އަޑު ނީވުނަސް, ވާހަކަ ނުދެއްކުނަސް މަސައްކަތްތެރި, މުރާލި އެއްވަނައިގެ ޒުވާނެއް!

4381

ރަށުގެ ކޮންމެ ޒުވާނެއްގެ އުޅުން ހުންނަ ގޮތް އޭނާއަށް އިނގޭނެއެވެ. ކޮންމެ މީހެއްގެ ނަން ބުނެ އެމީހަކާ ގުޅޭގޮތުން ސުވާލުކޮށްފިނަމަ އެމީހެއްގެ އުޅުން ހުންނަ ގޮތް ޔަގީންކަމާއެކު ކިޔައިދޭނެއެވެ. އެމީހެއްގެ ހުރި ނުރަނގަޅު ސިފަތައް ބުނެދޭނެއެވެ. އުޅުން ގޯސް ޒުވާނަކަށް ހެޔޮ ބަދަލު އައިސް އިސުލާހުވެފައިވާނަމަ އެކަންވެސް އޭނާއަށް އިނގޭނެއެވެ. މިއީ ނ.ލަންދޫ ބާނި ހަސަން ސިވާޖުގެ ވާހަކަ އެވެ. އޭނާއަށް އަޑެއް ނީވެއެވެ. ވާހަކައެއް ނުދެއްކެއެވެ. އުފަންވީންސުރެވެސް އޭނާއަށް އަޑެއް ނީވެއެވެ. ވާހަކައެއް ނުދެއްކެއެވެ. މިހާރު އޭނާގެ އުމުރުން 34 އަހަރު ފުރެނީއެވެ.

ސިވާޖު ސައިކަލް މަތީގައި މަޑުކޮށްލައިގެން

އޭނާއަށް ރަށުގެ ޒުވާނުންގެ އުޅުމާއި ގުޅުން އިނގުނަސް ހަމަ ކޮންމެ މީހަކު އަހައިގެން އޭނާއަށް އިނގޭ ވާހަކަތައް ހިއްސާއެއް ވެސް ނުކުރާނެއެވެ. އެކަމަކު މިއީ ސިވާޖުގެ އެންމެ ޚާއްޞަ ވާހަކައެއް ނޫނެވެ. އޭނާގެ އެންމެ ޚާއްޞަ ކަމަކީ މުރާލި ކަމެވެ. އިޖުތިމާއީ ކޮންމެ ކަމެއްގެ ކުރީސަފުގައި ބައިވެރުވުމެވެ. ރަށުގެ ހަމަ ކޮންމެ މީހަކާ ގުޅިގެން އުޅުމެވެ. މަސައްކަތްތެރި ކަމެވެ. ނުދަންނަ މަސައްކަތެއް މަދެވެ.

ސިވާޖުގެ ކުޑައިރުގެ ވާހަކަތަކާއި, އެންމެ ޚާއްޞަ ވާހަކަތައް ކިޔައިދޭން އެދުމުން އޭނާގެ ބައްޕަ ބުނީ ޅަ ދުވަހުން ފެށިގެންވެސް އުޅެނީ ކޮންމެވެސް މަސައްކަތެއް ކުރެވޭތޯ ކަމަށެވެ. އުދައްޔެއް ހިފައިގެން ވަޅު ކޮންނާށެވެ. ފަތްކެޔޮ އިންދުމުގައެވެ. ނުވަތަ އެނޫންވެސް މަސައްކަތެއްގައެވެ. ޒުވާން އުމުރު ކިރިޔާ ފެށުނުއިރު އެއީ މަސްވެރިއެކެވެ. މަސްދޯންޏެއްގައި ކަނޑުމައްޗަށް ނިކުމެއްޖެ ނަމަ އޭނާއަށްވުރެ އެކަމުގައި ފަރިތަ ކުޅަދާނެ ދެވަނަ މީހަކު ވަކި ނުހުރެއެވެ. ޚާއްޞަކޮށް ދޮށި އެޅުމުގައެވެ.

