ދަރިވަރުން އެދަނޑުގައި ކުޅެމުން އެދަނީ ހޭންޑްބޯޅައެވެ. އެއްކޮޅުގައި އެތިބީ ހޭންޑްބޯޅައިގައި ށ.އަތޮޅުގެ ޗެމްޕިއަން ޓީމެވެ.  ފޭދޫ އަކީ މިއަތޮޅުގެ ހޭންޑްބޯޅަ ޗެމްޕިއަނުން ނެވެ. އަތޮޅު ކައުންސިލުން ބޭއްވި ދެ މުބާރާތުގެވެސް ތަށި ހޯދިއެވެ.

އެތަށިން ނުލިބުނު އުފަލަކީ އަދި ހިތްހަމަ ޖެހުމަކީ ހޭންޑްބޯޅަ ކޯޓެއްގެ އުފާވެރިކަމެވެ. 2022 ވަނަ އަހަރު ފުރަތަމަ އަތޮޅު މުބާރާތަށް ދިޔައީ ތަށި ހޯދައިފި ނަމަ ހޭންޑްބޯޅަ ކޯޓެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން ވަރަށްބޮޑު ރޫހެއްގައެވެ. އެތަށި ހޯދުމުން  ހޫނު މަރުހަބާއެއް ކިޔަސް, ހޭންޑްބޯޅަ ކޯޓްގެ އުއްމީދެއް ނުލިބުނެވެ. ޓީމްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ފާތިމަތު ސިފާނާ މިއަދުވެސް ފާހަގަކުރީ އެކަމެވެ.

ދެން އަޅުގަނޑުމެން ހަމައެފަހަރު ޗެމްޕިއަންކަން ނެގީ. އެކަމަކު ކޯޓެއް އަޅުގަނޑުމެންނަކަށް ނުލިބުނު. ވަން އިޔަ ހޭދަވެގެން ދިޔައީ, ޓޫ އިޔަރ ހޭދަވެގެން ދިޔައީ ހަމަ ކޯޓްގެ ވާހަކަ ވަރަށް ވަރަށް ކީން. އެކަމަކު ހަމަ އެގޮތަށް ދަތިކޮށް ޕްރެކްޓިސްތައް އަނެއްކާވެސް ކުރަން ޖެހުނީ. ކޯޓެއް ނުލިބޭ. އަބަދުވެސް ލިބޭނޭ, ލިބޭނޭ ކިޔަނީ

ދެވަނަ މުބާރާތަށް މިދިޔަ 2024 ވަނަ އަހަރު ޓީމް ދިޔައީ ތަށި ހޯދައިފިނަމަ ހޭންޑްބޯޅަ ކޯޓެއް ފެންނަވަރު ކޮށްދޭން އެދެމުންނެވެ. އެކަމަކު މިފަހަރުވެސް ތަށީގެ އުފާވެރިކަމާއެކު ލިބުނީ ކޯޓެއް ނުލިބުމުގެ މާޔޫސްކަމެވެ. ވެލިދަނޑެއް ނަމަވެސް ލިބޭނެ ކަމުގެ އުއްމީދުގައި އޮތް ޓީމުން ވަނީ އަތޮޅުގެ ރައީސުންނާއި, އެމްޕީންނާ ހަމައަށްވެސް ކޯޓެއް ހޯދުމުގެ ކަންތަކުގައި މަޝްވަރާކޮށް, އެކަމަށް އެދިފައެވެ. ރަށު ކައުންސިލުން އެކަމަށް ވަރަށް މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބުނަސް އެކަމުގައި ކުލަ ނުޖެހޭތީ ކުޅުންތެރިންނަށް އޮތީ މާޔޫސްކަމެވެ.

ފޭދޫ ފުޓްސަލް ދަނޑުގައި ހޭންޑްބޯޅަ ކުޅެނީ

ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް ވިދާޅުވީ މިދިޔަ ދައުރުގެ ފަހު އަހަރުވެސް ހޭންޑްބޯޅަ ކޯޓެއް ބަޖެޓްގައި ޖެހި ނަމަވެސް އަމަލީ ސިފައެއް ނައި ކަމަށެވެ. އަދި ރަށުގެ ޒުވާނުންނަށް އެޔަގީންކަން ދެނީ އެކަމަށް މަސައްކަތްކޮށް ކުޅިވަރާ ބެހޭ ވަޒީރުންގެ ފަރާތުންވެސް އުއްމީދު ދިނުމުން ކަމަށެވެ. ބަޖެޓްކުރިޔަސް އެކަން ނުކުރެވޭތީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށް ރައިސަމް ވިދާޅުވިއެވެ.

ފޭދޫ ހޭންޑްބޯޅަ ޓީމްގެ ކުޅުންތެރިޔާ އާމިނަތު މާރިޝާ ވެސް ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ދެކޭ އުއްމީދަކީވެސް ހޭންޑްބޯޅަ ކޯޓެއް ލިބުން ކަމަށެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށް ފެންނަނީ ހަމަ ހޭންޑްބޯޅަ ކޯޓެއް ނެތުން. ދެންހަމަ ފުޓްސަލް ދަނޑެއްގައި ކުޅެން ޖެހުމާ, ދަނޑެއް ނެތް ކަންތައް އެންމެ ބޮޑަށް އަންނަނީ.

ހޭންޑްބޯޅަ އާއި ފުޓްސަލް އެއް ދަނޑެއްގައި ކުޅެން ޖެހުމާއި, އެއްވަގުތެއްގައި ދެބައި މީހުންވެސް ކުޅެން ބޭނުންވުމުން ދިމާވާ މައްސަލަތަކާއެކު ދަނޑުވެސް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. 2020 ވަނަ އަހަރުން ފެށިގެން ހޭންޑްބޯޅަ ކުޅެމުން އަންނަ މިރަށުގެ ޒުވާނުން ހޯދި ތަށީގެ ހައްގުގައިވެސް ކޯޓެއް އަޅައިދޭން ޖެހޭކަމަށް އެޒުވާނުން ދެކެއެވެ. ޗެމްޕިއަނުންނަށް ވުމަށް ކުރި ދަތުރުގައި ކައިރި ރަށްތަކަށް ގޮސް މެޗުތައް ކުޅުނީ ކުޅުންތެރިން ޗަންދާ ނަގައިގެންނެވެ. ކުރިއަށް ދިއުމަށް ކުރި މަސައްކަތުގައި ލިބުނު އެންމެ ބޮޑު އެހީއަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވައިދިން ކޭމްޕެވެ. އެއަށްވުރެ އިތުރު އެހީ ބޭނުންވާކަން އެޓީމް ވަނީ ސާބިތުކޮށްދިފައެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.