ބ.އަތޮޅު ފުޓްސަލް މުބާރާތް ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024’ ގައި އޭދަފުށީގެ ދެ ޓީމާއި, ގޮއިދޫގެ އަންހެން ޓީމުން ފުރިހަމަ ފެށުމެއް ހޯދައިފިއެވެ.
ގްރޫޕް ބީގައި ހިމެނޭ އޭދަފުށި ފިރިހެން ޓީމުން މުބާރާތް ފެށީ 4-0 ން ތުޅާދޫ ބަލިކޮށްގެންނެވެ. ތުޅާދޫންވެސް މޮޅަށް ކުޅުނު މެޗުގައި އޭދަފުށްޓަށް ގޯލް ހުޅުވާލަ ދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. އޭދަފުށީގެ ދެވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. ތިންވަނަ ލަނޑު ޖެހީ އިމްތިޝާލް އަބްދުލް ރަހީމް އެވެ. އަދި ފަހު ލަނޑު ޖެހީ ހުސެއިން ޝަރީފް އެވެ. މެޗުގައި އޭދަފުށީގެ ހަމަލާތައް ހުއްޓުވުމުގައި ތުޅާދޫ ކީޕަރު ވަނީ ހުށިޔާރުކަން ދައްކާފައެވެ.

ފިރިހެން ޑިވިޝަންގައި ދޮންފަނު ކުޅުނު ދެވަނަ މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. އެމީހުންގެ ދެވަނަ މެޗު އެއްވަރުވީ ފެހެންދޫ އާއި ވަދަކޮށް 1-1 ނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް ފެހެންދޫއަށް ލީޑް ނަގައިދިނީ އަހުމަދު ނިޒާމް އެވެ. ދޮންފަނުން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި އިބްރާހީމް ރާއީ އެވެ.

އަންހެން ޑިވިޝަންގައި ޓީމް ގޮއިދޫން ފުރިހަމަ ފެށުމެއް ހޯދީ 6-1 ން ދަރަވަންދޫ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ގޮދިއޫގެ މައީސާ އަބްދުލް ހަންނާން ހެޓްރިކެއް ހެދިއެވެ. މެޗުގައި ފިރުޝާނާ ނަސީރު ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. ގޮއިދޫ ޓީމަށް ދެން ލަނޑު ޖަހައިދިނީ ޒޫނާ އިބްރާހީމް އެވެ. ދަރަވަންދޫ ޓީމްގެ ހަމައެކަނި ލަނޑު ޖެހީ އައިޝަތު ރީޝާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި އޭދަފުށިން ވެސް ފެށީ މޮޅަކުންނެވެ. އެއީ 3-0 ން ކަމަދޫ ބަލިކޮށްގެނެނެވެ. މެޗުގައި އޭދަފުށީގެ ކެޕްޓަން އައިޝަތު ރަޝީދާ ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަނެއް ލަނޑު ޖެހީ އައިމިނަތު ރައުޝަން އިމާދު އެވެ.
