...

ކުރިން އޮތީ ރަށުން ފައިބަން ޖެހުމުގެ ބިރު, މިހާރު މިރަށުން މުޅި ރާއްޖެއަށް ފައިދާ

14038

މިއީ ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ރަށުގައި ދިރިއުޅެނީ 50 އެއްހާ މީހުންނެވެ. ސްކޫލަށް ދާން ހުރީ އެންމެ ކުއްޖެކެވެ. މިހާލަތު އޮތުމުން އެއް އިރެއްގައި މިރަށުގެ ރައްޔިތުންނަށް އޮތީ ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހުމުގެ ބިރެވެ. އެކަމަކު އެހާލަތު ބަދަލުވެއްޖެއެވެ.

މިހާރު މިއީ އަހަރަކު 24-25 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވައްދާ ރަށެކެވެ. މުޅި ރާއްޖެ ތަރައްޤީ ކުރަން އެއް ރަށަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ރަށެވެ. މިއީ ވ.ތިނަދޫ އެވެ.

ވ.ތިނަދޫ ބަނދަރު ސަރަހައްދު

ތިނަދޫގެ ހާލަތު ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ބަދަލުވެފައެވެ. މިރަށުގައި 9 ގެސްޓްހައުސް އެބަހުއްޓެވެ. އެއީ ޓޫރިސްޓް ރިސޯރޓް ތަކުގެ ކޮޓަރިތަކާ އެއް ފެންވަރުގެ ރޫމްތަކެވެ. ތަފާތު ކޮންސެޕްޓްތަކުގެ ގެސްޓް ހައުސްތަކެވެ. 500 އަށްވުރެ ގިނަ ގެސްޓުންންނަށް އެއްފަހަރާ ޚިދުމަތް ދެއެވެ. މެޖޯރިޓީ ފަތުރުވެރިން އަންނަނީ އިޓަލީންނެވެ. މިއީ ލޯކަލް ޓޫރިޒަމްގެ އެންމެ އަގުބޮޑު ރަށެވެ. އެހެންކަމުން ރަށު ރައްޔިތުން ދެކެނީ މިއީ ލޯކަލް ޓޫރިޒަމްގެ އެއްވަނަ ކަމަށެވެ. ކައުންސިލް ރައީސް ޝިފާގު ހުސައިން ވެސް ވިދާޅުވީ އެފަދައިންނެވެ.

އަހަރެމެން ބުނާނީ އަހަރެމެންނަކީ ނަމްބަރ ވަންއޭ, އެއީ ދެން ނަމްބަރ ވަން ލިމިޓްވެސް ވާނެ, އަގެއްވެސް ހުންނާނެ, އަހަރެމެން މިރަށުގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިން ވިއްކާ އަގުގައި ވިއްކާ އެއްވެސް ރަށެއް އޮންނާނެއެކޭ ހަމަ ނުކުރޭނެ ބުނާކަށެއް.

މިއީ ޚާއްޞަ ސިފަތަކާއި, ކަންތައްތައް ގިނަ ރަށެކެވެ. ބައެއް ކަންކަމަކީ ކައުންސިލްގެ ނިންމުންތަކެއްގެ މައްޗަށް ބިނާވެފައި ހުރި ކަންކަމެވެ. އިންޖީނުލީ އެއްގަމު އުޅަނދާއި, ބެޓެރީ އުޅަނދު ދުއްވުންވެސް މިރަށުގައި މަނައެވެ. އެއީ ކައުންސިލްގެ ނިންމުމެކެވެ. މަގުގެ ދެފަރާތުގައި ތަފާތު ބާވަތްތަކުގެ ގަސްތައް އިންދާ ފެހިކަން ގަދައެވެ. ފަށާފާރުން ދެ ފޫޓް ބޭރަށް ގަސް އިންދަން ކައުންސިލުން ވަނީ ހުއްދަ ދީފައެވެ. އޭގެ ނަތީޖާއަކީ މިމާހައުލުން ރައްކާތެރިކަން އިހުސާސް ވުމެވެ. ގުދުރަތީ ހިތްހަމަޖެހުން ބޮޑުވުމެވެ.

