މިރަށުން މަށަށް އެންމެ ފާހަގަކުރެވެނީ މިރަށުގައި މިއިންނަ ލޯކަލް ވައިބް, ރައްޔިތުންގެ މިއިންނަ ލޯކަލް ވައިބް. އެއީ އެހެން ރަށަކުން މަށަށް ނުފެންނަ އެއްޗެއް.
2010 ވަނަ އަހަރު ތިނަދޫއަށް ކުރި ދަތުރަށްފަހު އެރަށުގައި ދިރިއުޅުން ބައްޓަންކޮށް, ވިޔަފާރި ފަށާފައިވާ ހަސަން ޔާސީން އަލީ (ޝައްކޮ) އާ ތިނަދޫއާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން ފުރަތަމަވެސް ބުނި ވާހަކައަކީ މިއީއެވެ. ތިނަދޫގައި ހޭދަކުރި ދެދުވަހަށްފަހު ފުރަން ނިކުމެ, ބަނދަރު ސަރަހައްދުގައި ހުންނަ ކެފޭއިން ދިމާވެގެން އޭނާއާ ސުވާލުކޮށްލީ ތިނަދޫއަށް ދިރިއުޅުން ބަދަލުކުރި ސަބަބާ ގުޅޭގޮތުންނެވެ.
ކެފޭގައި ބޯއިން ކޮފީ ތަށި ބެހެއްޓުމަށްފަހު ބޭރަށް ނިކުމެ އޭނާ ވާހަކަ ކުރިއަށް ގެންދިޔައީ ރަށުގެ ޚާއްޞަކަން ތަފްސީލް ކޮށްދެމުންނެވެ. ޝައްކޮ ބުނީ ތިނަދޫ އަކީ ވަރަށް ޔުނީކް އައިލެންޑެއް ކަމަށެވެ. އެއީ އޭނާ އަބަދުވެސް ބުނާ ވާހަކައެއްކަން ތަކުރާރުކޮށްލުމަށްފަހު ދެން ބުނީ ތިނަދޫ އަކީ ” ލޯކަލް އައިލެންޑަކަށް މަށަށް ދެވުނު އެންމެ ޔުނިކް އައިލެންޑް” ކަމަށެވެ. ތިނަދޫ ޚާއްޞަވާ އެހެން ސަބަބުތައްވެސް އޭނާގެ ޗިލް ރާގުގައި ލިސްޓްކުރިއެވެ. “ދުއްވާ އެއްޗިއްސެއް ނޫޅެ, ވަރަށް އަޑުމަޑު, ކުޑަކުދިން ގޮވައިގެން އައިސް އުޅެން މިއީ ހަމަ އެއްވަނައިގެ ރަށެއް.” ހައްތަހާވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާ ސަބަބުތަކެވެ.
ޝައްކޮ ބުނީ ކުޑަކުދިންނަށް މިނިވަންކަމާއެކު ރަށުގައި ދުވެ, ކުޅެ މަޖާކުރަން އުޅެވޭނެ ކަމަށެވެ. ތިނަދޫ ތިނަދޫގެ ގޮތުގައި ބާއްވަން ސަމާލުކަން ދޭންވީ އެއްކަމެއްވެސް އޭނާ ފާހަގަކުރިއެވެ.
މިގްރީންކަން ހިފެހެއްޓީމަ މަބުނާނީ މިރަށް މީނީ ލޯކަލް ޓޫރިޒަމްއަށް އެންމެ ރަނގަޅަށޭ. މިތަނުގައި ޓޫރިޒަމްގައި ނުލިބޭ ޚިދުމަތެއް ނެތް.
ރަށުގެ ޚާއްޞަކަމާއި, އޭނާއަށް ރަށުން ނުފޭބުނު ސަބަބުތައް ކުރުކޮށް ކިޔާ ނިންމާލުމަށްފަހު މައުލޫ ބަދަލުކޮށްލިއެވެ. ހިއްސާކުރީ އެރަށުގައި އޮތް ބޮޑު ތަކްލީފެއްގެ ވާހަކައެވެ.
އުނދަގުލަކަށް މިއޮތީ ބަނދަރުގެ އުނދަގޫ. އެއީ މިހާރުވެސް ފެންނާނެ އެއްޗިހި ބާލަން އުޅޭ ހާލާއި ބައެއް ފަހަރު ފަތުރުވެރިންވެސް ބާލަން މިޖެހެނީ ބޭރު ތޮއްޓަށް.” އޭނާގެ ވާހަކަ ނިންމާލީ ކުރިމަތިން އޮތް ބަނދަރަށް އިޝާރާތް ކުރުމަށްފަހުއެވެ.

