...

‘ސޭފް’ ގެމަނަފުށި

747

ރަށުގެ ފަޅުތެރެއަށް ވަދެ, ލޯންޗް ކައިރިކޮށްލާއިރުވެސް އިހުސާސް ކުރެވެނީ މަރުހަބާ ކިޔަން ތައްޔާރަށް އޮތް ރަށެއް ކަމެވެ. ރަށަށް ފައިބާ ޖެޓީވެސް ތަފާތެވެ. ޖެޓީން ނިކުންނައިރު ކުރިމަތިން ފެންނަނީ މައިމަގެވެ. އެމަގު ފެށޭ ތަނުގައި ހުރި ގިޑިގޭގައި ބޮޑުކޮށް ޖަހާފައި ވަނީ ‘ގެމަނަފުށްޓަށް މަރުހަބާ’ އެވެ.

ހަގީގަތުގައިވެސް މިރަށަކީ މެހުމާނުންނަށް މަރުހަބާ ކިޔަން އަބަދުވެސް ތައްޔާރަށް އޮތް, ގިނަބަޔަކު އެރަށަށް ޒިޔާރަތްކުރަން އެދޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

ގެމަނަފުށި ބޭރު ތޮށީގައި ކުޑަކުދިންތަކެއް މަސްބާނަނީ: ފޮޓޯ-ޙަފްޞީ

ދެހާހާ ކައިރީގައި އޮތް އާބާދީގެ ތެރެއަށް ޒިޔާރަތްކޮށްނުލާންވީ ސަބަބެއްވެސް ނެތެވެ. ގެމަނަފުށި ޚާއްޞަވާ “ޚާއްޞަ’ ސަބަބުތަކެއް އެބަހުއްޓެވެ. އެސަބަބުތައް އެންމެ ފުރަތަމަ ހިއްސާކޮށްދެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދުއެވެ.

ގެމަނަފުށީގައި ނޯންނާނެ އެއްވެސް ބިރުވެރިކަމެއް. ގެމަނަފުށްޓަކީ ވަރަށް ސޭފް ރަށެއް. މެހުމާންދާރީ އެހާރަނގަޅުވާނެ. އެކަނިމާއެކަނި ބޭނުން ގަޑިއެއްގަ އުޅެންވީ, މިނިވަންކަމާއެކު. އެއްވެސްކަހަލަ ބިރުވަރިކަމެއް އިހުސާސްއެއް ނުވާނެ

އަހަރެން އެރަށުގައި ހޭދަކުރި 4 ދުވަހުން އެކަން މާބޮޑަށްވެސް ޔަގީންވިއެވެ. ހަގީގަތުގައިވެސް ‘ސޭފް’ ރަށަކަށްވުމަކީ ރަށަށް ޒިޔާރަތްކުރަން ބަލާއިރު އޮތް އެންމެ ބޮޑު ހިތްހަމެޖުމުވެ. މީގެކުރިންވެސް ސޭފް ރަށްތަކަށް ޒިޔާރަތްކުރެވުނެވެ. އެކަމަކު އެއީ އާބާދީ ވަރަށް މަދު, އަދި ރަށުގައި ދިރިއުޅޭ އާބާދީ އެއަށްވުރެ މަދު ރަށްތަކެވެ.

ގެމަނަފުށި ބޭރު ތޮށީގައި އިރުއޮއްސޭ މަންޒަރު ބަލަން މަޑުކޮށްލައިގެން ތިބި އާއިލާއެއް: ފޮޓޯ-ޙަފްޞީ

ގެމަނަފުށްޓަކީ ދެހާސް ހަމަވުމާ ގާތުގައި އެތައް އަހަރެއްވެ, އެއަދަދު ހަމަނުވެ އޮތް ރަށެކެވެ. އާބާދީ އޮތީ ރަށުގައި ހިފެހެއްޓިފައެވެ. ރަށު ސްކޫލްގައި 400 ކުދިން ކިޔަވަމުން ދިއުމަކީ މީގެ ހެއްކެކެވެ.

މިރަށުން ފާހަގަކުރެވުނު ދެވަނަ ކަމަކީ މިއީ ޕިކްނިކް އައިލެންޑެއް ކަމެވެ. (އެވާހަކަ ތަފްސީލްކޮށް އަދި ފަހުން ގެނެސްދޭނަމެވެ) ރަށުގެ ދެފަރާތުގައި ހިތްގައިމު ދެ ސަރަހައްދު ވަނީ ތަރައްޤީކޮށްފައެވެ. މަޑުކޮށްލައިގެން ތިބެވޭ ގޮތަށް އަދި މޫދަށް އެރެވޭ ގޮތަށެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ތަރައްޤީކުރި ޒީރޯ ބީޗާއި, މާރެހަ ބީޗެވެ. އަދި ކައުންސިލުން މިހާރު ތަރައްޤީކުރަމުންދާ ސަންރައިޒް ބީޗެވެ. މީގެއިތުރުން ރައްޔިތުންގެ ތެރެއިން ތަރައްޤީކޮށް ކައުންސިލުން ބަލަހައްޓަމުންދާ ޕިކްނިކް އައިލެންޑެވެ. ގެމަނަފުށި ފަޅުތެރޭގައި ހުރި ގިނަ ފަޅުރަށްތަކުގެ ތެރެއިން އެކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައިވާ ދެރަށުން އެއް ރަށް ވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށްފައެވެ. އެހެންކަމުން ޕިކްނިކް ދިއުމަށް ގެމަނަފުށްޓަށްވުރެ ވަކިން ރަނގަޅު ރަށެއް ނެތެވެ. އެއީ ‘އޮޕްޝަން’ ތައް ގިނަވުމުންނެވެ.

