އޭދަފުށި ކަޕް: ފާއްޓޭގެ 4 ލަނޑުން ޗެމްޕިއަންކަން ހޯދީ ވެލާ

755

މުޙައްމަދު ފާސިރު (ފާއްޓޭ) ގެ ހަތަރު ލަނޑާއެކު, އިރުމަތި އެފްސީގެ މައްޗަށް ބޮޑު މޮޅެއް ހޯދައިގެން އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ވެލާ ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ. ވެލާ ސްޕޯރޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 5-1 ން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ.

މެޗުގައި ވެލާގެ ފުރަތަމަ ހަތަރު ލަނޑުވެސް ޖެހީ މުހައްމަދު ފާސިރުއެވެ. ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ދެވަނަ ލަނޑެއް ޖެހީ ޑީއޭރިޔާ ބޭރުން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އިރުމަތި އެފްސީގެ ހަމައެކަނި ލަނޑު އޭރިޔާ ބޭރުން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އައްޒާމް އަބްދުالله އެވެ.

އޭދަފުށިކަޕްގެ ޗެމްޕިއަން ވެލާ ތަށި އުފުލާލަނީ: ފޮޓޯ-ކްލިކް ގްރަފީ

އެކަމަކު މެޗުގެ ދެވަނަ ހާފް ފެށި ގޮތަށް ވެލާ ސްޕޯރޓްސް ކްލަބުން ތިންވަނަ ލަނޑެއް ޖަހާ, އިތުރު ފުރުޞަތެއް ނުދީ ހަތަރު ވަނަ ލަނޑެއްވެސް ޖެހިއެވެ. އެ ދެލަނޑުވެސް ޖެހީ ފާއްޓޭއެވެ. ފަސްވަނަ ލަނޑު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ހަތަރު ލަނޑު ޖެހި ފާއްޓޭއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ ވެސް އޭނާއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީވެސް ތިން މެޗެއްގެ ނަތީޖާ އަނބުރާލި ފާއްޓޭ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހޯދީ ފާއްޓޭ: ފޮޓޯ-ކްލިކް ގްރަފީ

މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލާ ސްޕޯރޓްސް ކްލަބްގެ އަހުމަދު ޖައުޝަން އަބްދުالله އެވެ. އެންމެ މޮޅު ކީޕަރަކީ އިރުމަތި އެފްސީގެ އަބްދުއްސަދާދް އާދަމް އެވެ. އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު އަހުމަދު ނިޔާޒު އެވެ. ފެއަރޕްލޭ ޓީމަކީ ހުސް ސޮންގުން އެވެ.

މުބާރާތުގެ ފައިނަލްގައި ބަލިވި އިރުމަތި އެފްސީ ވަނީ ލީގު ބުރުގައި 1-0 ން ވެލާ ބަލިކޮށްފައެވެ. އެމީހުން މުބާރާތުގައި ބަލިވީ ހަމައެކަނި ފައިނަލްގައެވެ. ވެލާ ސްޕޯރޓްސް ކްލަބް މުބާރާތުގައި ބަލިވި ހަމައެކަނި މެޗަކީ ލީގު ބުރުގައި އިރުމަތި އެފްސީ އަތުން ބަލިވި މެޗެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.