ރަށަށް އަރާ ބަލާއިރު ފާހަގަކުރެވުނީ ތަރައްޤީގެ މުހިއްމު މަޝްރޫއުތަކެއް އެކި މަރުހަލާގައި ހުރިކަމެވެ. އެގޮތުން އެންމެ ފާހަގަކުރެވުނީ އެންމެ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތެވެ. މަސައްކަތުގެ ބޮޑުބައި ނިމި, ޚިދުމަތް ދިނުމާ ގާތަށް ވަނީ އާދެވިފައެވެ. ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ވިދާޅުވީ ކުރިއަށް އޮތް މަހެއް ދެމަހެއްގެ ތެރޭގައި ޚިދުމަތް ލިބުމަށް އުއްމީދުކުރެވޭ ކަމަށެވެ.

ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 8 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތްވެސް ގޮއިދޫގައި ދަނީ ކުރިއަށެވެ. މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ނިމި ފެނަކަ އޮފީހުގެ އާ އިމާރާތުގައި ރައްޔިތުންނަށް ދަނީ ޚިދުމަތް ދެމުންނެވެ. ބަޖެޓް ކުރެވިފައިވެސް މުހިއްމު ދެ މަޝްރޫއެއް އެބައޮތެވެ. އެއީ ބަނދަތު ބޮޑު ކުރުމާއި, ޞިއްޙީ މަރުކަޒުގެ އާއިމާރާތެއްގެ މަސައްކަތެވެ. މިއީ 2023 ވަނަ އަހަރުވެސް ބަޖެޓްކޮށް, މަސައްކަތް ނުފެށި މިއަހަރަށް އަލުން ބަޖެޓްކުރެވިފައިވާ ދެ މަޝްރޫއެވެ. ކައުންސިލް ރައީސް ވިދާޅުވީ ރަށުގެ ބަނދަރަކީ ޖާގަ ކުޑަ އަދި މަރާމާތަށްވެސް ބޭބުންވެފައިވށ ބަނދަރެއް ކަމަށެވެ.

ބަނދަރުގެ ޖާގަ އިތުރުކުރެވި, ބަނދަރު މަރާމާތު ކުރެވުން އެއީ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒަކީ ވަރަށް ކުރީގެ އިމާރާތެއް ކަމަށާއި, އެއީ ޞިއްހީ ޚިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތެއްވެސް ނޫން ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޞިއްހީ މަރުކަޒުގެ އާ އިމާރާތެއްގެ މަސައްކަތް ފެށިގެން ދިއުމަކީވެސް ރައްޔިތުންގެ ބޮޑު އުއްމީދެކެވެ.
ޞިއްހީ މަރުކަޒުގެ އާ އިމާރާތް ބިނާކުރުމާއި, ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމަކީ ހަމަ 2024 ވަނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހިމެނިފަ އިން ދެ ޕްރޮޖެކްޓް. މިދިޔަ 2023 ވަނަ އަހަރުވެސް ބަޖެޓްގައި ޕްރޮޖެކްޓް ހިމެނިފަ ވަނީ, އެހެންނަމަވެސް މަސައްކަތް ނުފެށި މިހިސާބަށް އައީ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން, ރައްޔިތުންވެސް ވަރަށްބޮޑަށް އުއްމީދެއްގައި މިތިބީ މިއަހަރުގެ ތެރޭގައި މި ދެމަޝްރޫއު ފެށިގެންދާނެ ކަމަށް.
އިބްރާހީމް ޝާހިދު/ ށ.ގޮއިދޫ ކައުންސިލްގެ ރައީސް
ގޮއިދޫއަކީ އުމްރާނީ ގޮތުން ތަރައްޤީ ރަށެކެވެ. ފުދުންތެރިވެސް ރަށެކެވެ. ޢާއްމު ރައްޔިތުންގެ ގެދޮރަށް ބަލާއިރުވެސް އެކަން ފާހަގަކުރެވެއެވެ ނަމަވެސް އެކަންކަމާ އަޅާބަލާއިރު ރަށުގައި ޒަމާނީ މިސްކިތެއް ނެތުމުގެ ފަޅުކަން އިހުސާސްވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ވިދާޅުވީ ޒަމާނީ މިސްކިތެއް ރަށުގައި ގާއިމް ކުރެވުމަކީ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއް ކަމަށެވެ. އުއްމީދަށް އޮތް ހިތްހަމަ ޖެހުމަކީ މިސްކިތް އެޅުމުގައި އިސްކަންދޭ ލިސްޓްގައި ގޮއިދޫ ހިމެނޭކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ދެއްވާފައި އޮތުމެވެ.

ބައެއް މަޝްރޫޢުތައް މަޑުޖެހިފަ ހުރި ނަމަވެސް, އެމަޝްރޫއުތައް މަޑުމަޑުން ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ. ތަފާތު ސަބަބުތަކާހެދި ރައްޔިތުން އެންމެ އުއްމީދުކުރާ ވަރަށް ބައެއް މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ކަންބޮޑުވުން އޮތަސް, އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ޔަގީންވެ ކަށަވަރުވުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ ވަރަށްބޮޑު ލުއިފަސޭހަ އަކަށް ވެގެންދާނެކަމަށް ކައުންސިލް ރައީސް ޝާހިދު ވިދާލުވިއެވެ.
ގޮއިދޫގައި ހުރި އެހެން މައްސަލަތަކަށް ބަލާއިރު ރަށްގިރުމުގެ މައްސަލަ އާއި ވިސްސާރަ ވުމުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުން ހިމެނެއެވެ. އެމައްސަލައަށް ހައްލެއް ލިބޭނެ ގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ހެދިގެން ދިއުމަކީވެސް ރަށުގެ ރައްޔިތުންގެ އުއްމީދެވެ.
