ބޮޑުފޮޅުދޫއަށް ޒިޔާރަތް ކުރިންތަ! މިއީ ކޮންތަނެއް!

1535

ސުވާލު އުފެދުނީ ރަށުގެ ވޮލީކޯޓާއި ފުޓްބޯޅަ ދަނޑު ކައިރީ ގޮނޑުދޮށާވީ ފަޅީގައި ބޮޑު ސަރަހައްދެއްގައި ތަޅުން އަޅާފައި އޮތުމުން ނެވެ. އަދި ބަލާބެލުމަށް އެއީ އަހަރުތަކެއްވީ ތަޅުންގަނޑެއްކަން އިނގެއެވެ. އެހެންކަމުން އުފެދުނު ސުވާލުތައް އިތުރުވީ އެވެ. ހަވީރުގެ ވަގުތު އެތަނުގައި ކުޑަކުދިން ސްކޭޓްކޮށް, ބައިސްކަލް ދުއްވަން އުޅުނެވެ. އަދި ޖޯލިފަތިތައް ބަހައްޓައިގެން ވެސް ބައެއް މީހުން އެތަނުގައި މަޑުކޮށްގެން ތިއްބެވެ.

ބޮޑުފޮޅުދޫ ހެލިޕޭޑް ސަރަހައްދު

ކަންދިމާކުރި ގޮތުން އެސުވާލުރިއިރު އެތަނުގެ ބޭނުން ކުރި ނުވަތަ ޚިދުމަތް ހޯދި ބަޔަކު ކައިރީގައި ތިއްބެވެ. އެވާހަކަ ކިޔައިދިނީ ކައުންސިލްގައި މަސައްކަތްކުރާ އެޑަމްއެވެ.

މިއީ ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެއް. ހަމިމްބާޑް ކުންފުނިން ތައްޔާރުކުރި ތަނެއް މިއީ, ހަމިމްބާޑް ކުންފުނިން ފައިސާދީގެން ބޮޑުފޮޅުދޫ ރައްޔިތުންގެ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ކުރީ

އެޑަމް / ހެލިކޮޕްތަރުގައި ދަތުރުކުރި ފަރާތެއް

ހަމިމްބާޑް ކުންފުންޏަކީ ބޭރުގެ ކުންފުންޏެކެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ދިނީ އަރިއަތޮޅުގެ ރިސޯރޓްތަކަށް ފަތުރުވެރިން އުފުލުމަށެވެ. ހަތަރު ހެލިކޮޕްޓަރު އެޚިދުމަތަށް ބޭނުން ކުރިއެވެ. އަދި ދުވާލަކު އެވްރެޖްކޮސް ހަތަރު ދަތުރު ކުރިއެވެ. އެއީ 1989 ން 1995 ވަނަ އަހަރާ ހަމައަށް ދިން ޚިދުމަތެކެވެ. އަރިއަތޮޅުގެ ތިން ރަށެއްގައި ހެލިޕޭޑް ހަދާ ހެލިކޮޕްތަރުގެ ޚިދުމަތް ދިން ހަނދާން އެޑަމް އާކޮށްދިނެވެ.

ފަތުރުވެރިންނަށް ޖާގަ ދިނުމަށްފަހު ބާކީ ހުންނަ ޖާގަ އަގެއް ނެގުމެއް ނެތި ބޮޑުފޮޅުދޫގެ ރައްޔިތުންނަށާއި, ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދިނެވެ. އެޚިދުމަތް ވަރަށްގިނައިން ހޯދި އެކަކީ އެޑަމްއެވެ. އެއީ އެޑަމް މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ކޮންމެ ހަފްތާ ބަންދެއްގައި ހެލިކޮޕްޓަރުގައި ރަށަށް އައިސް އެނބުރި ދިއުމުގެ ފުރުޞަތު ލިބުނެވެ.

ބޮޑުފޮޅުދޫ ހެލިޕޭޑް ސަރަހައްދު

އެޚިދުމަތް ހުއްޓާލީ ސަރުކާރުން މަނާކުރުމުންނެވެ. ސަރުކާރުން އެޚިދުމަތް ހުއްޓުވީ ހިތާމަވެރި ދެތިން ހާދިސާއެއް ހިނގައި ބައެއްގެ ފުރާނަވެސް ގެއްލުމުންނެވެ. އެޚިދުމަތުގައި ބޭނުންކުރީ ބާ ހެލިކޮޕްޓަރުތަކެއް ބައެއް މީހުން ބުނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.