މަސްވެރިއެއްގެ ގޮތުގައި އޭނާ ދޮށީގައި ހިފީ އުމުރުން އެންމެ 14 އަހަރުގައި ކުޑަކުއްޖެއްގެ ގޮތުގައެވެ. އޭގެފަހުން 45 އަހަރު ވޭތުވެގެންދިޔައީ އެވެ. ބަދަލުނުވީ އެމަސައްކަތަށް އޭނާގެ އޮތް ޝައުގާއި ލޯތްބެވެ. ނަތީޖާއަކީ ދެވަނަ މަސައްކަތަކާމެދު ވިސްނުމެއް ނެތި ފަޚުރުވެރި މަސްވެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމެވެ.
ރާއްޖޭގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައި 45 އަހަރު ހޭދަކުރި ފަހުން އޭނާގެ މަސައްކަތުގެ އަގު ދިވެހި ސަރުކާރުން ވަޒަންކޮށްފިއެވެ. މަސްވެރިކަމުގެ ދާއިރާއިން ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ދެއްވައިފިއެވެ. މިއީ މެދުކެނޑުމެއްނެތި ކަނޑު މަތީގައި ހޭދަކޮށް އަމިއްލަ ދިރިއުޅުން ކޮޅަށް ޖެހި އިބްރާހީމް ތައްހާނުގެ ވާހަކައެވެ. ގއ.ވިލިނގިލި މަޝްރޫހު ކެޔޮޅުގެ ވާހަކައެވެ. ގައުމީ ދުވަހު ބޭއްވި ގައުމީ ޖަލްސާގައި ރައީސްގެ އަތްޕުޅުން ގައުމީ އިނާމް ލިބިވަޑައިގަތުމަކީ ތައްހާނުގެ މަސައްކަތަށް ލިބުނު މާބޮޑު ހިތްވަރެކެވެ.
އަޅުގަނޑު ވަރަށް އުފާވޭ އަޅުގަނޑު ކުރި މަސައްކަތުގެ ނަތީޖާ މިއަދު ލިބުނީތީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށްދާނަން ހަމަ މަސްވެރިކަމުގެ ރޮނގުން.
ގައުމީ އިނާމް ލިބުމާ ހަމައަށް ތައްހާނަށް އޮތް އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަ ޖެހުމަކީ އޮޑިވެރިންގެ އިތުބާރެވެ. ކެޔޮޅު ކަމުގައި 27 ދޯނި ދުއްވުމަކީ އޭނާގެ މަސްވެރިކަމުގެ ހަޔާތުން ބޮޑު ފަޚުރެކެވެ. އޮޑިވެރިންގެ އިތުބާރު ހަގީގަތުގައިވެސް އޭނާ ދަމަހައްޓައިފިއެވެ. 1978 ވަނަ އަހަރު މަސްވެރިއެއްގެ ގޮތުގައި ނިކުއިން ތައްޚާނުގެ ކެޔޮޅު ކަމުގައި ބޮޑަތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިއުކުރެއްވި ‘ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފާއި ޤައުމީ އިނާމު’ ފޮތުގައި އެކާމިޔާބީތައް ވަނީ ހިމަނުއްވާފައެވެ. އޭގެތެރެއިން ބައެއް ކާމިޔާބީ ތަކަކީ:
– 1990 ވަނަ އަހަރު ގއ.އަތޮޅުން އެންމެ ގިނަ މަސް މިފްކޯއަށް ކިރުވައިގެން އިނާމުގެ ގޮތުގައި ޑީސަލް ފީފާ ހޯދުން (ދޯނީގެ ކެޔޮޅަކީ ތައްޚާނު)
– 2000 ވަނަ އަހަރު އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީވެސް ތައްޚާނު ކެޔޮޅަކަށް ހުރި ދޯނި
– 2014 ވަނަ އަހަރު އެއް ދުވަހެއްގައި އެއްފަހަރާ ކޫއްޑޫއަށް އެންމެ ގިނަ މަސް ކިރުވީ ތައްޚާނު ދުއްވި ދޯނި
– 2016 ވަނަ އަހަރު މުޅިރާއްޖެއިން އެންމެ ގިނަ މަސް ކޫއްޑޫއަށް ކިރުވި 4 ދޯނީގެ ތެރޭގައި ތައްޚާނު ދުއްވި ދޯނި ހިމެނޭ
މަސްވެރިކަމުގެ ދިގު މާޒީގައި ތައްހާނު ވަނީ ނުރައްކާތެރި ތަޖުރިބާއެއްވެސް ކޮށްފައެވެ. އެއީ 2007 ވަނަ އަހަގެ ތެރޭގައި ތައްޚާނުގެ ކެޔޮޅު ކަމުގައި ދުއްވި ދޯނި މަހަށް ނިކުމެ އުޅެނިކޮށް, ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއްގެ މައުލޫމާތު ކޯސްޓާގާޑަށްދީ, ކޯސްޓްގާޑް އަންނަންދެން އެބޯޓް ދިޔަ ނުދީ ހިފެހެއްޓި ހާދިސާއެވެ. ބޯޓް ހިފަހައްޓަން އުޅުމުގެ ތެރޭގައި ބޯޓުން ދެފަހަރެއްގެ މަތީން ތައްޚާނު ދުއްވި ދޯންޏަށް ބަޑިވެސް ޖެހިއެވެ. އެބޯޓް ހިފަހައްޓަން އެދޯނިން ތައްޚާނުއާއެކު ކެޕްޓަނެއްގެ ގޮތުގައި ހުންނެވި ވިލިނގިލީ މުހައްމަދު އަނީސް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ބައްދަލުކުރައްވާ ތައުރީފްވެސް ކުރެއްވިއެވެ.

އެހާދިސާ މިއަދުވެސް ތައްހާނު ފާހަގަކުރަނީ ފަޚުރުވެރި މަސައްކަތެއްގެ ގޮތުގައެވެ. ގައުމީ އިނާމް ހިފައިގެން ދަރުބާރުގޭގައި ހުރެ އޭނާ ބުނީ ‘ދިވެހިރާއްޖޭގައި މިހާތަނަށް ހިފި, މަސްވެރިކަމުގައި ހިފި (އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން ) އެންމެ ބޮޑު ބޯޓް އަޅުގަނޑު ދިވެހި ސަރުކާރާ ހަވާލުކުރިން, ކޯސްޓްގާޑާ ‘ ކަމަށެވެ.
ތައްޚާނު ހުރީ 45 އަހަރުން ނިންމާ ގޮތަކަށް ނޫނެވެ. އަދި ހިތްވަރު ދިނުމުގެ އިނާމަކީވެސް މަސްދޯނީގައި ތައްޚާނު މާކަނޑަށް ނިކުތުމުގެ ނިމުމެއް ނޫނެވެ. އޭގެ ބަދަލުގައި އިހުނަށްވުރެ ބާރަށް, ޖޯޝުގައި މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތް ކުރުމުގެ އަޒުމްވީ ވަރުގަދައެވެ.

Dhuvvi Dhoni ehen jehumuge badhalugai Dhoni ge name Ves jehinama mauloomaathu furihama vaane kamah dheken