ކޮކާ ހަނދުވަރުގެ ކޮކާ ކްރާފްޓް – ރަށުގެ ފަޚުރެއް

1343

ރ.މީދޫގައި އޮތް ވަރުގަދަ ވޮލީބޯޅަ މުބާރާތް ކަވަރު ކުރަން އެރަށުގައި ހޭދަކުރި މުއްދަތުގައި ރަށްޓެއްސަކާއެކު އެރަށު ‘ކޮކާ ހަނދުވަރު’ ގެއަށް ވަނީ ކޮފީއެއް ބޯށެވެ. އެތަނުން ސަމާސާ ހިނިތުންވުމަކާއެކު މަރުހަބާ ކީ މުޙައްމަދު ޝަރީފެވެ. އެހެން ބުންޏަސް އެރަށު މީހުންނަށްވެސް ނޭންގިދާނެއެވެ. ރަނގަޅަށް އެނގޭނީ ‘ކޮކާ’ އޭ ބުނުމުންނެވެ. ‘ކޮބާ ކޮފީއެއް ހަދަންވީ’ ފުރަތަވެސް ލިބުނީ ކޮފީގެ ދައުވަތެވެ.

ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަސްފަހު އެތަނުގައި ހުރި މެޝިނުން ކަޅު ކޮފީއެއް ތައްޔާރުކޮށްދޭން ފެށީވެސް އޭނާއެވެ. އެމާހައުލަށް ނަޒަރު ހިންގާލިއިރު އެއްބަޔަކު އެތަނުގައި ބޮޑު ސްކްރީނެއް ބަހައްޓައިގެން ޕީއެސް ކުޅެނީއެވެ. އަނެއް ބަޔަކު އެތަނުގައި ހުރި ގަހުގެ ވަށައިގެން ތައްޔާރުކޮށްފައިވާ މޭޒު ކައިރީ ތިބެ ކޮފީ ބޮނީއެވެ. މިއީ އެމާހައުލެވެ.

‘އަހަރެން ނުދަން ކެފޭއަށް ކޮފީ ބޯކަށް’ ކޮފީތަށި ދިއްކޮލަމުން ކޮކާ ބުނެދޭން ބޭނުންވީ އޭނާގެ ކެފޭއަކީވެސް މިއީ ކަމެވެ. ހަގީގަތުގައި މިއީ ކުޑަވަރެއްގެ ކެފޭއެކެވެ. އައްޑާއެކެވެ. އެކަމަކު މަސްތުވާ ޒާތުގެ އެއްޗިހި ބޭނުންކުރާ ތަނެއް ނޫނެވެ. އުފާވެރި މާހައުލެކެވެ. މަސައްކަތްތެރި މާހައުލެކެވެ. އެތަނުގައި ހުރީ ވަޑާމުގެ ސާމާނެވެ. އެތަނަށް ދިޔައީ ފަހަރެއްގައިވެސް އިންޓަރވިއެއް ނަގާކަށް ނޫނެވެ. އެކަމަކު އޭރު ކޮކާ ކުރަމުންދިޔަ މަސައްކަތުން ވަކިން ޚާއްޞަކޮށް އިންޓަރވިއުއެއްގެ ޝައުގުވެރިކަން ބޮޑުވިއެވެ.

ކޮކާ ތައްޔާރުކުރި ވޮލީ މުބާރާތުގެ ޗެމްޕިއަން ޝީލްޑް

އޭނާ އެވަގުތު ކުރަމުންދިޔަ މަސައްކަތަކީ އެރަށުގައި ނިމުނު އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޓްރޮފީއާއި މެޑަލްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. ޗެމްޕިއަން ޝީލްޑްވެސް މޭޒުމަތީގައި ހުއްޓެވެ. އޭރު ޝީލްޑް މުޅިން ނިމެނީއެވެ. އެހެން ވަނަތަކަސް ޚާއްޞަ ޓްރޮފީތަކާއި, ސްޕޮންސަރުންގެ އަގު ވަޒަން ކުރަން ތައްޔާރު ކުރާ ޓްރޮފީތަކާއި, މެޑަލްތައްވެސް ކުރިމަތީގައި އަތުރާލާފައި ހުއްޓެވެ. އޭރު ފައިނަލް މެޗަށް ދެ ދުވަހެވެ. ޓްރޮފީތައް ގާތްގަނޑަކަށް ނިމެނީއެވެ. އެރޭ ކޮފީ ބޯލައިގެން އެނބުރި ދިޔައީ ގެންގުޅޫ ކުޑަ ކެމެރާއާއި މައިކް ހިފައިގެން އެނބުރި އަންނާނެ ކަމަށް ބުނަމުންނެވެ.

