މާލެއިން ފުރައިގެން ޓެންޒޭނިޔާގެ ދާރުއްސަލާމްއާއި ހަމައަށް ދިއުމަށް ޓްރާންސީޓާ އެކޮށް 16 ވަރަކަށް ގަޑިއިރު ހޭދަވެއެވެ. އަދި ދާރުއްސަލާމުން ސަންގީދާ ސިޓީއަށް އެއްގަމު މަގުން ދިއުމަށް 12 ގަޑިއިރު ހޭދަވެއެވެ. އެސިޓީން މިސީސީ ވިލެޖަށް ދިއުމަށް ހޭދަވާ ވަގުތުތަކާއެކު އެހިސާބަށް ދިއުމަށް ކުރަން ޖެހެނީ ދިގު ދަތުރެކެވެ. އަވަށާ ވަކިން ‘ޖަންގަލީ’ގެ ގޮތުގައި ސިފަވާ އެ ސަރަހައްދުގައި ވެސް އެތައްސަތޭކަ ބަޔަކު ދިރިއުޅެއެވެ.

އެކަމަކު އެއީ ނިކަމެތި, ހިތްދަތި އުނދަގޫ ދިރިއުޅުމެކެވެ. ބަނޑުފުރާނަ މުއްތި ކޮށްލެވެނީ ކޮންމެވެސް މީހަކު ކާއެތިކޮޅެއް ދިއްކޮށްލިއްޔާ އެވެ. ވަންނާނެ ރަނގަޅު ހިޔާވަހިކަމެއްވެސް ނެތެވެ. މި ބަރަކާތްތެރި ރަމަޟާންމަހު އެމީހުންނަށް އެހީގެ އަތެއް ދިއްކޮށްލި އެއް ބަޔަކީ ދިވެހި ރައްޔިތުންނެވެ. ޚިދުމަތް ޖަމްއިއްޔާ މެދުވެރިކޮށް މިރަމަޟާން މަހުގެ ކޮންމެ ދުވަހު ރޯދަވީއްލަން އެހީތެރި ވަނީ ދިވެހީންނެވެ. އެއެހީ އެމީހުންނާ ހަމައަށް ފޯރާކަން ޔަގީނެވެ. އެކަން މަތީގައިވާ ވީޑީއޯ ރިޕޯރޓުން އިތުރަށް ކަށަވަރުވާނެއެވެ.

ޚިދުމަތް ޓީމުން ދިން ފުރުޞަތެއްގައި އަޅުގަނޑު އެވިލެޖްގައި ދުވާލެއްގެ ބޮޑުބައި ހޭދަކުރީމެވެ. އެސަހައްދަށް ވެހިކަލެއްގައި ކައިރިކުރިއިރު ވިލެޖްގެ ބައެއް ރައްޔިތުން އަޅުގަނޑުމެންގެ އިސްތިގްބާލުގައި މަޑުކޮށްގެން ތިއްބެވެ. އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ މެދުވެރިކޮށް އެޚަބަރު ގޮސްފައިވާތީއެވެ. އެމީހުންގެ ފަރާތުން ހޫނު މަރުހަބާއެއް ކީކަމުގެ އިހުސާސް ކުރެވުނެވެ. ހަގީގަތުގައި އެއީ ދިވެހި ރައްޔިތުން އެމީހުންގެ މަތީން ހަނދާންކޮށް ވެދޭ އެހީއަށްޓަކައި ކީ މަރުހަބާއެކެވެ.

ދިވެހީންގެ އެހީގައި އެވިލެޖްގައި ދިރިއުޅޭ ރައްޔިތުންނަށް ހަދިޔާ ކުރާ ބަކަރިތަކުގެ ތެރެއިން އެދުވަހަށް ފުދޭވަރަށް ކަތިލީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. އެމަސް ނޮޅާ ކެއްކީވެސް އެމައިދާނުގައެވެ. އެކަމުގައި އުޅުނީ ވިލެޖްގެ ފިރިހެނުންނެވެ. ހަދިޔާކޮށްފައިވާ ހަނޑޫ މިނެކިރައި, ދުވަހަށް ވާވަރަށް ބަތް ކެއްކީވެސް އެތަނުގައެވެ.

ކާއެތިކޮޅުގެ އިންތިޒާރުގައި ކުޑަކުދިންނާއި, އަންހެނުން އެސަރަހައްދުގައި ހުރި ހިޔާދޭ ގަސްދޮށުގައި އެތައް އިރަކު މަޑުކުރީއެވެ. ކުދިވެރިން ގަހަށް އަރާ, އެސަރަހައްދުގައި ކުޅެއުޅުނެވެ. ބަނޑުހައި ހޫނުކަން ތަހައްމަލުކުރަމުންދާކަން އެކުދީންގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށްވެސް ފާހަގަކުރެވުނެވެ. ވިލެޖްގެ އެކި ހިސާބުތަކުން މީހުން އައިސް ގޮސް އުޅުނެވެ.
މެންދުރު ނަމާދު ވަގުތުވީވެސް އެމަސައްކަތުގައި ޝާމިލްވެ އުޅެނިކޮށެވެ. ނަމާދު ވަގުތުވުމުން އެހުސް ބިމުގައި އެތަނުގައި ހަރަކާތްތެރިކޮށް އުޅުނު, ފެންނަ ފެނުމަށް ވިލެޖްގައި ލީޑްކުރާ މީހަކު ބަންގި ގޮވިއެވެ. އަދި އެތަނުގައި ބާ ސަތަރިއެއް އަޅާ ނަމާދުކުރިއެވެ.

