ލ.އަތޮޅަށް ދަތުރުކުރަން އޮތް ‘ހެޔޮ’ މަގު!

1093

ލ.އަތޮޅަށް ދަތުރުކުރަން އޮތް އެންމެ ކުރު މަގަކީ މޯލްޑިވިއަންގެ ފްލައިޓެވެ. އެކަމަކު އެއީ ދިވެއްސަކަށް ކޮޅަކަށް 1464 ރުފިޔާ އެވެ. ހަމަ ޖައްސާލަން ޚަރަދު ކުރެވޭ ވަރަށްވުރެ ބޮޑު އަގެކެވެ. ދަތުރު ކުރުވުންވެސް އޮތީ ހަގީގަތުގައި ނަސީބާވެސް ގުޅިފައެވެ.

އެންމެ ފަހުން ލ.އަތޮޅަށް މޯލްޑިވިއަންގައި ކުރި ތަޖުރިބާއަށް ބަލާނަމަ ފުރަން ނެގި ޓިކެޓްގައި އޮތް ވަގުތަށްވުރެ ގަޑިއެއްހާ އިރު އަވަސްވި ކަމުގެ މެސެޖް ލިބުނެވެ. އެކަމަކު ފްލައިޓް ފުރީ 20 މިނިޓް ފަހުންނެވެ. ޓްރާންސިޓް އެފްލައިޓް ތިމަރަފުށީގައި ބަރާބަރު އެއް ގަޑިއިރު އޮތެވެ. ލ.އަތޮޅަށް ދެވުނީ ކަނޑައެޅިފައި އޮތް ވަގުތަށްވުރެ މާ ފަހުންނެވެ. އެނބުރި މާލެ އައިއިރުވެސް ފުރުން 30 މިނިޓް އަވަސްވިކަން އެންގިއެވެ. ނަމަވެސް ފުރުނީ 25 މިނިޓް ލަހުންނެވެ. ތިމަރަފުށީގައި މަޑުކުރިއެވެ. އެކަމަކު މިފަހަރު ވިއްސަކަށް މިނިޓެވެ. ޗެކިންގ ވަގުތާއި, ޓްރާންސިޓް ވަގުތާއި, ޑިލޭ ވަގުތަށް ބަލާއިރު ދަތުރު ކުރެއް ނޫނެވެ. އަގު ހެވެއްވެސް ނޫނެވެ.

ލ.އަތޮޅާއި ތ.އަތޮޅާ ދެމެދު ދަތުރުކުރާ އެމްޓީސީސީ ލޯންޗް: ފޮޓޯ-ޙަފްޞީ

މިއަށްވުރެ ހެޔޮ އަގެއްގައި ލ.އަތޮޅަށް ދަތުކުރަމާ ހިނގާށެވެ. މާލެ އިން ތ.އަތޮޅަށް ސްޕީޑް ލޯންޗް ދަތުރެވެ. ހެނދުނު 6:00 ގައި މާލެއިން ފުރައިން ވޭމަންޑޫ އަށް 10:30-11:00 އާ ދެވޭނެއެވެ. އެއީ ކޮޅަކަށް 900 ރުފިޔާ އެވެ. ތ.އަތޮޅުން ލ. އަތޮޅަށް އެމްޓީސީސީ ފެރީ ( ބޮޑު ލޯންޗް) 12:30 ގައި ފުރާނެއެވެ. އެއީ ކޮޅަކަށް 180 ރުފިޔާ އެވެ. އެހެންވީމާ މިރޫޓުން ލ.އަތޮޅަށް ދާނަމަ ޚަރަދު ވާނީ 1080 ރުފިޔާ އެވެ. ލޯންޗް ކައިރި ކުރާނީ މުކުރިމަގު ބަނދަރަށެވެ. އެހެންވީމާ ފޮނަދޫ އަށް ދާނަމަ ޓެކްސީ އަގު ބޮޑު ވާނެއެވެ. ގަމަށް ދާނަމަ ހެޔޮ ވާނެއެވެ. ފްލައިޓްގައި އަންނަ ނަމަ ފޮނަދޫ އަދި ގަމަށްވެސް ޓެކްސީގެ އަގު ބޮޑެވެ. އެއަޕޯރޓުން މުކުރިމަގާ ހަމައަށް ދާންވެސް ކޮޅަކަށް 200 ރުފިޔާ ނަގައެވެ. ޖުމްލަކޮށް ތ.އަތޮޅު ރޫޓުން ލ.އަތޮޅަށް ދާ ނަމަ އެއްކޮޅު ދަތުރުގެ އަގުން 500 އެއްހާ ރުފިޔާ (ޓެކްސީ އަގު ހިމެނޭ ގޮތަށް ) ކުޑަވާނެއެވެ. އެކަމަކު ތ.އަތޮޅު ރޫޓަކީ މޫސުން ރަނގަޅު ނަމަ ފަހި ރޫޓެކެވެ.

