ދިވެހިންގެ ދީލަތި ކަމުގެ އަތް ދިއްކޮށްލަނީ ހަމައެކަނި ދިވެހިންގެ ތެރެއިން ދަތިހާލުގައި އުޅޭ ފަރާތްތަކަކަށް ނޫނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަތި ހާލަތުގައި ދިރިއުޅޭ މުސްލިމުންނަށް ދިވެހިންގެ ދީލަތި އެހީ އަބަދުވެސް ފޯރުކޮށްދެއެވެ. ރަމަޟާންމަހަކީ އެހީތެރިކަމާއި ދީލަތި ކަމަށް އިތުރަށް ބާރު އަޅާ މަހަކަށް ވީހިނދު މިމަހުގައި ދިއްކޮށްލާ އެހީގެ އަތްތައް ގިނައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އިންޓަރނޭޝަނަލް ޖަމްއިއްޔާތަކުން ދިވެހީންގެ އެހީތެރިކަން, އެހީ ބޭނުންވާ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމުގައިވެސް އަދާކުރާ ދައުރަކީވެސް ފާހަގަކުރުން ހައްގު ބޮޑު މަސައްކަތެކެވެ. ޚިދުމަތް ޖަމްއިއްޔާއަކީ އޭގެތެރެއިން އެއް ޖަމްއިއްޔާއެވެ.
މިރަމަޟާން މަހު ދިވެހީންގެ އެހީތެރިކަން ދުނިޔޭގެ ހަތަރު ގައުމެއްގައި ދަތިހާލުގައި އުޅެމުންދާ މުސްލިމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ޚިދުމަތް ޖަމްއިއްޔާއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ފަލަސްތީނާއި, އަފްޣާނިސްތާނާއި, ބަނގްލަދޭޝް އާއި ޓެންޒޭނިޔާގައި ‘އިފްތާރު’ ޕްރޮގްރާމް މިރަމަޟާން މަހުވެސް ކުރިއަށް ގެންދެއެވެ.
އިފްތާރު ޕްރޮގްރާމްގެ ތެރެއިން މިރަމަޟާންމަހު އެހީތެރިކަން ފޯރުކޮށްދޭ އެއް ސަރަހައްދަކީ ޓެންޒޭނިޔާގެ ސިންގީދާ ސިޓީއެވެ. މިއީ ދާރުއްސަލާމްއާ 750 ކިލޯ މީޓަރު ދުރު ސަރަހައްދެކެވެ. ދާރުއްސަލާމުން އެއްގަމު މަގުން ކާރުގައި މިސަރަހަދަށް އައުމަށް 12 ގަޑިއިރު ހޭދަވެއެވެ. އެދިގު ރާސްތާ ކަޑައްތުކޮށް އަޅުގަނޑުމެން މިތިބީ އެސަރަހައްދުގައި ދިވެހީންގެ އެހީ ނިކަމެތި, އެންމެ ބޮޑަށްއެހީ ބޭނުންވާ ޓެންޒޭނިޔާގެ ފަރާތްތަކާ ހަވާލުކުރުމަށެވެ. މިސިޓީގައިއެހީ ފޯރުކޮށްދެވެނީ ސްކޫލެއްގައި ކިޔަވަމުންދާ ޔަތީމް 200 ކުއްޖަކަށެވެ. ކޮންމެ ދުވަހެއްގެ ރޯދަ ވީއްލުން ދިވެހީންގެ އެހީގައި އެކުދީންނަށް ދަނީ ފޯރުކޮށްދެމުންނެވެ
. ސްކޫލްގެ އެކޮމަޑޭޝަންގައި ދިރިއުޅޭ ކުދިންނަކީ ތަފާތު ސަބަބުތަކާހުރެ މައިންބަފައިން ވަކިވެފައިވާ ޔަތީމް ކުދީންނެވެ. އެކުދިންގެ ދިރިއުޅުމުގެ ހުރިހާކަމެއް ހަމަޖައްސާފައި ހުރި ސްކޫލްގައި ކޮންމެ ދުވަހަކު ދިވެހީންގެ އެހީތެރިކަމާއެކު ރޯދަ ވީއްލުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެކަން ފާހަގަކޮށް އެކުދީންގެ ހިތުގއި ދިވެހީންނަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އޭގެތެރޭގައި 3-10 އަހަރާ ދެމެދުގެ ކުދީން ހިމެނެއެވެ.

އެކުދީން ތަރުބިއްޔަތުކޮށް, ދީނީ ކަންކަމަށް އަހުލުވެރިކުރުމުގެ ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަން މިތަނުގައި ހޭދަކުރި މަދު ވަގުތުތަކިގެ ތެރޭގައިވެސް ފާހަގަކުރެވުނެވެ. ދީނީ ކަންކަމަށް ދޭ ސަމާލުކަމާއި, އިހުތިރާމް ކުރުމާއި ޝުކުރުވެރިވުމެވެ.
މިރަމަޟާން މަސް ނިމެންދެންވެސް ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން ދިވެހީންގެ ދީލަތު އެހީ މިކުދީންނަށް ފޯރުކޮށްދޭނެއެވެ. ޓެންޒޭނިޔާގެ އެހެން ބައެއް ސަރަހައްދުތަކުގައިވެސް ޚިދުމަތް ޖަމްއިއްޔާގެ މިޕްރޮގްރާމް ކުރިއަށް ގެންދެއެވެ.
