...

ފަޚުރުވެރި ބައްޕަ, އަސްލަކީ މަންމަ!

4755

މަތީގައިވާ ފޮޓޯއަށް ބަލާލާށެވެ. 19 އަހަރުގެ މުއާޒު އަބްދުއްރަހީމް އެހުރީ ފަޚުރުވެރިކަމާއެކު އުފަން ރަށް ނ.ލަންދޫ ބޮޑު މިސްކިތުގައި ހުކުރު ދުވަހުގެ ހުތުބާ ކިޔާށެވެ. މިމްބަރު ކުރިމަތީގައި އެންމެ ގާތުގައި ޝައުޤުވެރިކަމާއެކު ހުތުބާ އަޑުއަހަން އަބްދުއްރަހީމް ޢަބްދުالله އެއިނީ އަދި މާބޮޑަށް ފަޚުރުވެރިވެފައެވެ. ފަޚުރުވެރިވުން އޭނާ އަށް ހައްގެވެ. ކުރމަތީގައި ހުތުބާ ކިޔަމުން އެދަނީ އޭނާގެ އެންމެ ހަގު ދަރިފުޅެވެ. އެދަރިފުޅު ހުތުބާ ކިޔަން ފެށީ ދޮށީ ފިރިހެން ދަރިފުޅުގެ ބަންގިއަށް ފަހުއެވެ.

އެމިސްކިތުގެ އިސް އިމާމަކީ އަބްދުއްރަހީމްގެ ދޮށި ފިރިހެން ދަރިފުޅު މުއާވިޔަތު އަބްދުއްރަހީމެވެ. އެބައްޕަ ފަޚުރުވެރި ނުވާންވީ ސަބަބެއް ނެތެވެ. ތިން މީހުން ވެސް ހުދު ހެދުމުގައި އެތިބީ އެކަކު އެކަކަށް ޓަކައި, އާއިލާގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ޓަކައި ފަޚުރުވެރި ކަމާއެކުއެވެ.

ލިޔުމާ ގުޅޭ ރިޕޯރޓް

އަޟްހާ އީދުގެ ކުރިން އައި އެންމެ ފަހު ހުކުރު ލަންދޫގައި ކުރީ މުއާޒު އަބްދުއްރަހީމެވެ. އެއީ އޭނާގެ ފުރަތަމަ ހުކުރެވެ. ޒުވާން ހަތީބުން ތަމްރިނުކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ފުރިހަމަ ކޮށް, އެންމެ ފުރަތަމަ ހުކުރު އުފަން ރަށުގައި ކުރަން ލިބުމަކީ މާލޭގައި ދިރިއުޅޭ މުއާޒަށް ލިބުނު ފަޚުރެކެވެ. އެމިސްކިތުގެ އިމާމަކީ އެއްބަނޑު އެއްބަފާ ބޭބެއަށް ވުމަކީ ވަކީން ބޮޑު އުފަލެކެވެ. ހުތުބާ އަޑު އަހަން އެންމެ ކައިރީގައި ބައްޕަ އިނުމީ ބަޔާންކުރަން ދަތި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިއްބައިދިން ކަމެކެވެ. އީދަށްފަހު އައި ދެވަނަ ހުކުރުގައިވެސް ތަކުރާރުވީ ހަމަ މިމަންޒަރެވެ. އެއް އިހުސާސްތަކަކާއި އުފާވެރި ކަމެކެވެ.

ހަތީބަކަށް ވުމަކީ ކުޑައިރުން ފެށިގެންވެސް ވަރަށް ކުރަން ބޭނުންވި ކަމެއް. އެކަން ހާސިލްވީތީ އަޅުގަނޑު ވަރަށް އުފާކުރަން, ފުރަތަމަ ހުތުބާ ކިޔަން އަމިއްލަ ރަށުގައި ލިބުމުން ވަރަށް އުފާވޭ. ބޭބެ އިމާމަކަށް ހުރި މިސްކިތުގައި ހުތުބާ ކިޔަން ލިބުމަކީވެސް ބޮޑު އުފަލެއް.