ލ.އަތޮޅުގެ ޚާއްޞަ ބައެއް ކަންކަން ހިމެނޭ ވީޑިއޯ ރިޕޯރޓް

ހަމައެކަނި ވޭމަންޑޫއެއް ނޫނެވެ. މާލެއިން ތ.ގުރައިދޫ އަދި ތިމަރަފުއްޓަށް ދިޔަނަމަވެސް މިރޫޓުން އެއް ދުވަހެއްގައި ލ.އަތޮޅަށް ދަތުރުކުރެވޭނެއެވެ. ވަކި ރަށެއް ނަގައިގެން އަގަށް ބަދަލެއް ނާންނާނެއެވެ. އެކަމަކު މާލެއިން ގުރައިދުއަށް ގޮސް އެމްޓީސީސީ ފެރީއަށް އަރައިފި ނަމަ މާލެ ތ.އަތޮޅުގެ ކަނޑު ދަތުރު ތަންކޮޅެއް ކުރުވެއެވެ.

ލ.އަތޮޅުގެ ޚާއްޞަ ރުށްދަނޑު: ފޮޓޯ-ޙަފްޞީ

ދެން އޮތީ ލ.އަތޮޅަށް ދާން ނުވަތަ ޒިޔާތަތް ކުރަން ހަމަ އެހާ މުހިއްމުތޯ ކުރެވޭ ސުވާލެވެ. އެހެން ގިނަ އަތޮޅުތަކާ ތަފާތު އަތޮޅެކެވެ. އައްޑޫ ސިޓީ ފަދައިން އެއްފަސްގަނޑެއްގައި ގިނަ ރަށްތައް ހިމެނެއެވެ. އެއަޕޯޓުން ގަމަށް ދަތުރުކުރާއިރު އޮންނަ ހިތްގައިމު ރީތި މަގެވެ. ވަކިން ޚާއްޞަކޮށް ރުށްދަނޑެވެ. އެދާ މަގުގައި ޕަރީ ފެންގަނޑެވެ. އޭގެއިތުރުންވެސް ޢާއްމުކޮށް މީހުން ފާހަގަ ނުކުރާ ފެންގަނޑަކާ އެކު އޮންނަ ގުދުރަތީ ގޮތުން ރީތި ސަރަހައްދެއް އޮވެއެވެ. ތާރީޚީ ގޮތުންވެސް މުއްސަނދި ރަށެކެވެ. ހަވިއްތަ ސަރަހައްދުން ފެންނަ ފެހިކަމެވެ. ރީތި މޫދާއި ދިންވެލި ތުނޑިއެވެ. ވަކިން އޮތް ރަށްތަކުގައިވެސް ގުދުރަތީ މުއްސަނދި ކަން ގިނައެވެ.

ލ.އަތޮޅުގައި އޮންނަ ޚާއްޞަ ފެންގަނޑެއް: ފޮޓޯ-ޙަފްޞީ

މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައިވެސް ކުއްޔަށް ކޮޓަރި ދޫކުރަން ތަންތަން އެބަހުއްޓެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން, ޕްރައިވަސީ ލިބޭ ގޮތަށް ހުރި ގެސްޓް ހައުސްތައްވެސް އެބަހުއްޓެވެ. ކޮޓަރިން ސީދާ ބީޗަށް, މޫދަށް ނިކުމެވޭ ގޮތަށް ހުރި ގެސްޓްހައުސްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްތަނަކީ ކްލައުޑް ބީޗެވެ. އަހަރެން ތަޖުރިބާ ކުރީ އެހިތްގައިމު މާހައުމެވެ. ގެސްޓްހައުސް ފުރިހަމަ އެވެ. ވަކިން ޚާއްޞަކޮށް އެމާހައުލެވެ. ކޮޓަރިއަށް އިވޭ ރާޅުގެ އަޑާއެކު ވަކިން ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ.

ލ.އަތޮޅަށް ދަތުރުކުރަން ހުރި ރޫޓްތައް ހިމެނޭ ވީޑިއޯ ރިޕޯރޓް

ލ.އަތޮޅަށް ޒިޔާރަތް ކުރުމުގެ ޝައުގުގައި ތިބި ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީއަކަށް ވީކަމަށް އުއްމީދު ކުރަމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.