...

ލޯފަން ޒުވާނުންގެ ޝައުގާއި ހުނަރު, އަހަރެމެންގެ އިހުމާލު!

797

ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ޝައުގުވެރިކަމާއެކު ބަލާލުމުން އުފެދޭ ސުވާލަކީ ކޮބައިތޯއެވެ. ވީޑިއޯން އެފެންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ނިސްބަތްވާ ޒުވާނުންނެވެ. އެޒުވާނުން މާލެ އައިސް ހަރަކާތްރެރިވަމުން އެދަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކަށް ވަދެގެން އެތެރޭގައި ހުންނަ ހޯލެއްގައެވެ. ސުވާލަކީ އެމީހުން އެކުރަނީ ކޮންމަކެއްތޯއެވެ.

@happehafsy

ވީޑިއޯ ރިޕޯރޓް: ލޯފަން ޒުވާނުންގެ އާދަޔާ ޚިލާފް ޝައުގާއި ހުނަރު! އެމީހުންނާމެދު އަހަރެމެން މިތިބީ އިހުމާލުވެފަ! #Maldives #BVISM #hafseeabdulla #hafsee

♬ original sound – Hafsee.com

ރޭގަނޑު އަށެއް ޖަހާއިރު އަހަރެން އެތަނަށް ވަނުމާ ހަމައަށް އެތަނުގައި ތިބީ މުޅިންވެސް ފެނުމުން މަހުރޫމްވެފައިވާ ޒުވާނުންނެވެ. އެކަމަކު އެމީހުންގެ ހަރަކާތްތަކުންނާއި, މަސައްކަތްތަކުން ދައްކައިދެނީ މުޅިން އެހެން ތަސްވީރެކެވެ. އެހޯލްގައި އެމީހުން އެރާވަނީ ސައުންޑް ސެޓަޕެކެވެ. އެމީހުން އެއިންތިޒާމް ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި 100 އަށްވުރެ ގިނަ އެމީހުންގެ އެކުވެރީން އެއް ކޮންފަރެންސަކުން ގުޅާލުމުގެ އިންތިޒާމެވެ. މުޅި ހޯލަށް އެއަޑު އިވޭނެ އިންތިޒާމް އެހަމަޖައްސަނީ އިތުރު މީހަކަށް ނުވަތަ ބައެއްގެ ބައިވެރިވުމެއް ނެތި, އެކަމަށް ބޭނުންވާ ސާމާނު އެކި މީހުންގެ އަތުން ހޯދައިގެންނެވެ.

އެމީހުން އެތައްޔާރުވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ހަވަނަ ދައުރަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށެވެ. އަހަރެން އެތަނަށް ދިޔައީ އެއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލި ކޮމިޓީގެ ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ގޮތުންނެވެ. މިމަންޒަރުތައް އަހަރެން ފޯނަށް ރެކޯޑްކުރަމުން ދިޔައީ އެމީހުންނަށް އެނގުމެއް ނެތިއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްގެންދަން ރާވާފައިވާ ގޮތާއި, އުސޫލުތައް ހަވީރު މާލެއިން ބައްދަލުކޮށް އޮތީ ރަނގަޅަށް އޮޅުންފިލުވައިދީފައެވެ. އެކަމަށް ތައްޔާރުކުރަން ޖެހޭ ހުރިހާ ޝީޓްތަކެއް ލެޕްޓޮޕްގައި ތައްޔާރުކުރީވެސް އެމީހުންގެ އަތްތަކުންނެވެ.

އިންތިޚާބު އޮތް ދުވަހުގެ ހަވީރު ލޯފަން ބައެއް ޒުވާނުން ކޮފީއެއްގައި

ރޭގނޑު 12 ޖެހުމާ ހަމައަށް ކުރިއަށް ދިޔަ އިންތިޚާބު ނިމުމުން އެސެޓަޕް ރޫޅާ, ޕެކް ކުރުމުގެ ކަންކަންވެސް އެކުރަނީ އެޒުވާނުން އަމިއްލައަށެވެ. އެންމެ ކުޑަމިނުން ހޯލްގައި ޖަހާފައިވާ ގޮނޑިތައް ނަގާ, ހޯލް އެޒުވާނުންނަށް ލިބުނުއިރު ހުރި ގޮތަށް އެހެދީވެސް އިތުރު ހަމަ އެއްވެސް މީހެއްގެ އެހީއާ ނުލައެވެ. އެހުރިހާ ކަމެއް ނިންމާ އެޒުވާނުން އެތަން ދޫކޮށް އެނބުރި ދިޔައިރު ދަންވަރު އެކެއްވެސް ޖަހައިފިއެވެ.

އެމީހުންގެ ހުރި ހުނަރު ދެނެގަނެ ތަމްރީނު ދޭނަމަ އެމީހުންގެ ކުޅަދާނަކަން ހުންނާނެވަރު އިހުސާސްވޭތޯއެވެ! ހުނަރާއި ތަމްރީނު ދީގެން ވަޒީފާގެ މާހައުލުގައި އެމީހުން ފުރިހަމައަށް ބޭނުން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރަންތޯއެވެ! އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެވޭކަމަށް ސަރުކާރުން ގަބޫލުކުރަންތޯއެވެ! މުއައްސަސާތަކުން އިސްވެ އެމީހުންގެ އަތުގައި މިހާރަށްވުރެ އޯގާތެރިކަމާއެކު ހިފާކަށް ނުވޭތޯއެވެ! މިފަދަ އެތައްބަޔަކާމެދު އަހަރެމެން މިތިބީ އިހުމާލުވެފައި ނޫންބާއެވެ!

ބްލައިންޑް އެންޑް ވިޜުއަލީ އިމްޕަޔަޑް ސޮސައިޓީ (ލޯފަން ކުދިންގެ ޖަމްއިއްޔާގެ 6 ވަނަ ދައުރަށް އިންތިޚާބު ހިންގާ ކޮމިޓީ:

ރައީސް: ހުސައިން ޝަރީފް

ނައިބުރައީސް: އަލީ ޝަމީމް

ހިންގާ ސެކެޓްރީ: މުޙައްމަދު ސައްދާމް

އިންތިޒާމް ސެކެޓްރީ: ސިބްގަތުالله އަހުމަދު

ޚަޒާންދާރު: މުޙައްމަދު ނާހިލް

މީޑިޔާ ކޯޑިނޭޓަރ: ޢަބްދުއްރައްޒާގު

އިތުރު މެމްބަރުން: އަބްދުالله ޒިޔާއު, މޫސާ ދާއޫދު, ފާތިމަތު އިބްރާހީމް, އައިމިނަތު އަލީ, ސަފިއްޔާ ހުސައިން

ޖަމްއިއްޔާގެ އާ ހިންގާ ކޮމިޓީއަށް މަރުހަބާއެވެ. އެދެނީ ކާމިޔާބު ދައުރަކަށެވެ. ނަތީޖާ ނެރެވޭނެ އަހަރު ތަކަކަށެވެ. އުއްމީދު ކުރަނީ އިތުރު ވޮލަންޓިއަރުންގެ އަތްތަކަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.