ފޮއްދޫ ކައުންސިލްގެ ފުޓްސަލް ޗެލެންޖް އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.
ފޮއްދޫ ކައުންސިލްގެ ހަ ވަނަ ފުޓްސަލް މުބާރާތުގެ ދައުވަތު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން އަތޮޅުގެ ރިސޯރޓްތަކަށްވެސް ދޭން ވަނީ ނިންމާފައެވެ. މިކަން އިއުލާނުކުރެއްވީ ފޮއްދޫ ހިމެނ ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުޙައްމަދު އައްބާސް އެވެ. އޭނާ ވިދާޅުވީ މުބާރާތް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާނީ އޭނާއާ ފޮއްދޫ ކައުންސިލް ގުޅިގެން ކަމަށެވެ. މުބާރާތް މުޅި އަތޮޅަށް ހުޅުވާލާއިރު އިނާމް ފައިސާގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާ ދެއްވާނެކަން މެމްބަރު އިއުލާނު ކުރެއްވި އެވެ. މީގެއިތުރުން ފެއަރޕްލޭ ޓީމަށްވެސް 10,000 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މެމްބަރު އައްބާސް ވިދާޅުވީ މުބާރާތަށް ފޮއްދުއަށް އަންނަ ޓީމްތަކަށް ރަނގަޅު އިންތިޒާމްތަކެއްވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025, ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާ, ރަނަރަޕް ޓީމަށް ފަނަރަ ހާސް ރުފިޔާ, ފެއަރޕްލޭ ޓީމަށް ދިހަހާސް ރުފިޔާ ލިބިގެންދާނެ.އަދި މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ޓީމްތައް އަދި މިއަތޮޅުގައި ހުރި ޓޫރިސްޓް ރިސޯރޓްތަކުން އަންނަ ބޭފުޅުންނަށް ރަނގަޅު އިންތިޒާމްތަކެއް ފޮއްދޫ ރައްޔިތުންގެ ފަރާތުން ހަމަޖެހިގެންދާނެ އުފާވެރި ޚަބަރު ތިޔަ އެންމެ ރައްޔިތުންނަށް އަޅުގަނޑު މިފުރުޞަތުގައި އަރުވަން.
ފޮއްދޫ ކައުންސިލްގެ ފަސްވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބެވެ. އެއީ ފައިނަލްގައި ކުޑަކަންމަތި ޔުނައިޓެޑް 9-5 ން ބަލިކޮށްގެންނެވެ. މުބާރާތުގައި ވާދަކުރީ 5 ޓީމެވެ. އޭގެތެރޭގައި ހިމެނެނީ ފޮއްދޫގެ 4 ޓީމާއި ވެލިދޫ ސްޕޯރޓްސް ކްލަބެވެ.
ރިޕޯރޓްގެ ވީޑިއޯ: ބައިނަރީ ލައިވް
