“ރުށްތަކާއި ގަސްތައް ވެއްޓެނީ, ހައްލެއް ހޯދައިދީ”

460

ރަށުގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އޮއް މައްސަލައެއް ރަށްގިރާ މައްސަލަ. ވަރަށްބޮޑަށް ގިރަމުން މިދަނީ, ހަމަ ރުށްތަކާ އެއްޗިހި ވެއްޓި, ގަސްތަކާ އެއްޗިހި ވެއްޓެމުން މިދަނީ.

މިއީ އދ.ދަނގެތީގެ ހާލަތެވެ. އަދި މީގެއިތުރުންވެސް އެތައް ރަށެއްގެ ހާލަތެވެ. ދަނގެތީ ކައުންސިލްގެ ނައިބުރައީސް އިމްރާން އަހުމަދު ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ދަނގެއްޗަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ކެއުމަށް އިންސާފްކުރަނީ ރާޅު ޖަހާ ހިސާބުގައި ހުރި ހިތްގައިމު ކެފޭތަކުގައެވެ. މިހާރު ރަށްގިރަމުންދާ ވަރަށް ގިރާނަމަ އަދި އެކަމަށް ހައްލެއް ނުހޯދިއްޖެނަމަ ރަށުގެ އާމަދަނީގެ މައި ދޮރާށި ބަންދުކުރަން ޖެހުންވެސް ގާތެވެ.

ދަނގެތީގެ ގިރާ ސަރަހައްދުން ބައެއް: ފޮޓޯ-ޙަފްޞީ

ރަށުގެ ހާލަތު ހަމައެކަނި ރަށް ގިރުމާ ހަމައިން ނިންމާލެވޭކަށްވެސް ނެތެވެ. ރަށުގެ ބަނދަރު ކުޑަ ނޫނަސް, ރަށުގައި ހުރި ކަނޑު އުޅަނދު ފަހަރާއި, ރަށަށް އަރާ ފައިބާ މީހުންގެ ނިސްބަތުން ބަނދަރު މާބޮޑަށް ކުޑަޖެއްވެއެވެ. ބަނދަރު ތޮއްޖެހިއްޖެއެވެ. އެކަން ރައްޔިތުންނަށް ތަކުލީފަކަށް ވެއްޖެއެވެ. ރަށް ކައިރީގައި އޮތް ފަނަރަ ވަރަކަށް ރިސޯރޓުން އެތައް ބަޔަކު ރަށަށް އަރައެވެ. ހަފްތާ ބަންދުގައި އެތައް ދިވެހިންނެއް ޒިޔާރަތް ކުރެއެވެ. އިމްރާން ވިދާޅުވީ ޚާއްޞަކޮށް ލޯކަލް ޓޫރިޒަމްވެސް ރަށުގައި ފުޅާވެގެން ދިއުމާއެކު ބަނދަރުގެ މުހިއްމުކަން ވަރަށް ބޮޑަށް ތަސައްވަރު ކުރެވޭކަމަށެވެ. ކުދި ޑިންގީ ހިމެނޭ ގޮތަށް 380 އެއްހާ ކަނޑު އުޅަނދު ރަށުގައި އޮންނަ ކަމަށް ދަނގެތީ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. ރަށުގެ ބަނދަރުގެ ބޮޑު މިނަކީ 700 ފޫޓެވެ.

ދަނގެތީގައި މިހާރު އޮޑިއެހެލާ ސަރަހައްދު: ފޮޓޯ-ޝަންކޮ

ކައުންސިލް ނައިބުރައީސް ވިދާޅުވީ ދަނގެތީ ބަނދަރު ބޮޑުކުރުމަކީ ކޮންމެހެން އަވަސް ކުރަން ޖެހޭ މަޝްރޫއެއް ކަމަށެވެ. އެއީ ބަނދަރު ބޮޑުކުރުމާއެކީ ރައްޔިތުންނަށް ބޭނުންވެފަ ހުރި ވަރަށްގިނަ ކަންތައްތަކެއް އެމަޝްރުއުގެ ތެރެއިން ފުރިހަމަވެގެންދާ ގޮތަށް އެމަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފައި އޮތުމުންނެވެ. މަސައްކަތް ފަށަން ސައިޓް މޮބަލައިޒް ކުރި ނަމަވެސް މިހާރު މަސައްކަތްކުރާނެ ބަޔަކު ރަށުގައި ނެތެވެ. އެކަންބޮޑުވުން ކައުންސިލުން ފާޅުކުރެއްވިއެވެ.

