ފުރަތަމަ ކައުންސިލުން ފެށިގެން ލ.ހިތަދޫގައި ދައުރުވަމުން އައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމް!

586

ކައުންސިލްތައް އުފެދުނު ހިސާބުން ފެށިގެން ކައުންސިލްތަކުން ރައްޔިތުން ތަރުބިއްޔަތު ކުރި ކުރުމުގެ ތެރެއިން އައިސްފަ އޮތް އެއްޗެއް މިއީ. ފުރަތަމަ ދައުރުގައި ގަވާއިދު ތަކެއް ހެދި, ކުނި އަޅާނެ ވަކިތަނެއް ދެއްކި. ވަސީލަތްތައް ގާއިމްކުރެވި ހަތަރު ވަނަ ދައުރަށް އައިސް މެނޭޖްކުރަން ފެށީ. އެތެރޭގައި ތްރީޓް ކުރަން މިފެށީ. އ ސްޓެޕްބައި ސްޓެޕް ރައްޔިތުން ތަރުބިއްޔަތު ކޮށްގެން މިހިސާބަށް މިއައީ. މިއީ ނިމިދިޔަ ކައުންސިލްތަކުގެ ފެށުމެއް, އިސްނެގުމެއް.

އިބްރާހީމް ސައްމޫން/ ލ.ހިތަދޫ ކައުންސިލްގެ ރައީސް

ލ.ހިތަދޫ ކުނި މެނޭޖްކުރާ ސެންޓަރުގައި ހުންނަވާ ކައުންސިލް ރައީސް ސައްމޫން ވިދާޅުވީ ރަށް ސާފްތާހިރުކޮށް ބޭއްވުމަށް ރަށުގެ ރައްޔިތުން ވަރަށްބޮޑު އިސްކަމެއް އަދި ބައިވެރިވުމެއް ދޭ ކަމަށެވެ. އޭގެ ސަބަބަކީ ކައުންސިލްތައް އުފެދުނީއްސުރެ އެމަގަށް ކައުންސިލް ތަކުން ކުރި މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ. ކުނި މެނޭޖްކުރުމުގައި ހިތަދޫގައި ވަރަށް ވަރަށް ރަނގަޅު ނިޒާމެއް ގާއިމްކޮށްފައެވެ.

ލ.ހިތަދޫ ކުނި މެނޭޖްކުރާ މަރުކަޒު

ކޮންމެ ދުވަހެއްގެ ހެނދުނު ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ސެންޓަރުގެ މުވައްޒަފުން ފަށާ, މެންދުރަށް އެމަސައްކަތް ނިންމައެވެ. އަދި ސެންޓަރަށް ކުނި ގެނެސް ކުނި ވަކިކޮށް ނައްތާލުމުގެ މަސައްކަތް ކުރެއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށް ސާމާނު ވަނީ ހޯދާފައެވެ. ހެވީ ވެހިކަލްކަތް ސެންޓަރުގައި އެބަހުއްޓެވެ. ކުނި ނަގާ އުފުލުމަށް ދެ ޕިކަޕް އެބައޮތެވެ. އޭގެތެރެއިން އެއް ޕިކަޕަކީ ހިތަދޫ މަސްވެރިންގެ ޖަމްއިއްޔާގެ ހަދިޔާއެކެވެ.

ހިތަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިނގަމުންދަނީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އެތަނުގައި ރަށުގެ ޒުވާން މުވައްޒަފުން މަސައްކަތް ކުރުމަކީ ކައުންސިލަށްވެސް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ކައުންސިލުން އަހަރަކު މިލިއަނެއްހާ ރުފިޔާ ހޭދަކުރެއެވެ. އެމަސައްކަތުގައި ކައުންސިލުން މުސާރަދޭ ދިހަވަރަކަށް މުވައްޒަފުން މަސައްކަތް ކުރެއެވެ.

މަރުކަޒުގައި ޒުވާނުން މަސައްކަތް ކުރަނީ

ހިތަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ހަވާލުވެ ހުންނެވި މުހައްމަދު އަތީފް ފާހަގަކުރި އެންމެ މުހިއްމު ކަމަކީވެސް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމެވެ. ރަށް ސާފްކޮށް ބޭއްވުމަށް ދޭ އަހަމިއްޔަތެވެ. އެއާއެކު ޒުވާން މުވައްޒަފުންތަކެއް ސެންޓަރުގައި މަސައްކަތް ކުރުމަކީ އޭނާއަށްވެސް ބޮޑު ހިތްހަމަޖެހުމް އަދި އުފަލެކެވެ.

ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ. ރަށް ސާފްތާހިރުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރޭ.

މުހައްމަދު އަތީފް/ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި

ކުނީގެ މައްސަލައަކީ ވަރަށް ގިނަ ރަށްރަށުގައި އަދިވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. ހިތަދޫގެ އިތުރުންވެސް ބައެއް މަދު ކައުންސިލްތަކުން ރަނގަޅު ނިޒާމެއް ގާއިމްކޮށްފައި އޮތްކަންވެސް ފާހަގަކުރެއެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް އެންމެ މުހިއްމު ކަމަކީ ހަގީގަތުގައި ހިތަދޫ ކައުންސިލުން އެފާހަގަކުރެއްވި ރައްޔިތުން ތަރުބިއްޔަތު ކުރުމުގެ މަރުހަލާއެވެ. އެހިސާބުން ވަރަށްބޮޑުބައި ހައްލުވީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.