ލާމަސީލް ލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މުކުރިމަގާއި, ތުނޑި އެފްސީ ޖާގަ ހޯދައިފި އެވެ.
ތުނޑި އެފްސީ ފައިނަލުން ޖާގަހޯދީ ފުރަތަމަ ސެމީފައިނަލްގައި 2-0 ން މަތިމަރަދޫ ބަލިކޮށްގެންނެވެ. މެޗުގައި ތުނޑީ ޓީމްގެ ދެ ލަނޑު ޖެހީ ތާއިފް ގާސިމް އާއި އަހުމަދު ރިޒުވާން އެވެ. ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފްގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުރަތަމަ ލަނޑު ޖެހި ތާއިފް އެވެ. މުކުރިމަގު ފައިނަލުން ޖާގަ ހޯދީ ދެވަނަ ސެމީފައިނަލްގައި އިސްދޫއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ފުރިހަމަ ވަގުތުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އިސްދޫ ޓީމުންނެވެ. އެޓީމަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފްގައި އިބްރާހީމް މައިސާން އެވެ. ދެވަނަ ހާފްގައި މުކުރިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ރާހިލް ރަޝީދު އެވެ.
ޕެނަލްޓީގައި މުކުރި މަގުގެ އިބްރާހީމް ވަހީދު ހަސަން އާއި, އަލީ ސާމިޝް އާއި, އިބްރާހީމް ހާނިފް އާއި, އީސާ ކަލީމް ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އިސްދޫ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އަލީ ހުމޭސް އާއި އަހުމަދު ވިޖުދާން އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވިރު އެވެ.