މަސައްކަތް ނުވެސް ފެށެނީސް ހުއްޓިފައި މިވަނީ.

ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއެކީ ދަނގެތީގެ ތަރައްޤީއަށް ޚާއްޞަކޮށް ރައްޔިތުންނާ ގުޅިފަހުރި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ތާވަލްކޮށްފައެވެ. އެކަންތައްތަކުގެ ތެރޭގައި:

– އޮޑިއެހެލާ ސަރަހައްދު ބޭރުތޮށްޓަށް ބަދަލުކުރުން

– ބޭރުތޮށީގައި ގުދަންތަކާއި ވޯރކްޝޮޕް ފަދަ ތަންތަން ހެދުން

– ކުނި މެނޭޖްކުރާ ސަރަހައްދު ބޭރު ތޮށްޓަށް ބަދަލުކުރުން

– ރަށުގެ ރައްޔިތުންނާއި, ޒިޔާރަތްކުރާ ދިވެހިން މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީ ކުރުން

މޫދުއެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް މުއާސަލާތީ ދެކުންފުނީގެ އެހީތެރިކަން ހަމަޖެހިފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އެކަމަކު އެކަން ކުރެވެން އޮތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މިހާރު ކަނޑައެޅިފައި އޮތް ގޮތަށް ކުރެވިގެންނެވެ.

އދ.ދަނގެތީގެ މައި މަގު: ފޮޓޯ-ޙަފްޞީ

ދަނގެއްޗަށް ކުރިމަތިވެފައި ހުރި އެހެން ބައެއް މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު ފެނުގެ ޚިދުމަތްދޭން މަސައްކަތް ފެށި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ފުރިހަމަ ނުވުމުގެ ކަންބޮޑުވުން އެބައޮތެވެ. ނެޓްވޯކް އަޅާ ހުރިހާ މަސައްކަތެއް ކުރި ނަމަވެސް ދިމާވި މައްސަލަތަކާހުރެ އަނެއްކާވެސް އަލުން ހޮޅިތައް އަޅާ ނިޒާމް ބަދަލުކުރަން ޖެހުނީ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. އެކަމަކު އެމަސައްކަތް ސްޓެލްކޯއާ ހަވާލުކުކޮށް ކުރަމުން ދިއުމަކީ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމެކެވެ. އެއް ތާނގީ ބަނުމުގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ދެވަނަ ތާނގީ ބަނުމުގެ މަސައްކަތެވެ.

ފެން ލޮނުވުމުގެ ސަބަބުން ލޯކަލް ޓޫރިޒަމްއާއި ރައްޔިތުންނަށްވެސް ތަކްލީފްތަކެއް އުފުލަންޖެހޭކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. 2019 ވަނަ އަހަރު މަސައްކަތް ފެށި ނަމަވެސް ކައުންސިލްގެ ކަންބޮޑުވުމަކީ ސާފް ބޯފެނުގެ ޚިދުމަތް ނުލިބި އޮތުމެވެ.

2019 ވަނަ އަހަރު ފެށި ނަރުދަމާގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ޓެސްޓް މަރުހަލާއެވެ. މީގެއިތުރުން ސްކޫލް މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ހަމައިން ވަނީ ހުއްޓިފައެވެ. ސްކޫލްގެ ޖާގައިގެ ދަތިކަން ބޮޑުކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

ދަނގެއްޗަކީ ދައުލަތުގެ ބަޖެޓަށް ބޮޑު އަދަދަކުން ފައިސާ ވައްދާ ރަށެކެވެ. ފަތުރުވެރި ރަށެކެވެ. މީހުން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.