ސިވާޖު އޭނާ މަސައްކަތްކުރާ އޮފީހުގައި

އުމުރުގެ މިހާ ހިސާބަށް އައިއިރު އެންމެ ޝައުގުވެރިކަމާއެކު ކުރި މަސައްކަތަކީވެސް މަސްވެރިކަމެވެ. އެމަސައްކަތުގައި މާލޭގައިވެސް އަހަރުތަކެއް އުޅުނެވެ. މާލެދަތުރުކުރާ ބޯޓްގައިވެސް މަސައްކަތް ކުރިއެވެ. އެކަމަކު މިހާރު މަސައްކަތް ކުރަނީ ރަށުގެ ފެނަކަ ބްރާންޗްގައެވެ. އެތަނުގައި މަސައްކަތްކުރާ އެންމެ ހީވާގި މަސައްކަތަށް ފަރުވާތެރި އެއް މުވައްޒަފަކީވެސް އެއީއެވެ. ކޮންމެ ވަގުތަކު ގޮވާލިޔަސް ހުންނަނީ ތައްޔާރަށެވެ.

އޭނާގެ މޮބައިލް ފޯނަށް ގުޅުމަސށްފަހު އޮފީހޭ ބުނެފިނަމަ އެބުނި އެއްޗެސް އަކުރުން އަކުރަށް ނޭންގުނަސް އޭނާ އޮފީހަށް އަންނަން ވީކަން އޮފީހުން އޭނާގެ އެހީތެރިނަ ބޭނުންވީކަން އިނގެއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާ ހުންނާނީ އޮފީހުގައެވެ. ލަންދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ އަބްދުالله އާރިފް އެކަން ފާހަގަކުރިއެވެ.

ސިވާޖު ފާހަގަކުރެވެނީ ކުޅެދޭ މީހުންނަށް ހުރި ނަމޫނާއެއްގެ ގޮތުގައި. ނުކުޅެދޭ މީހެއްގެ ގޮތުގައި ހަމައެއްވެސް ވަރަކަށް ފާހަގައެއް ނުކުރެވޭ. ކުޅެދޭ މީހުންނަށްވުރެ މަސައްކަތަށް ބެލިޔަސް, ރަށުގައި މިކުރެވޭ އިޖުތިމާއީ މަސައްކަތްތަކުގައިވެސް އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ފަރާތެއް ސިވާޖަކީ. ދުވަހަކުވެސް ގަޑިއެއް ޖެހިފައެއް ނެތް. މުރާލި, މަސައްކަތަށް ބެލިޔަސް ކުރަން ނޭންގޭ އެއްވެސް ކަމެއް ނެތް.

ޢަބްދުالله އާރިފް/ ލަންދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ

ވާހަކަ ނުދެއްކުނަސް އަދި އަޑު ނީވުނަސް ވާހަކަ ދައްކާ މީހާގެ އަނގައަށް ބަލައިގެން ޢާއްމު ބަސްތައް އޭނާއަށް ފަހުމް ވެއެވެ. އަދި އޭނާ ބުނަން މަސައްކަތްކުރާ ބައެއް އެއްޗިހި ރަށު މީހުންނަށްވެސް އިނގެއެވެ.

ސިވާޖު އޭނާގެ ދަރިފުޅާއެކު

ސިވާޖުގެ މިހާރުގެ އުއްމީދަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރަން އޭނާ ބޭނުންވެއެވެ. ދަރިފުޅު އެހެން ރަށެއްގައި ހުއްޓަސް ކޮންމެ ސްކޫލް ބަންދެއްގައި ކައިރިއަށް ގެނެސް ގިނަ ވަގުތު ހޭދަކުރާކަން ރަށު މީހުން ފާހަގަކުރެއެވެ. ސިވާޖަކީ ލަންދޫ ޒުވާނުން ފާހަގަ ކުރާ ގޮތުގައި އެއްވަނައިގައި ޒުވާނެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.