މުއާޒު ޢަބްދުއްރަހީމް

ފަޚުރުވެރި ބައްޕަ ހުކުރު ނަމާދަށްފަހު ބުނީ އެއީ ހިތަށް ވަންނަ އުފާވެރިކަން ބުނެދޭންވެސް ނޭންގޭ ފަދަ އުފަލެއް އިހުސާސްކުރެވުނު ވަގުތުކޮޅެއް ކަމަށެވެ. ޚާއްޞަކޮށް ދަރިފުޅު ހުތުބާ ކިޔުމާ މެދު ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ކޮމެންޓް ތަކުގެ ސަބަބުން އެއުފާވެރިކަން އިތުރުވިއެވެ.

އަލްހަމްދުالله,  ވަރަށް އުފާވި ވަގުތުކޮޅެއް އެއީ. ދެން ހަމަ އުފާވެރިކަން ފާޅުކުރަން, ހިތަށް ވަންނަ އުފާވެރިކަން ބުނެދޭންވެސް އުނދަގޫ ވަގުތުކޮޅެއް އެއީ. ދޮށީ ފިރިހެން ދަރި އިމާމަކަށް ހުރެފަ, ހަގު ދަރިފުޅު ހުތުބާކިޔަން ހުރުން. ދެން ރަށުގެ މީހުންވެސް އޭނާ ހުތުބާ ކިޔާލި ގޮތާ ދޭތެރޭގައި ވަރަށް އުފާވެފަ ތިބީ, ހުރިހާ ބޭފުޅުންވެސް ބުނަނީ އަޑުއަހާ ހިތްވާ ގޮތަށް ކިޔާލައިފިއޭ ހުތުބާ.

ޢަބްދުއްރަހީމް ޢަބްދުالله

މިއީ އެބައްޕަ އަބްދުއްރަހީމްގެ އުފާވެރިކަމުން ކުޑަކުޑަ މިންވަރެކެވެ. އެއަށްވުރެ މާބޮޑަތި އުފާވެރިކަން އޭނާގެ ދަރިން ހޯދައިދީފިއެވެ. ފަޚުރުވެރިވުން ހައްގު ކާމިޔާބީތައް ހޯދައިދީފިއެވެ. އޭނާގެ އަށް ދަރިންގެ ތެރެއިން ތިން ދަރިންނަކީ ޤުރުއާން ހިތުދަސް ހާފިޒުންނެވެ. ތިން ދަރިންވެސް ފާސްވީ އެއްވަނަ ދަރަޖައިގައެވެ. ހަތަރުވަނަ ދަރިއެއް ހާފިޒަކަށް ވުމުގެ މަރުހަލާ ފުރިހަމަ ކުރަމުން ދަނީ އެވެ. އެއީ މުޅިންވެސް އަންހެން ދަރީންނެވެ.

މެދުގައި އަބްދުއްރަހީމް, ކަނާތް ފަރާތުގައި ހަގުދަރި މުއާޒު, ވައަތް ފަރާތުގައި ދޮށީ ފރިހެން ދަރި މުއާވިޔަތު

ހަގީގަތުގައި ފަޚުރުގެ އެންމެ ބޮޑު ޝުކުރެއް އޮތީ އެދަރީންގެ މަންމަ ޝަމީމާ މޫސާ އަށެވެ. އެއީ އެދަރިންނަށް ޓަކައި 24 ގަޑިއިރު ހޭދަކުރީ އެމަންމައެވެ. އެމަންމަގެ އަބަދުގެ ވެސް ވަޒީފާއަކީ އެކުދިންގެ ކަންކަން ފުރިހަމަކޮށް, ރަނގަޅު ތައުލީމާ ތަރިބިއްޔަތު ހޯދައިދިނުމެވެ. ބައްޕަ އަބްދުއްރަހީމްގެ ހުރިހާ ޝުކުރެއް އޮތީ އޭނާގެ އަނބިމީހާ އަށެވެ. ހުރިހާ ޝުކުރެއްވެސް އޮތީ އަނބި މީހާ އަށެވެ.

