ކުއްޅަވަކަށް ޚާއްޞަ މިރަށުގައި އޮތީ މުއްސަނދި ތާރީޚަކާއި, ބަދަހި މުޖުތަމައުއެއް

706

ތާރީޚީ ފަށްފުށްތަކަށް ބަލާއިރު މިއީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ތެރެއިން ރަށެކެވެ. އޭގެ އެންމެ ބޮޑު ނިޝާނަކީ ލަންދޫ މާބުދުގެ ނުވަތަ ހަވިއްތަ އެވެ. އެތަނުން ފެނިފައިވާ ދެ ގަލެއްގައި ހުރި ލިޔުންތަކުންވެސް ހެކިދެނީ މިއީ ގަދީމީ ރަށެއްކަމެވެ. އޭގެތެރެއިން އެއް ގައު އޮތީ ދާރުލް އާސާރުގައި ބޭއްވިފައެވެ.

ނ.ލަންދޫ ބަނދަރު ސަރަހައްފުގައި ރަށުގެ ނަން, ރަށުގެ ރަމްޒު ކުއްޅަވަކާއެކު

މިއީ ބިން ބޮޑު ރަށެކެވެ. 84 ހެކްޓަރުގެ ތެރެއިން މީހުން ދިރިއުޅެނީ ގާތްގަނޑަކަށް ތިންބައިކޮޅަ އެއްބައިގައެވެ. ރަށުގެ ބޮޑު ބަޔަކީ ޗަކަ ބިމެވެ. އެބިމުގައި ހުރި އެންމެ ޚާއްޞަ ގަހަކީ ކުއްޅަވަކެވެ. ރާއްޖޭގައި ކުއްޅަވަށް އެންމެ ގިނަ ރަށަކީ ލަންދޫ އެވެ. އޭގެ ތަފާތު ރަހަތައް ތަޖުރިބާކުރަން ޒިޔާރަތްކޮށްލަން ޖެހެނީ ލަންދު އަށެވެ.

ރަށުގެ އެންމެ ޚާއްޞަކަމަކީ ތާރީޚާއި, ކުއްޅަވަކުގެ އިތުރުން ބަދަހި މުޖުތަމައު އެވެ. މެހުމާނުންނަށް މަރުހަބާ ކިޔުމުގައި އެއްވަނައިގެ ރަށަކަށް ވުމެވެ. ލަންދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ފަޒީލް ހަސަން ވެސް ވިދާޅުވީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހުމާނުންވެސް އެކަން ފާހަގަކުރާ ކަމަށެވެ. ރަށުގެ ރައްޔިތުންގެ ހިތްހެޔޮ ކަމާއި އެކުވެރިކަން އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. މިދިޔަ ދެ އަހަރު ލަންދު އަށް ބަނދަރުކުރި ޔޮޓްރެލީ ތަކުގައި ޒިޔާރަތްކުރި ފަތުރުވެރިންވެސް އެކަން ފާހަގަކުރި ކަމަށް ފަޒީލް ވިދާޅުވިއެވެ.

ނ.ލަންދޫ

މީގެއިތުރުން ކައުންސިލް ރައީސް އަބުދުލްއަޒީމް މުހައްމަދު ފާހަގަކުރެއްވީ ރަށަކުން ލިބޭނެ ހުރިހާ ހިތްހަމަ ޖެހުމެއް އެއް ރަށަކުން ހޯދަން ބޭނުންވާނަމަ އެކަމަށް އޮތް އެއް ރަށަކީ ލަންދޫ ކަމަށެވެ.

މިރަށަކީ ސަގާފީ ވަރަށްގިނަ އާސާރުތަކެއް ހުރި ރަށެއް. އަދި އެންމެ ކުރީގަ މީހުން ދިރިއުޅެންފެށި ރަށްތަކުގެ ތެރެއިން ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ. ރާއްޖޭގެ ނިސްބަތުން ކުއްޅަވަށްވެސް އެންމެ ގިނަ ރަށް މިއީ. ޕާކްފަދަ ތަންތަން އެބަހުރި, މެހުމާންދާރީ ފުރިހަމަ ވާނެ.

