އަލަށް ފަށާ ‘މެމްބަރު’ ސެގްމަންޓަކީ ދާއިރާގެ ރަށްތަކުގެ މައްސަލަތަކާއި, ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މެމްބަރުން މަޖިލިހުގެ ތަޅުމުގައި ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފަށާ ސެގްމަންޓެކެވެ. ސެގްމަންޓްގައި ފުރަތަމަ މިބަލާލަނީ ނ.ފޮއްދޫގައި އިމާރާތްކުރަން މަސައްކަތް ކުރާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ސާފްކުރުމަށް ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސު ހެލްތް މިނިސްޓަރ ޑރ.އަބްދުالله ހަލީލާ ކުރެއްވި ސުވާލަށެވެ.

މެމްބަރު މުހައްމަދު އައްބާސް ސުވާލުކުރެއްވީ ފޮއްދޫ ހެލްތް ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިހާތަނަށް ކުރެވިފައި ވަނީ ކޮންކަމެއްތޯ އާއި އަމަލީ މަސައްކަތް ފެށޭނީ ކިހާ ހިސާބެއްގައިތޯ އެވެ.
މިނިސްޓަރ ޑރ.އަބްދުالله ހަލީލް ވިދާޅުވީ ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އެޕްރޮޖެކްޓްގެ އަގަކީ 24.8 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ މިވަރުގެ ސިއްހީމަރުކަޒެއް ބިނާކުރުމަށްޓަކައި ވަރަށްބޮޑު އަދަދަކަށް ވާތީއާއެކު ރީޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓްތައް މީގެކުރިން ހަވާލުކޮށްފަހުރީ ޚިދުމަތްތަކަށް ވިސްނައިގެން, އެކަށީގެންވާ ގޮތެއްގައި ޑިޒައިންތައް ހެދިގެއް ނޫން ކަމަށެވެ. އެހެންކަމުން ޚިދުމަތްތަކާ އޭގެއިތުރުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ޑިޒައިންކުރުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވިއެވެ. އޭގެނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ލުއިފަސޭހަވެ, އަދި އޭގެއިތުރުން ދައުލަތަށް އޮތް ބުރަ ކުޑަވެގެންދިއުން ކަމަށް ވިދާޅުވިއެވެ.

ފޮއްދޫ ސިއްހީމަރުކަޒުގެ އަމަލީ މަސައްކަތް ފެށުން ލަސްވި ދެވަނަ ސަބަބަކަށް ވިދާޅުވީ އިމާރާތްކުރުމަށް ހަމަޖައްސާފަ އޮތް ބިމުގެ ރުށްގަހުގެ ބަދަލުދީ ނުނިމުމެވެ. ނަމަވެސް ދާދިފަހުން އެކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެންނަށް މިމަސައްކަތް ފެށޭނެ- މިނިސްޓަރ އަބްދުالله ހަލީލް
މިމަޝްރޫއަށް މިހާރު ބަޖެޓްގައި ހިމަނާފައި އޮތީ 3.583 މިލިއަން ރުފިޔާ އެވެ. މިނިސްޓަރ ވިދާޅުވީ އެއީ މިވަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ބަލާއިރު ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އެއީވެސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހުރަހެއް ކަމަށް ވިދާޅުވިއެވެ.
