100 އަށްވުރެ ކައުންސިލަރުންނާއެކު އޭޝިޔާގެ ކައުންސިލަރުންގެ ފޯރަމް އޭދަފުށީގައި ބާއްވައިފި

379

100 އަށްވުރެ ކައުންސިލަރުންނާއެކު އޭޝިޔާގެ ކައުންސިލަރުންގެ ފޯރަމް އޭދަފުށީގައި ބާއްވައިފި އެވެ. މިފޯރަމް އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ބ.އަތޮޅު ކައުންސިލުންނެވެ. ‘އޭޝިޔަން ކައުންސިލަރސް ފޯރަމް 2024’ ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ހޯދީ ބ.އަތޮޅު ކައުންސިލުންނެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ މިއީ 2023 ވަނަ އަހަރު ފިލިޕީންސަށް ކުރި ޒިޔާރަތެއްގެ ތެރެއިން ފަހިވެގެން ދިޔަ ފުރުޞަތެއް ކަމަށެވެ. އެއަހަރު ފިލިޕީންސްގައި އޮތް 7 ވަނަ އޭޝިޔަން ކައުންސިލަރސް ފޯރަމްގައި ބ.އަތޮޅު ކައުންސިލުން ބައިވެރިވެ, 8 ވަނަ ފޯރަމް ރާއްޖޭގައި ބާއްވަން ހުށަހެޅުމުން މެމްބަރު ގައުމުތަކުން އެކަން ބަލައިގަތީ ކަމަށް އަފްރާހު ވިދާޅުވިއެވެ. 8 ވަނަ ފޯރަމް ރާއްޖޭގައި, އޭދަފުށީގައި ބޭއްވީ މިނޮވެމްބަރު 7 އަދި 8 ވަނަ ދުވަހު އެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް އަފްރާހު

ފޯރަމްގައި 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެހެން ގިނަ ރަށު ކައުކައުންސިލްތަކުގެ ރައީސުންނާއެކު 100 އަށްވުރެ ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ފޯރަމްގައި ބައިވެރިވި އަތޮޅުތަކަކީ ހއ, ހދ, ށ, ނ,ރ, ބ, ޅ, އއ,ވ, މ, ދ, ތ, ލ, ގއ, އަދި ގދ އަތޮޅެވެ. އެއްވެސް ސިޓީއެއްގެ މޭޔަރެއް ފޯރަމްގައި ބައިވެރިއެއް ނުވެއެވެ. ނަމަވެސް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބުނުކަން ބ.އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އޭޝިޔާގެ 3 ގައުމަކުން 15 ކައުންސިލަރުން ފޯރަމްގައި ބައިވެރިވިއެވެ. އެއީ ޖަޕާން, ތައިވާން އަފި ފިލިޕީންސް އެވެ.

ފޯރަމްގައި ބައިވެރިވި އެހެން ގައުމުތަކުގެ ބައެއް ކައުންސިލަރުން

ބ.އަތޮޅު ކައުންސލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކައުންސިލަރުން ބައިވެރިވެގެން ބޭއްވި ފޯރަމްގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވި, ރާއްޖޭގެ ކައުންސިލްތައް އިންޓަރނޭޝަނަލް ކައުންސިލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ކޮމިއުނިޓިއަށް އެދެވޭ ފައިދާ ކުރުން ކަމަށެވެ. އެކަމަކު ފޯރަމް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނުލިބުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކަށް ދައުވަތު ދެއްވި ނަމަވެސް ބައިވެރިވުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

 ނަމަވެސް އެއްވެސް ވަރަކަށް މިކަމުގެ މައިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނުލިބުނީތީ އަޅުގަނޑު ހަމަ އެކަމާ ވަރަށްބޮޑަށް ހިތާމަކުރަން. ނިމިގެން މިދިޔައީ ދިވެހިރާއްޖޭގެ ކައުންސިލަކުން ބާއްވާނެ, ކައުންސިލްތަކުގެ ވަރަށް މުހިއްމު ފޯރަމް އެއް. މިފޯރަމްގައި ސަރުކާރުގެ ބައިވެރިވުމެއް ނެތީތީވެ އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ ލާމަރުކަޒީ ނިޒާމަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް.

ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ރައީސުން ފާހަގަކުރެއްވި ގޮތުގައި މިއީ ވަރަށް މުހިއްމު އަދި ފައިދާކުރަނިވި ފޯރަމެކެވެ. ޚާއްޞަކޮށް އޭޝިޔާގެ އެހެން ގައުމުތަކުގެ ތަޖުރިބާ އަޑު އަހާ, ރާއްޖޭގެ ތަޖުރިބާ ހިއްސާކުރަން ލިބުނު ފުރުޞަތު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ގުޅުންތަކެއް އުފެދި އޭގެ ހެޔޮ އަސަރު ކުރާނެކަންވެސް ފާހަގަކުރެއްވިއެވެ.

ފޯރަމްއާ މެދު ކައުންސިލަރުން

މިފަދަ އިތުރު ފޯރަމްތައް ބާއްވާ, ގިނަގިނައިން ކައުންސިލްތަކުގެ މެމްބަރުން ބައްދަލުވުމުގެ މުހިއްމުކަމާއި އޭގެ ފައިދާވެސް ކައުންސިލްތަކުން ފާހަގަކުރެއްވި އެވެ. ފޯރަމް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމުގައި ބ.އަތޮޅު ކައުންސިލުން އިސްނެގި ނެގުމާއި, އިންތިޒާމްތައް ރަނގަޅުކަންވެސް ކައުންސިލްތަކުގެ ރައީސުން ފާހަގަކުރެއްވިއެވެ.

ފޯރަމްއާމެދު ކައުންސިލަރުން

ފޯރަމް ނިންމާލުމުގެ ކުރިން ރާއްޖޭގެ ކައުންސިލަރުންގެ ޖަމްއިއްޔާއިން ވަނީ އޭޝިޔަން ކައުންސިލަރސް އެސޯސިއޭޝަންގެ މެމްބަރަކަށްވެ, ސޮއިކޮށްފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.