އެއާއެކު އޭނާ ވަރަށް މުހިއްމު އެއްކަމެއް ފާހަގަކުރި އެވެ. އޭނާގެ ތަޖުރިބާއިން ބުނީ މަންމަ ދަރިންގެ ކަންކަން ފުރިހަމަ ކުރުމަށް ދަރިންނަށް ޓަކައި ހުރިހާ ވަގުތެއް ހޭދަކުރުމުގެ ތަފާތު ފެނިއްޖެ ކަމަށެވެ. ދޮށީ ދަރިފުޅު ތައުލީމް ހާސިލް ކުރީ އުފަން ރަށު މަދަރުސާއިން ނެވެ. ދެވަނަ ދަރިފުޅާއި ތިންވަނަ ދަރިފުޅު އަރަބިއްޔާ ސްކޫލަށް ވައްދާ މާލޭގައި ބައިތިއްބީ އެކިފަހަރު އެކި ގޭގައެވެ. އެދެކުދީންގެ ތައުލީމީ ހާލަތާމެދު އެބައްޕަ ހިތްހަމައެއް ނުޖެހުނެވެ. އެހެނަސް އެދެދަރީންގެ ތެރެއިން އެއްދަރި ގަދަ ހިތްވަރުން އެހުރީ މިސްކިތު އިމާމެއްގެ ގޮތުގައެވެ. އަނެއް ދަރި މަސައްކަތް ކުރަމުން އެދަނީ ބައްޕައާ އެކުގައެވެ.

އެދެދަރީންގެ ތައުލީމީ ހަޔާތް ދިޔަގޮތުން އަބްދުއްރަހީމް ނިންމީ އަންހެނުން މާލެ ބަދަލުކޮށް ތަނެއް ކުއްޔަށް ހިފައިގެން އާއިލާ އެކުގައި ދިރިއުޅުމަށެވެ. ހަގު ފަސްކުދީން ތައުލީމީ ގޮތުން ތިބީ އެންމެ އުހުގައެވެ. ހާފިޒު ކަމުގެ ސަނަދު ހޯދީ އޭގެ ތެރެއިން ތިން ދަރީންނެވެ. އެސަނަދު ހޯދުމުގެ މަރުހަލާ ފުރިހަމަ ކުރަމުން އެދަނީ ވެސް އޭގެތެރެއިން ދަރިއެކެވެ. 19 އަހަރުގައި ހުކުރު ކުރަމުން އެދަނީވެސް އޭގެ ތެރެއިން ދަރިއެކެވެ.

އެދަރީންގެ މަންމަ ސަމީމާ މޫސާ ބުނީ ދަރީން ތައުލީމް ހާސިލް ކުރީ އަމިއްލަ އަށް ކަމަށެވެ. އެއިން ކުއްޖެއްގެ ގާތުގައި ފިލާވަޅެއް ހަދަން, ފިލާވަޅެއް ދަސްކުރަން ބުނަން ނުޖެހޭ ކަމަށެވެ. މަންމައެއްގެ ހައިސިއްތުން ކުރި ހަމައެކަނި ކަމަކީ ދަރީންނަށް ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި, އެއްބާރުލުމާއި ލޯބި ދިނުން ކަމަށެވެ.

އެހުރިހާ ދަރީންވެސް މިއަދު އެ މަންމައާއި ބައްޕަވެސް ފަޚުރުވެރިކޮށްދިފި އެވެ. މިއީ އުފާވެރި ނަމޫނާ އާއިލާއެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ފަޚުރުވެރި ބައްޕަ, އަސްލަކީ މަންމަ!

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.