ޢަބްދުލް އަޒީޒު މުޙައްމަދު/ ލަންދޫ ކައުންސިލްގެ ރައީސް

ރަށުގައި ގަސްގަހާގެހި ގިނަވުމާއި, މީހުންގެ ގޭގޭގެ ގޯތިތެރޭގައި މާމެލާމެލި ގިނައިން ހައްދާފައި ހުރުމުން ރަށުގެ ފެހިކަން ގަދަވެފައި ހިތްހަމަ ޖެހުން ބޮޑެވެ. އަދި ރަށުގެ ބައެއް ސަރަހައްދުތަކުގައި މަޑުކޮށްލައިގެން ތިބެވޭނެ މައިދާންތައްވެސް ހަދާފައި ހުރުމުން މިރަށަކީ ޗުއްޓީއަކަށް ޒިޔާރަތްކޮށްލަން ބަލާއިރު ހަމަ ބަރާބަރު ރަށެކެވެ.

ނ.ލަންދޫ

މީގެއިތުރުން މި މާރިޗް މަހަކީ ލަންދުއަށް ޚާއްޞަ މަހެކެވެ. ޑިޖިޓަލް އައިލެންޑެއްގެ ގޮތުގައި ލަންދޫ ޓެކްނޮލޮޖީގެ ތެރެއަށް މުހިއްމު ފިޔަވަޅެއް އެޅީއެވެ. ރާއްޖޭގައި ފުރަތަމަ ޑިޖިޓަލް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ނ.ލަންދޫކަން ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ފަޒީލް ހަސަން ފާހަގަކުރެއްވިއެވެ. އުރީދޫގެ އެމްފައިސާ ބޭނުންކޮށްގެން މިރަށުގެ ވިޔަފާރިތަކުން ވިޔަފާރ ކުރެވުމާއި ކައުންސިލަށް ދައްކަންޖެހޭ އެކިއެކި ފީތައް ދެއްކުމުގެ ވަސީލަތް މިހާރު ވަނީ ގާއިމްކުރެވިފައެވެ.

މިރަށުގެ މިރީތިކަން އިޝްތިހާރުކުރުމަށް އުރީދޫން އެކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އުރީދޫ އަތޮޅު ދުވުން, އެ ގޭމުގައި ލަންދޫ ފެނިގެންދާނެ. އޭގެއިތުރުން މާރޗް މަހަށް އުރީދޫގައި ކަނޑައެޅިފައިވާ ރަށެއްގެ ގޮތުގައިވެސް މިއޮތީ ނ.ލަންދޫ.

ފަޒީލް ހަސަން/ ލަންދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް

1140 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މިރަށުގެ ގިނަ މީހުން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަތޮޅުގެ ރިސޯރޓްތަކުގައިވެސް ގިނަ ޒުވާނުންތަކެއް މަސައްކަތް ކުރެއެވެ. މީގެއިތުރުން ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަސްވެރިކަމާއި, ދަނޑުވެރިކަމުގައި ޝާމިލްވެއެވެ. ރަށުގައި ހުރީ އެންމެ ގެސްޓްހައުސް އެކެވެ. ނަމަވެސް މީހުން ދިރިއުޅޭ ގޭގެއިން ކުއްޔަށް ކޮޓަރި ލިބެއެވެ. އެވްރެޖް އަގަކީ 500 ރުފިޔާއެވެ.

ނ.ލަންދޫ

ދަތުރުފަތުރަށް ބަލާއިރު ދަތުރުފަތުރު ކުރަން ފަސޭހައެވެ. މާފަރު އިންޓަރނޭޝަނަލް އެއަޕޯޓާ ދެމެދު ސްޕީޑް ލޯންޗްގައި ހޭދަވަނީ 7 ވަރަކަށް މިނިޓެވެ. އެކަމަކު ފްލައިޓް ޓިކެޓް އަގު ބޮޑުވުމާއި, އޭގެތެރެއަށް ލޯންޗް ދަތުރުގެ އަގުވެސް އިތުރުކުރަން ޖެހުމުން ޖީބަށް ލުއިކޮށް ފަސޭހައިން ދަތުރުކުރެވެން އޮތް މަގަކީ ހޯޕް ޓްރެވަލްސް އެވެ. ހޯޕް ޓްރެވަލްސްގެ 63 މީހުންގެ ޖާގައިގެ ބޮޑަތި ލޯންޗް މާލެއާއި ލަންދުއާ ދެމެދު ދަތުރުކުރެއެވެ. ދަތުރުފަތުރަށް ބަލާއިރު އޮތް އެންމެ ރަނގަޅު ހައްލަކީ ހޯޕް ޓްރެވަލްސް އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.