ޝައްކޮއާ ސުވާލުކުރުމުގެ ކުރިން ހަމަ އެކެފޭގައި އިން އިސް ރަށްވެއްސަކާވެސް ހަމަ އެއް ސުވާލެއް ކޮށްލީމެވެ. އެއީ އެރަށު އަހުމަދު ނަސީމް ނުވަތަ ނަސީމްބެ އެވެ. ނަސީމްބެއަށް އިޝާރާތްކޮށް އެކުގައި ހުރި ޒުވާނާ ބުނީ އެއީ މިރަށުން އެއްގޮތަކަށް ނުފައިބާ އުޅޭ މީހެއް ކަމަށެވެ. ރަށުން ނުފައިބާތާ 40 ހަކަށް އަހަރު ވެދާނެ ކަމަށް ބުންޏެވެ. ނަސީމްބެ ކޮފީބޯން އިނީ އިތުރު ތިން މީހަކާވެސް އެކުއެވެ. ކައިރިވެލާފަ ތިނަދޫގެ ޚާއްޞަ ކަމަކީ ކޮބައިތޯ ސުވާލުކޮށް މައިކް ދިއްކޮށްލުމުން ފުރަތަމަ އެދުނީ ކުޑަކޮށް ތައްޔާރުވެލަން ރެކޯޑް ކަނޑާލުމަށެވެ. އެކަމަކު ހަމަޖެހިގެން އައި މިނިޓްގައި ވާހަކަ ފެށިއެވެ.
މިއީ ވަރަށް އަމާން, ވަރަށް ހިތްފަސޭހަ ރީތި ރަށެއް. މަގުތައްވެސް ވަރަށް ރީތިވާނެ. ބީޗްވެސް ވަރަށް ރީތި ވާނެ.
ގާތްގަނޑަކަށް އެއް ވާހަކައެކެވެ. ތަފާތީ އިމާރާތާއި, ބޭނުންކުރި ބަސްތަކެވެ. ޖުމްލަ މާނައަކީ ހަމަ އެކައްޗެކެވެ. އެކަމަކު ރަށުގެ ހިތްފަސޭހަ އަދި ހިތްގައިމު ވާހަކައަށްފަހު ނަސީމްބެގެ އިޝާރާތްވެސް ބަދަލުވީ ބަނދަރާ ދިމާށެވެ.
ދެން މިރަށުގެ އުނދަގޫތައް ކިޔައިދެންތޯ. މިރަށުގެ އުނދަގުލަކީ މިއީ ވަރަށް ބައިވަރު މީހުން ކިހާރު ޒިޔާރަތްކުރާ ރަށެއް. ޓޫރިސްޓުން އެހާވަރަށް, އަނެއްކާ ލޯކަލް ޓޫރިޒަމް ހިންގާ ވަރަށްގިނަ ފަރާތްތަކުން އަންނާނެ. ބަނދަރުގެ މައްސަލަ އެންމެ ދަތީ, އެންމެ ބޮޑީ. މިހާރު ތިއޮތީ ބޭރު ތޮށިގަނޑު އެއްކޮށް ވެއްޓިފައި.
ތެދެކެވެ. ރަށުގެ ބަނދަރު ބޭރު ތޮށި އޮތީ ވެއްޓިފައެވެ. ބަނދަރު އޮތީ ފުރިފައެވެ. ފަތުރުވެރިން ބޭރު ތޮއްޓަށް ފައިބައެވެ. މިއީ މޫސުން ރަނގަޅު ރީތި ދުވަސްވަރަކަށް ވާތީ ބޮޑަތި ރާޅެއް ނުވަދެއެވެ. އެކަމަކު އެވާހަކަ ނަސީމްބެ ކިޔައިދިނެވެ. ބުނީ އިރުވައި ހަޅަޖެހީމަ “މިތާ މިއޮތް ދޯނިތައް ތަނަކަށް ގެންދާކަށް” ލާހިކެއް ނޫންކަމަށެވެ.
ނަސީމްބެއަކީވެސް ރަށުގެ ވިޔަފާރިވެރިއެކެވެ. މުދާ އެތެރެކުރާތީ އެއުނދަގޫ ވަކީން ބޮޑަށް ތަޖުރިބާ ކުރެއެވެ. އަނެއްކާވެސް ނަސީމްބެ ކުރިން ދެއްކި ވާހަކައަށް މިސްރާބު ބަދަލުކުރިއެވެ.
ރަށުގައި އުޅެން ވަރަށް ފަސޭހަ, ވަރަށް ހިތްގައިމު, މުޅި ރަށުގައި ގަސްތައް, ޖޯލިފަތި ތަކުގައި ތިބެން ވަރަށް އަރާމް
ވާހަކަ ނިންމާލަމުން ރަށުގެ ކުރީގެ ހާލަތަށް އިޝާރާތްކޮށްލިއެވެ. ބުނީ މިއީ ކުރިން ވަރަށް މަދު މީހުން އުޅުނު ރަށެއް ކަމަށެވެ. އެކަމަކު މިހާރު ލޯކަލް ޓޫރިޒަމް އައިސް ވަރަށް ހިތްފަސޭހަ, ހިތްގައިމު އަދި އާމްދަނީ ހޯދަން ފަސޭހަ ރަށަކަށް ތިނަދޫ ބަދަލުވެއްޖެ ކަމަށެވެ. ނަސީމްބެ ބުނީ ވ.ތިނަދޫ އަކީ މިހާރު ތަނަވަސް ދިރިއުޅުމެއް އުޅޭ ރައްޔިތެއް އުޅޭ ރަށެއް ކަމަށެވެ. އަދި މިރަށުގެ އެންމެންނަކީވެސް ވިޔަފާރި ވެރިންކަމަށާއި, އެހެންވީމަ އެންމެ ބޮޑޫ ބަނދަރުގެ މައްސަލަ ކަމަށެވެ.

ދިއްފުށި ކިހިނެއްތޯ