ފައިނަލް މެޗު އޮތް ދުވަހު އަނެއްކާވެސް ކޮކާހަނދުވަރަށް ދިޔައީމެވެ. މިފަހަރު ސީދާ ކޮކާލުގެ އިންޓަރވިއެއް ނަގާށެވެ. ކޮކާލުގައި މައިކް ޖެހުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލީމެވެ. ‘މިހާރު މިކުރާ މަސައްކަތަކީ މިރަށުގައި އޮންނަ ވަރަށް ފޯރިގަދަ ރުރިހަމަ ވޮލީބޯޅަ މުބާރާތުގެ ޓްރޮފީތައް ތައްޔާރުކުރުމުގެ މަސައްކަތް. މިއީ ވަރަށް އޯގަނައިޒްކޮށް ވަރަށް ބަރާބަރަށް ކުރިއަށްދާ މުބާރާތެއް. އެހެންވީމަ މީގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އަޅުގަނޑުގެ ސައިޑުން އެބަހުރި.” އޭނާގެ ވާހަކަ ފެށިއެވެ.

މުޅި މުބާރާތުގެ ހުރިހާ އެއްޗެއް އަޅުގަނޑު މިތައްޔާރުކުރަނީ. އަޅުގަނޑުމެންގެ ރަށުގެ ފަޚުރަކީ މިރަށުގައި ބާއްވާ މުބާރާތެއް ކަމަށްވެއްޖިއްޔާ އެއަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިރަށުން ލިބިގެން ދިއުން.

އެކަން މާރަނގަޅަށްވެސް މިރަށުން ފުރިހަމަވެއެވެ. އޭގެ ހެއްކަކީ ކޮކާ ތައްޔާރުކޮށް ނިންމާލި ޓްރޮފީތަކެވެ. އެކަމަކު ހަގީގަތުގައި އޭނާއަކީ ހަމައެކަނި ޓްރޮފީ ހަދާ މީހެއް ނޫނެވެ. ބެޑްރޫމް ސެޓްވެސް ބޭނުންވާ ގޮތަކަށް ޖަހައިދެއެވެ. ބަދިގެ ކަބަޑުސެޓްވެސް ތައްޔާރުކޮށްދެއެވެ. ވަޑާމުގެ ގިނަ މަސައްކަތް ‘ކޮކާ ކްރާފްޓް’ އިން ނިންމާލެވެއެވެ.

ކޮކާ އޭނާގެ މަސައްކަތުގެ ފެށުމާއި މިހާރު ކިޔައިދެނީ (ވީޑިއޯ އިންޓަރވިއު)

މިއީ ކޮކާގެ ރަސްމީ މަސައްކަތެއް ނޫނެވެ. ރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން އޭނާ ޝައުގުވެރިކަމާއެކު އަދާކުރާ ދެވަނަ ވަޒީފާއެވެ. މަސައްކަތެވެ. އޭނާއަކީ ހަމައެކަނި ވަޑާމުގެ މީހެއްވެސް ނޫނެވެ. ޑިޒައިންވެސް ކުރެއެވެ. ކޮކާ ހަނދުވަރުގެ އެއް ކޮޓަރި ޚާއްޞަކޮށްފައިވަނީ ޑިޒައިން ކުރުމާއި, ބިއްލޫރިފަދަ އާލާތްތަކަށް ޕްރިންޓްކޮށް ކަފާ ނެގުމަށެވެ. އެހުރިހާ މަސައްކަތެއްވެސް ކުރަނީ އަމިއްލަ އަށެވެ.

ކޮކާ ކްރާފްޓްގައި ތައްޔާރުކުރާ އުފެއްދުންތައް

މަސައްކަތުގެ ފެށުމަކީ މީގެ 14 އަހަރު ކުރިއެވެ. އޭރު އެއީ ސްކޫލް ޓީޗަރަކަށެވެ. ސްކޫލް ކުދިންގެ މުބާރާތަށް ޓްރޮފީއެއް ދޭން އޭނާ ތައްޔާރުކުރި ފުރަތަމަ ޓްރޮފީއަކީ މަސައްކަތުގެ ފެށުމެވެ. އެކަމަކު މިހާރު އެއީ އަމިއްލަ ޝައުގާއި ރަށުގެ ފަޚުރާވެސް ގުޅިފައިވާ މަސައްކަތެކެވެ. މިއީ ޒުވާނުން ކުރަން ރަނގަޅު މަސައްކަތެކެވެ. އާމްދަނީ ރަނގަޅެވެ. ހިތްވަރާއި ޝައުގު ހުރިނަމަ މިމަސައްކަތަށް ނިކުންނަން ކޮކާ ހިތްވަރު ދެއެވެ.

އޭނާގެ މަސައްކަތުގެ ވާހަކަ ކުރުކޮށްލަމުން ބުނަން އޮތީ ‘ކޮކާ ހަނދުވަރު’ ގެ ‘ކޮކާ ކްރާފްޓް’ އަކީ ‘ބާބަކިޔު ސްޕޮޓް’ އެކެވެ. އެތަނުގައި ވަގުތުން ތައްޔާރުކުރި ފެންވަރުގެ ބާބަކިޔުއަކަށް އިންސާފްކުރުމުގެ ފުރުޞަތުވެސް ލިބުނެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

2 thoughts on “ކޮކާ ހަނދުވަރުގެ ކޮކާ ކްރާފްޓް – ރަށުގެ ފަޚުރެއް

  1. My very first art teacher

  2. The best teacher . Miss my skool days.

Comments are closed.