ގެމަނަފުށީގެ މައިމަގުގެ ހަތަރު އަނގޮޅީގައި ބަހައްޓާފައިފާ ކްލޮކް ޓަވަރު: ފޮޓޯ-ޙަފްޞީ

މިރަށުގެ ރައްކާތެރިކަމާ ގުޅިފައިވާ އެންމެ މައިގަނޑު ސަބަބަކީ ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމެވެ. ރަށުގެ މީހުންނާ ވާހަކަ ދައްކާލައިގެން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާމްދަނީއެއް ހޯދަން މަސައްކަތެއް ކުރާ ކޮންމެ މީހެއްގެ އެވްރެޖް މަހެއްގެ އާމްދަނީ 30,000 ރުފިޔާއަށް އަރާނެއެވެ. ރަށުގައި މަސައްކަތްކުރާ ބިދޭސީއެއްގެ ވެސް އެންމެ ކުޑަ ދުވަހު މުސާރައަކީ އެވްރެޖް 500 ރުފިޔާއެވެ.

ރަށުގެ ފުދުންތެރިކަން ހާމަވާ ސަބަބުތަކަށް ބަލާއިއިރު 25 ކާރު އޮތުން ފުދެއެވެ. އެއީ މުޅިންވެސް ޕްރައިވެޓް ނުވަތަ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކާރެވެ. 40 ވަރަކަށް ބަގީގެ އިތުރުން ރަށު ޕިކަޕްވެސް ގިނައެވެ. 50 ވަރަކަށް ކުދި ޑިންގީވެސް މިރަށގެ ފަޅުތެރެއިން ފެނެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ބަގީ ދުއްވާ ގިނަ މީހުންނަކީ އަންހެނުންނެވެ. ޢާއްމުގޮތެއްގައި ބަގީއަކީވެސް ވިޔަފާރި އުސޫލުން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެމީހުންގެ އަމިއްލަ ބޭނުންތަކަށާއި, ކުދިވެރިން ގޮވައިގެން ދުއްވާލަން މަދުމަދުން ނިކުމެ އުޅޭތީ ފެނެއެވެ. ރަށަށް ޒިޔާރަތްކުރާ ރަހުމަތްތެރިންގެ ދަތުރުތައް ކޮށްދޭތީވެސް ދުށީމެވެ. މިރަށުގައި ވެހިކަލްތައް ގިނަޔަސް ހަމައެއް ލަމައެއް ނެތި, ބޭކާރު ދުއްވުންތަކަށް ނިކުމެ އުޅޭތީއެއް ނުދެކެވެ. އެހެކަމުން އަދަދުން ވެހިކަލް ގިނަޔަސް ހަގީގަތުގައި އެއިހުސާސެއް ނުކުރެވެއެވެ.

ގެމަނަފުށީގައި ޑިންގީ ގިނަ: ފޮޓޯ-ޙަފްޞީ

މިއީ މަސްވެރި ރަށެކެވެ. ޒުވާން މަސްވެރިންވެސް ގިނަ ރަށެކެވެ. 100 ފޫޓަށްވުރެ ބޮޑު 9 މަސްދޯނި އޮތުން ހެއްކަކަށް ފުދެއެވެ. ރަށުތެރެއިން ބައްދަލުވި ބައެއް މީހުންނާ އަހަރެން ކުރި ސުވާލަކީ މިރަށް ޚާއްޞަވާ ސަބަބަކީ ކޮބައިތޯއެވެ. މިރަށަށް މީހަކު އަންނަން ޖެހޭ ވަކި ޚާއްޞަ ސަބަބެއް އެބައޮތްތޯއެވެ.

ޚާއްޞަ އެއްކަމަކީ މިހާރު މިދުއްވާ ސައިކަލް ދޯ, ކޮންމެހެން ތަޅުދަނޑި ނަގާކަށް ނުޖެހޭނެ. ގެރެންޓީ އެބައޮވޭ ވައްކަން ނުކުރާނެކަން. ދެން ވަރަށް މިނިވަންކަން އޮންނާނެ ހުރިހާއެންމެންނަށްވެސް.

ރަށުން ފުރަން މައިގަމުން ޖެޓީއާ ދިމާއަށް ދިޔައިރު ގިރާކުރަން ޖެހުނީ ރަށަށް ފޭބިއިރުވެސް ހުރަސްކުރަން ޖެހުނު ގިޑިގެއެވެ. މިފަހަރު ގިޑިގޭގައި ލިޔެފައި އޮއްވާ ފެނުނީ “ބާއްޖަވެރި ދަތުރަކަށް’ އެދޭ ކަމަށް ލިޔެ އަލްވަދާއުގެ މެސެޖެވެ. ރަށުން ފުރުމުގެ ކުރިން ރަށު ބަނދަރުން ބައްދަލުވި މީހަކާ އަހަރެންމެ ޢާއްމު ސުވާލުކޮށްލީމެވެ. މިރަށަށް އަންނަންވީ ކީއްވެހެއްޔެވެ.

“ރަށެއް ބަލާލުމަށްޓަކާ, ރަށަކަށް ޒިޔާރަތްކުރުމަށްޓަކާ ދިވެހިރާއްޖޭގަ ހަމަ އެންމެ އެކަށީގެންވާ އެއްރަށް ގެމަނަފުށްޓަކީ” އޭނާ ބުންޏެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.