ދަތުރެއްގެ މަތީގައި ކުޑަ ވަގުތުކޮޅަކަށް ގއ.ގެމަނަފުށްޓަށް ޒިޔާރަތްކޮށްލެވުނަސް އެރަށް ބަލާލެވޭނެއެވެ. އެރަށުގެ މުހިއްމު ހަމަ ހުރިހާ ސަރަހައްދެއް ފެންނާނެއެވެ. ރަށުގެ ހިތްގައިމުކަން ފެނި ވަގުތު އޮވެގެން ދެވަނަ ދަތުރެއް ކުރުމުގެ ޝައުގު އުފެދޭނެއެވެ.
ކުޑަވަގުތުކޮޅަކަށް ގެމަނަފުށްޓަށް ޒިޔާރަތްކޮށްލެއްވިއްޖެނަމަ ބަލާލަން ދާން އެންމެ ރަނގަޅު ތަނަކީ އެރަށު ސްކޫލްގެ ކުރިމަތީގައި ހުންނަ ‘ބެލެނިވެރިންގެ ހިޔާ” އެވެ. ބެލެނިވެރިންނަށް ދަތި ނުވާނެ ގޮތަކަށް, އެތަން ބަލާލުމަށް ކައުންސިލުން ހުރަހެއް ނާޅާނެ ކަމަށް ދެކެމެވެ. އެހެނީ އެތަނަކީ ޢާއްމުކޮށް މީހުން ވަދެ ނިކުމެ ހަދަން ޚާއްޞަ ތަނެއް ނޫނެވެ. ސްކޫލް ދޮށަށް ދާ ބެލެނިވެރިން މަޑުކޮށްލަން ޚާއްޞަ, ބެލެނިވެރިންގެ ހިޔާއެވެ.

ބެލެނިވެރިންނަށް ޚާއްސަވިޔަސް އެތަނަށް އެހެން މީހުންވެސް ޒިޔާރަތްކުރަން ބާރުލިބޭ ފަދަ ގޮތަކަށް ވާހަކަދައްކަން ޖެހުނީ އެތަނުން މުޅި ގެމަނަފުށި ފެންނާތީއެވެ. ގެމަނަފުށީގެ ހިތްގައިމު ހުރިހާ ސަރަހައްދެއްގެ ހިތްގައިމު ނަލަ ތަސްވީރު ތަކުންނެވެ. ރަށުގައި ހުރި ޕިކްނިކް ސަރަހައްދުތަކެވެ. ކްލޮކް ޓަވަރާއި, އިރުއޮއްސުމުން ފެންނަ ހިތްގައިމު މަންޒަރެވެ. ރަށުގެ ބަނދަރާއި, މަތިން ބަލާއިރު ރަށް ފެންނަ ގޮތެވެ. ޤުރުއާނުގެ މޫރިތި ދެ އާޔަތަކާއި, މާނައެވެ.
ގެމަނަފުށި ބެލެނިވެރިންގެ ހިޔާ ތަފާތެވެ. ސަޅިއެވެ. ޝައުގުވެރިއެވެ. ހިތްގައިމެވެ. މިއީ ކައުންސިލްގެ ހަދިޔާއެކެވެ. މިދިޔަ އަހަރު މުޅިން ނިންމާ ބެލެނިވެރިންނަށް ކޮށްފައިވާ ހަދިޔާއެކެވެ. އިށިއިނދެ މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ހަގީގަތުގައި ތައްޔާރުކޮށްފައިވަނީ މުޅި ‘ގެމަނަފުށްޓެވެ’.