އުނދުން ރޯކޮށް ކައްކަމުން ދިޔައީ ހަތަރު ފާރު ހުރި ނަމަވެސް ހިޔާނުކޮށް ހުރި ކުޑަ އިމާރާތެއްގެ ތެރޭގައެވެ. އެއީ ކޮން އިމާރާތެއްތޯ ބެލުމުގެ ޝައުޤުގައި އޮޅުންފިލާތޯ ބެލިބެލުމުން އިނގުނީ އެއީ އިމާރާތް ކުރަމުންދާތާ ހަތް އަހަރެއްހާ ދުވަސްވެފައިވާ ކުޑަކުޑަ އިމާރާތެއް ކަމެވެ. އެއީ މިސްކެތެވެ. މިސްކިތް ނިންމާލެވޭނެ ފަދަ ނެތި ހަތް އަހަރު ވެދިޔައީ އެވެ. މިއީ މިވިލެޖްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލަތެވެ.
ކެއްކުމުގެ މަސައްކަތުގައި ތިން އަންހެނަކުން ލީޑް ކުރަމުން ދިޔައެވެ. ކައްކާ ނިމުމުން ގަސް ދޮށުގައި ސަތަރިއެއް އަޅާ ކާތަށިތައް އަތުރާލަން ތައްޔާރުކުރިއެވެ. ކެއްކި ތެލިން ތަށްޓަށް ބަތްކޮޅަކާއި, މަސްކޮޅެއް އަދި ދޮންކެޔޮ ވަކެއް ލުމަށްފަހު ސަތަރި މަތީގައި އަތުރަމުން ދިޔައެވެ. ކުޑަކުދިންނަށް ޖޫސް ތަށްޓެއް ލިބުނެވެ. އެއީވެސް އެހީދޭ ފަރާތްތަކުގެ އެހީއެވެ ދިވެހީންގެ އިތުރުން އެހެން ބައެއް ފަރާތްތަކުންވެސް އެމީހުންނަށް އެހީތެރިވެއެވެ.

ސަތަރި މަތީ ތަށިތައް އަތުރާ ނިމުމުން އެންމެ ފުރަތަމަ ކާތަށިތައް ދިނީ ކުޑަކުދީންނަށެވެ. ހައިހޫނުކަން މަތީ ތިބި އެކުދީން ޝުކުރުވެރިކަމާއެކު ކާއެތިކޮޅަށް އިންސާފްކުރަމުން ދިޔަ މަންޒަރު ބެލުންވެސްވީ ހިތްދަތި އިހުސާސަކަށެވެ.
އެސަރަހައްދަކީ އިރުއޮއްސުމުން ރައްކާތެރި ސަރަހައްދަކަށް ނުވާތީ އިރުއޮއްސުމުގެ ކުރީން އަޅުގަނޑުމެން އެސަރަހައްދުން އެނބުރި ދިޔައީ ދުވަހުގެ ކާއެތިކޮޅު ބަހާ ނިމުމުންނެވެ. އިރުއޮއްސެންވާއިރަށް އެމީހުންވެސް އެމީހުން ނިދަން ތައްޔާރުކޮށްފައިވާ ހިޔާވަހިކަމަށް ވަންނާނެއެވެ. އިރުއެރުމުގެ ކުރިން ނިކުތުމަކީވެސް ރައްކާތެރި ކަމަކަށް ނުވާތީ އިރު އެރުމާ ހަމައަށް ތިބޭނީ އެކުޑަކުޑަ ހިޔާވަހިކަމުގައެވެ. އެމީހުންގެ އެންމެ ރަނގަޅު ހިޔާވަހިކަން މަތީގައިވާ ވީޑިއޯއިން ފެންނާނެއެވެ.

މިއީ ހަމައެކަނި ރަމަޟާންމަހުގެ އެމީހުންގެ ހާލަތެއް ނޫނެވެ. އެމީހުންގެ ދިރިއުޅުން ފެށިގެން މިއަދާ ހަމައަށްވެސް ހާލަތެވެ. މިސަރަހައްދުގައި ދިރިއުޅެނީ ފައިސާ ފޮއްޗެއް ފެނުނަސް އެއީ ކޯއްޗެއްކަންވެސް ނޭންގޭ ރައްޔިތެކެވެ.
