އއ.އަތޮޅުގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫ އަދި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރަސްދޫ ހޯދައިފި އެވެ.

އއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ފެސްޓިވަލްގައި ހިމެނޭ ފިރިހެން ޑިވިޝަން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫން ހޯދީ ފައިނަލްގައި ސީދާ ތިން ސެޓުން ރަސްދޫ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓްތައް ތޮއްޑޫ ޓީމުން ގެންދިޔައީ 25-23, 25-19 އަދި 25-20 ނެވެ. ތޮއްޑޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ. ލީގު ބުރުގައިވެސް ތޮއްޑޫން ރަސްދޫ ބަލިކުރިއެވެ. މިއީ ތޮއްޑޫ ޓީމުން ވިދިވިދިގެން މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށާއި, މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތޮއްޑޫ ޓީމަށް ކުޅުނު ލަންކާ ކުޅުންތެރިޔާ ގެމޭޖެ ގޮމާރާ އެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ރަސްދޫ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކަވިސްކާ މަދުޝަންކާ, ރަސްދޫގެ ރިޟްވާން ޝަރީފް, އަބްދުالله އަންވަރު, ތޮއްޑޫ ޓީމްގެ މުހައްމަދު ނައީމް, އަބްދުالله ޒަޔާން މުފީދެވެ. އެންމެ މޮޅު ލިބަރޯ އަކީ މަތިވެރި ޓީމްގެ ފައިސަލް އަބްދުއްސަމަދު އެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީ ތޮއްޑޫ ޓީމަށް ތަށި ހޯދައިދިން ޙުސައިން ފާރިޝް އެވެ. ފާރިޝް އަކީ ސްކޫލް ދައުރުގައި އެމްއީއެސްއިން ވިދާލި މޮޅު ކުޅުންތެރިއެކެވެ.

ފެސްޓިވަލްގައި ހިމެނޭ އަންހެން ޑިވިޝަންގެ ހޭންޑްބޯޅަ މުބާރާތުގެ ތަށި ރަސްދޫ ޓީމުން ހޯދީ ވަރަށް ވާދަވެރި ކުޅުމަށްފަހު އެންމެ ލަނޑެއްގެ ތަފާތުން ބޮޑުފޮޅުދޫ ބަލިކޮށްގެންނެެވެ. ރަސްދޫ އަށް ނިސްބަތްވާ ގައުމީ ޓީމްގެ ކުޅުންތެރިން ހިމެނޭ ޓީމުން ބޮޑުފޮޅުދޫ ބަލިކުރީ 23-22 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރުވެސް އަދި ދެވަނަ ހާފްގެ ފުރަތަމަ ދިހަވަރަކަށް މިނިޓް ނިމުނުއިރުވެސް ކުރީގައި އޮތީ ބޮޑުފޮޅުދޫ އެވެ. ނަމަވެސް ރަސްދޫ ޓީމުން ވަނީ ލީޑް ހޯދާ, އެލީޑް ދަމަހައްޓައިގެން ތަށި މިލްކް ކޮށްފައެވެ. ރަސްދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕއަން ޓީމަކީވެސް ރަސްދޫ ޓީމެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ ބޮޑުފޮޅުދޫ ޓީމްގެ ބަނގްލަދޭޝް ކުޅުންތެރިޔާ ރުބީނާ ބޭގަމް, ރަސްދޫ ޓީމްގެ ފާތިމަތު ޖުނާ, ރިޒްނާ މުހައްމަދު, އާއިޝަތު އިބާ އަހުމަދު, އާއިޝަތު ޢަލާ އަލީ, މަތިވެރި ޓީމްގެ ފާތިމަތު އަރޫޝާ އަދި އުކުޅަހު ޓީމްގެ އާމިނަތު ޖީހާން ޖާވީދު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ ބޮޑުފޮޅުދޫ ޓީމްގެ ރުބީނާ ބޭގަމް އެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ އުކުޅަހު ޓީމްގެ ޚަދީޖާ އަހުމަދެވެ. ފެއަރޕްލޭ ޓީމަކީ މަތިވެރި ޓީމެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އުކުޅަހު ޓީމްގެ ޢާއިޝަތު ޙުޝާމާ ޙުސައިން އެވެ.

ހޭންޑްބޯޅަ މުބާރާތުގައި 4 ރަށަކުން ވާދަކުރިއެވެ. ވޮލީ މުބާރާތުގައި 5 ރަށަކުން ވާދަކުރިއެވެ. މި ފެސްޓިވަލްގެ ކޮންމެ މުބާރާތެއްގައިވެސް ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކަށް ކުޅުމުގެ ފުރުޞަތު ލިބެއެވެ. ދެ މުބާރާތްވެސް ބޭއްވީ ބޮޑުފޮޅުދޫގައެވެ. މުބާރާތުގެ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީ އެވެ.