ވަރަށް ބޮޑަށް އަމާންކަން އެބަލިބޭ, ރަށުފުށުގެ ދިރިއުޅުމެއްގެ އިހުސާސް ވަރަށް ބޮޑަށް އެބަކުރެވޭ.

އެކަމަކު އެއަމާންކަމާއި ހިތްހަމަޖެހުން ހޯދުމަށް އުފުލަންޖެހޭ ތަކްލީފްވެސް ކުޑައެއް ނޫނެވެ. މުދާ އުފުލާ ހަދަނީ ދަމާ ގާޑިޔާ ނުވަތަ އަތް ގާޑިޔަލުގައެވެ. ވިޔަފާރި މުދާތައް ބަނދަރުން ގެންދިއުމާއި ކޮންސްޓްރަކްޝަން ސައިޓްތަކަށް ގެންނަން މުދާވެސް މެއެވެ.

ތިނަދޫ ކައުންސިލް ރައީސް އިންޓަރވިއު ދެއްވަނީ

ލޯކަލް ޓޫރިޒަމްގައި މިރަށުގެ ނަން ކުރީގައި އޮތުމަށްވެސް ސަބަބުތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ޝާރކް ޕޮއިންޓާއި, މިޔަރާ ކައިރިން ކާން ދިނުމުގެ ހިތްހަމަ ޖެހުމެވެ. ރީތި މޫދާއި ދޮންވެލި ތުނޑިއެވެ. ފެހިކަން ގަދަ މަގުތަކެވެ. ކެފޭ ތަކުގެ ރަހައާއި, ހޮޓާ ތަކުގެ ސަޅި ކަމެވެ. މޫދު ކުޅިވަރަށް އޮތް ފުރުޞަތެވެ. މިއިން ކޮންމެ ކަމަކާއެކު ތިނަދޫ އަކީ ފަސޭހައިން ހިތް ދޫކޮށްލެވޭ ރަށެކެވެ. މީގެ ހުރިހާ ‘ކްރެޑިޓެއް’ ހައްގުވަނީ ރަށުގެ ރައްޔިތުންނަށެވެ. އެކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުން މިކަމަށް ކުރި އިހުތިރާމާއި މަސައްކަތުގެ ނަތީޖާ މިއީ. އޭގެ ފައިދާ ރައްޔިތުންނަށް ކުރޭ. އިހުތިރާމްގެ ނަތީޖާއެއްގެ ގޮތުން ލޯކަލް ޓޫރިޒަމްގެ ވިޔަފާރި އޮންނަ ހިސާބުތަކަށް ރައްޔިތުން ނުދަނީ.

ރަށު ރައްޔިތުން ޢާއްމުކޮށް ޖަމާވާ ތަނަކީ ބަނދަރު ސަރަހައްދެވެ. ބަނދަރުގައި ހުންނަ ކެފޭއާއި ޖޯލި ފަތިތަކަކީ ރަށު މީހުން ރަށު މީހުންނާ ބައްދަލުވާ މާހައުލެވެ. ހަމައެކަނި ރަށު މީހުންނެއްވެސް ނޫނެވެ.  ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ ޒުވާނުންވެސް މެއެވެ. އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް މާއުފަވެރި ތިނަދޫއެއްގައި ވަޒީފާ އަދާކޮށް, އަމިއްލަ ވަޒަނަކީ ތިނަދޫ ކަމުގައި ގަބޫލުކޮށްފިއެވެ.

ތިނަދޫއާ ގުޅޭ ވީޑިއޯ ރިޕޯރޓް

މިރަށަކީ ވަޒީފާގެ ފުރުޞަތު ބޮޑު ރަށެކެވެ. ވަޒީފާއެއް ނެތް ނުވަތަ ވިޔަފާރިއެއް ނެތް ހަމަ އެކަކުވެސް ނެތެވެ. ރަށުގެ ހަރު މީހެއް ކަމަށްވާ ނަސީމްބެ ބުނީ މިރަށުގެ ކޮންމެ މީހަކީވެސް ‘ވިޔަފާރިވެރިއެއް’ ކަމަށެވެ.

