ފުޓްސަލް ދަނޑުގައި ކާމިޔާބީތައް ހިއްސާ ކުރަނީ ދެމީހުން އެކުގައި. ކާމިޔާބީއާއި ނާކާމިޔާބީވެސް ވަނީ އެކުގައި. އަހަރެމެން ދެމީހުންގެ ހިތްވަރަކީ އެކަކު އަނެކަކު.
މިއީ މިމަހު އޭދަފުށީގައި ނިމުނު ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ އަށްފަހު ދަރަވަންދޫ އަންހެން ޓީމްގެ ކެޕްޓަން ފާތިމަތު މާޒިނާ އޭނާގެ ފޭސްބުކްގައި އިނގިރޭސި ބަހުން ލިޔެފައިވާ ‘ސްޓޭޓަސް’ ގެ ޖުމްލަ ހުލާސާ އެކެވެ. އެ ސްޓޭޓަސްގައި ޓެގް ކޮށްފައި ވަނީ މުޙައްމަދު ޝިމާން އެވެ. އެޕްރޮފައިލްއަށް ގޮސް ބަލާލާއިރު އޭނާގެ ސްޓޭޓަސްގައިވެސް އެއް ދުވަހެއްގެ ގާތްގަނޑަކަށް އެއް ވަގުތެއްގައި ލިޔެފައިވަނީ އެއް ވާހަކައެވެ.

ދެމީހުންގެ ޕްރޮފައިލް ފޮޓޯއަކީ އެއް ފޮޓޯއެކެވެ. މުބާރާތުގައި ދަރަވަންދޫ ޓީމް ބޭނުންކުރި ޓްރެވަލް ކިޓްގައި ދެމީހުން އެކުގައި ޓްރޮފީއެއް ހިފައިގެން ނަގާފައިވާ ފޮޓޯއެވެ. މިއީ ހަގީގީ ދިރިއުޅުމުގެ ދެބައިވެރިންނެވެ. ޒުވާން ދެމަފިރިންނެވެ. ޒުވާން ދެމަފިރިންގެ ލޯބީގެ ރަމްޒަކީ ‘ފުޓްސަލް ޓްރޮފީ” ތަކެވެ. ޕްރޮފައިލް ފޮޓޯގައި ހިފަހައްޓައިގެން އެތިބީ އެމީހުންގެ ލޯބީގެ ރަމްޒެވެ. އެމީހުންގެ ހަރުގަނޑުގައިވާ އެފަދަ ޓްރޮފީތަކުންލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ބޮޑެވެ.

މިއަހަރުގެ ބ.އަތޮޅު ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލުން ދަރަވަންދޫ އަންހެން ޓީމާއި ފިރިހެން ޓީމްވެސް ބަލިވެ ކެޓީއެވެ. އެއީ މިދެމަފިރިންނަށްވެސް އަސަރުކުރި, މާޔޫސްކުރުވި ވަގުތެކެވެ. ފަހު ކަށިގަނޑާއެކު ޝިމާން ދަނޑުމަތީގައި ބަންޑުން އޮށޮއޮވެ ރޮމުން ދިޔައީ ސަބަބެއް އޮވެގެންނެވެ. ސެމީގައި ޓީމް ބަލިވެ ކެޓީ އޭނާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެގެންނެވެ. އެކަމަކު މުބާރާތުގައި ދަރަވަންދޫ ޓީމުން އެންމެ މޮޅަށް ކުޅުނީ އޭނާއެވެ. މުޅި މުބާރާތުގައި އެއްފެންވަރެއްގައި މޮޅަށް އޭނާ ކުޅުނެވެ. ބަލިވުމުން އެންމެ ބޮޑު އަސަރެއް ކުރީވެސް އޭނާ އަށެވެ. މުބާރާތުގައި ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާ ހޯދިއެވެ. ދެ ގޯލް ޖެހިއެވެ.