މިރަށް އިގްތިސާދީ ގޮތުން ކުރިއަރާ ދިއުމުގެ އަސްލަކީ ރަށު ރައްޔިތުންނެވެ. ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދާ އެމައްޗަށް ކައުންސިލުން އަމަލުކުރުމެވެ. ކައުންސިލް ރައީސް ވިދާޅުވީ މިއީ ކަމެއް ކުރަން ބަޔަކަށް ފުރުޞަތު ދިނުމުގެ ނަތީޖާ ކަމަށެވެ. ‘އަސްލު މާ މޮޅު ރައްޔިތުން. ކައުންސިލަށްވުރެވެސް, ދައުލަތަށް ވުރެވެސް މާވިސްނުން ތަރައްޤީ އެމީހުން, ރައްޔިތުންނާ ނުލައެއް ތަރައްޤީއެއްވެސް ނުކުރެވޭނެ. އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ހިޔާލު ގަބޫލުކުރުން, އެމީހުންނަށް ފުރުޞަތު ދިނުން.” ފަޅު ތިނަދޫއެއް މުއްސަނދި ތިނަދޫއަކަށް ބަދަލުވި ގޮތަކީ މިއީއެވެ.

ފަތުރުވެރިއަކު ތިނަދޫގައި މިޔަރު ބަލަން ރާޅު ފެންފަށުގައި މަޑުކޮށްލައިގެން

މިދިޔަ 2023 ވަނަ އަހަރާ ހަމައަށް ތިނަދު ކައުންސިލްގެ ބަޖެޓަކީ 1.9 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ ދައުރުގައި ބަޖެޓް ވަނީ 2.5 މިލިއަން ރުފިޔާއަށް ބޮޑުކޮށްދީފަ އެވެ. ފުދުންތެރި މިރަށުގެ ފުދުންތެރިކަން އިތުރުކޮށް, ދައުލަތުގެ ބަޖެޓަށް މިރަށުގެ އާބާދީން ދޭ ސަޕޯރޓް ބޮޑު ކުރުމަށް ސަރުކާރުގެ އެހީތެރިކަން އަދިވެސް ބޭނުން ވެއެވެ. އެއީ މިރަށުގެ ފަޅު ބޮޑު ކުރުމެވެ. އެއްގަމު ތޮށި ހެދުމެވެ. އިތުރުވަމުންދާ ގެސްޓްހައުސްތަކާއި, ޒިޔާރަތްކުރާ މީހުންގެ އާބާދީއާ އެއްވަރުގެ ބަނދަރެއް ހަދައިދިނުމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

2 thoughts on “ކުރިން އޮތީ ރަށުން ފައިބަން ޖެހުމުގެ ބިރު, މިހާރު މިރަށުން މުޅި ރާއްޖެއަށް ފައިދާ

  1. ހަފުސީ ގެނެސްދޭ މައުލޫމާތަކީ ވަރަށް ސައްހަ އަދި އެހާމެ ބަލައިގަންނަން ފަސޭހަ ތެދުވެރި މަޢުލޫމާތަކަށް ވާތީވެ، މުޅި ނޫސްވެރިކަމުގެ ދާއިރާގައި ތި ކުރެވޭ މަސައްކަތަކީ ވަރަށް އަގުހުރި މަސައްކަތެއްގެ ގޮތުގައި އަޅުގަނޱު ދެކެން. ރައްކާތެރި ތެދުވެރި ނޫސްވެރިކަމަކީ އެކަނި ނަފްސަކަށް ކުރުމަށް އެހާ ފަސޭހަ ކަމެއް ނޫން. ހިތުގެ އޮމަގުން ޝުކުރިއްޔާ! ހަފްސީ

  2. Thirashuge islamee ijthimaee feyraan vee konthaakuthoa hafsee balaaladheeba adhi saafu sahha mauloomaathu kolheh dheeba

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.