އަންހެން ޓީމަށްވެސް ދިމާވީ އެފަދަ ހިތްދަތި ކަމެކެވެ. މާޒިނާގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ދަރަވަންދޫ އަންހެން ޓީމް ކެޓީ ސެމީފައިނަލްގައި ބަލިވެގެންނެވެ. މުބާރާތުގެ ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް މާޒިނާ ހޯދިއެވެ. 4 ލަނޑު ޖެހިއެވެ. ކޮންމެ މެޗެއްގައި މޮޅަށް ކުޅުނެވެ. ހަގީގަތުގައި މުޅި ޓީމް އޮތީ އޭނާއަށް ބަރޯސާވެފައެވެ.
މާޒިނާއާއި ޝިމާން މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ހެއްކަކީ ފައިނަލަށް ދަތުރު ނުކުރި ނަމަވެސް ގަދަ ފަހެއްގައި އެދެ ކުޅުންތެރިންވެސް ހިމެނުމެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޝިމާން ހިމެނެއެވެ. އަންހެން ޑިވިޝަންގެ ގަދަ ފަހެއްގައި މާޒިނާ ހިމެނެއެވެ. ފޭސްބުކް ޕްރޮފައިލްގައި އެވަނި އެޓްރޮފީއާއެކު ދެމީހުން ނަގާފައިވާ ޚާއްޞަ ފޮޓޯ އެވެ. މާޒިނާ ވަނީ ދަރަވަންދޫ ޓީމާއެކު 2023 ވަނަ އަހަރު ފައިނަލްގައިވެސް ވާދަކޮށްފައެވެ. މާޒިނާގެ ކާމިޔާބީގެ ވަރަށްބޮޑު ހިއްސާއެއް ފިރިމީހާ އަދާކުރެއެވެ. އޭނާ ކުރިއަރާދާން އެހީތެރިވެއެވެ. ކޮންމެ މެޗަކަށްފަހު ‘މިސްޓޭކްސް” ތައް ފާހަގަކޮށް, ރަނގަޅު ކުރަން އެހީވެއެވެ.
ވަރަށްބޮޑު އުފަލެއް އެއީ (ދެމީހުންނަށް އެކުގައި ކާމިޔާބު ލިބުން). ވަރަށްބޮޑު ސަޕޯޓެއް ލިބޭ ފިރިމީހާގެ ފަރާތުން, ނޭނގޭ ޓެކްނިކްސް ބުނެދޭ. ކޮންމެ މެޗެއް ނިމުނީމަ މިސްޓޭކްސްތައް ބުނެދޭ, ރަނގަޅުކުރަން, އިމްޕްރޫވް ކުރަން.
ބ.އަތޮޅު ކެންދޫއަށް އުފަން ޝިމާންއާ ދިމާވިއިރު މާޒިނާއަކީ ފުޓްސަލް ކުޅުންތެރިއެއް ނޫނެވެ. އެކަމަކު އޭރުވެސް ޝިމާން އަކީ އުއްމީދީ ކުޅުންތެރިއެކެވެ. އެކަމަކު 2022 ވަނަ އަހަރު ދެމީހުން އެކުގައި ދިރިއުޅުމެއް ފެށިއިރު މާޒިނާ ވަނީ ފުޓްސަލް ދަނޑަށް ނިކުމެ ވިދަން ފަށާފައެވެ. ދަރަވަންދޫ ކައުންސިލުން 2021 ވަނަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ކްއީން އަކީ މާޒިޔާއެވެ. ޓޮޕް ސްކޯރަރގެ މަގާމްވެސް ހޯދީ އޭނާއެވެ. ގަދަ ފަހެއްގައި ހިމެނުނެވެ. ޗެމްޕިއަންކަން ހޯދީވެސް އޭނާ އެވެ.

2022 ވަނަ އަހަރުގެ ދަރަވަންދޫ ކައުންސިލް ކަޕާ މާޒިޔާ ކުރިމަތިލީ ޝިމާންގެ އަނބިމީހާގެ ގޮތުގައެވެ. ނަތީޖާއަކީ އެމުބާރާތުގެ ފިރިހެން ޑިވިޝަންގައި ކުޅުމުގެ ފުރުޞަތު ޝިމާންއަށްވެސް ލިބުމެވެ. އެއީ ދެމަފިރިންގެ ހަޔާތުން ތާރީޚީ މުބާރާތެކެވެ. ދެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދެމީހުން ކުޅުނު ޓީމެވެ. މުބާރާތުގެ ކްއީން އަކީ މާޒިނާ އެވެ. ކިންގް އަކީ ޝިމާން އެވެ. ދެ ޑިވިޝަންގެ ރަން ބޫޓް ހޯދީ ދެ ކުޅުންތެރިންނެވެ.
ކެންދޫ ދޫކޮށް, ދަރަވަންދޫގައި ދިރިއުޅެމުންދާ ޝިމާންގެ ހަޔާތަށް މާޒިނާ އައުންވީ އޭނާގެ ކުޅިވަރު ދަނޑަށްވެސް ލިބުނު ބަހާރަކަށެވެ. ކުރިއަށްދާން ލިބުނު ވަރަށްބޮޑު ހިތްވަރަކަށެވެ.
ވަރަށްބޮޑު އުފަލެއް އަންހެނުން ސަޕޯޓިވް ވުމަކީ, ދެމީހުން ދެމީހުނަށް ކިޔައިދެން. އަބަދުވެސް ކިޔައިދެން, ޢާއްމުކޮށް އުޅޭ އުޅުމުގައިވެސް.
ޒުވާން ދެމަފިރިންގެ ކުޅިވަރުގެ އުފާވެރި ދުވަސްތައް އަދިވެސް އޮތީ ކުރިއަށެވެ. ރަށުގައި މުބާރާތްތައް އޮވެއެވެ. އަތޮޅުގައި ރަނގަޅު ފެންވަރުގެ ވާދަވެރި މުބާރާތްތައް ބާއްވައެވެ. ދަރަވަންދޫގައި ރަނގަޅު ޓީމެއް އެބައޮތެވެ. ދެމީހުން ބޭނުންނަމަ ކެންދޫ ޓީމަށް ކުޅުމުގެ ފުރުޞަތުވެސް އެބައޮތެވެ. ހުރި ފުރުޞަތުތަކާއި, އެކަކު އަނެކަކަށް އޮތް އިތުބާރާއި ހިތްވަރާއެކު ދެމަފިރިންގެ ލޯބީގެ ރަމްޒަކީ ފުޓްސަލްއެވެ. އެކުޅިވަރުން ހޯދާ ތަށިތަކެވެ.

ނިމިގެން ދިޔަ ބެޓާ އިން ބާ ފުޓްސެލް މުބާރާތުގައި ދަރަވަންދޫ އަންހެންޓީމް އަށް (އެއްބަނޑު އެއްބަފާ ތިން ކުޅުން ތެރިން ކުޅުނުކަން ހަފްސީ އަށް އެގިލެއް ވިތޯ.މާޒިނާ،މައިހާ،ރީޝާ މީ އެތިން ކުޅުން ތެރިން ނަކީ.
އެވާހަކަ ބުނެލަން ވަރަށް ސަލާން
“މާޒިނާ” ގެ ނަން، ބައެއް ތަންތަނުގައި “މާޒިޔާ” އޭ ކިޔައިގެން ލިޔެފައި އެބަހުރި.