ހއ.އަތޮޅަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ޒިޔާގެ އެހީއެއް!

624

ހއ އަކީ ރީތި މަޝްހޫރު ރަށްތައް ގިނަ އަތޮޅެކެވެ. އުތީމާއި, ކެލައާއި ވަށަފަރާއި ތުރާކުނު ފަދަ ޚާއްޞަ ރަށްތައް ހިމެނޭ މިއަތޮޅަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އަބްދުالله ޒިޔާއުގެ މިވާހަކައިން ވަރަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ ޒިޔާގެ ލަފައަކީ ހއ.ގެ ގިނަ ރަށްތަކަށް އެއް ދަތުރެއްގައި ޒިޔާރަތްކޮށްލަން ބޭނުންނަމަ ކެލާގައި މަޑުކުރުމުވެ. ފުރަތަމަ ރަށަކަށް ކެލާ ހެދުމެވެ. އާރުޓީއެލް ފެރީގެ ނިޒާމުން ކުޑަ އަގެއްގައި އެންމެ ގިނަ ރަށްރަށަށް ޒިޔާރަތްކޮށްލަން ރޫޓް ލިބޭ ރަށަކީ ކެލައެވެ.

ކެލާގައި މަޑުކޮށް އެދުވަހު ހެނދުނު ގޮސް ހަވީރު އެނބުރި އާދެވޭ ރަށްތަކެއް ހުރިކަން ޒިޔާ ފާހަގަކުރިއެވެ. އެރަށް ތަކަކީ ވަށަފަރު, ދިއްދޫ, ބާރަށް, ފިއްލަދޫ, މުރައިދޫ އެވެ. މި ފަސްރަށުގެ ތެރެއިން ކޮންމެ ރަށަކަށް ޒިޔާރަތްކޮށް ދުވާލުގެ ވަގުތު ހޭދަކުރުމަށްފަހު ހަވީރު އެނބުރި ކެލައަށް އާދެވޭނެ އެވެ. ކެލާގައި މަޑުކޮށް ދުވާލަކު ރަށަކަށް ޒިޔާރަތް ކޮށްލައިގެން 5 ދުވަހުން މިރަށްތައް ނިންމާލެވޭނެއެވެ.

މީގެއިތުރުން ކެލައިން ދިއްދުއަށް ގޮސް, ދިއްދޫގައި ދެގަޑިއެއްހާއިރު މަޑުކޮށްލުމަށްފަހު ކުޑަ އަގެއްގައި ކުއްޔަށް ލޯންޗެއް ނަގައިގެން ޒިޔާރަތްކޮށްލެވޭނެ ރަށްތަކެއް ހުރިކަންވެސް ޒިޔާ ފާހަގަކުރިއެވެ. އޭގެތެރެއިން އެންމެ ޚާއްޞަ ރަށަކީ ތާރީޚީ ގޮތުން މަޝްހޫރު އަދި ދިވެހިންގެ ފަޚުރާ ގުޅިފައިވާ އުތީމެވެ. އުތީމަށްގޮސް ގަނޑުވަރު ބަލާލުމަށްފަހު, އެނބުރި ދިއްދޫއަށް އައިސް ހަމަ އެދުވަހު ކެލައަށް އަނބުރާ ދިއުމުގެ ފުރުޞަތުވެސް އެބައޮތެވެ.

މީގެއިތުރުން ކެލައިން އާރުޓީއެލްގައި ބާރަށަށް ގޮސް, ބާރަށުން ލޯންޗެއް ކުއްޔަށް ނަގައިގެން ކުޑަ އަގެއްގައި މުރައިދޫ, ފިއްލަދޫއަށް އެއް ދުވަހެއްގައި ދިއުމުގެ ފުރުޞަތުވެސް އެބައޮތެވެ.

އާރުޓީއެލް ފެރީއެއް ދަތުރުކުރަނީ

ކެލައަށް ފަހު މަޑުކޮށްލަން އެންމެ ރަނގަޅު ރަށެއްގެ ގޮތުގައި ޒިޔާ ފާހަގަކުރީ ހއ.ތުރާކުނެވެ. ތުރާކުނުގައި މަޑުކޮށްލައިފިނަމަ ހެނދުނު ގޮސް ހަވީރު އެނބުރި ތުރާކުނަށް އަންނަ ގޮތަށް އާރުޓީއެލްގައި ދެވޭނެ ރަށްތަކެއްވެސް އެބަހުއްޓެވެ. އެރަށްތަކަކީ  އުލިގަމް, ހޯރަފުށި, މޮޅަދޫ, އިހަވަންދޫ, އަދި ދިއްދޫ އެވެ. މިރޫޓުންވެސް ދިއްދޫން ކުޑަ އަގެއްގައި އުތީމަށް ގޮސް ހަމަ އެދުވަހު އެނބުރި ދިއްދޫއަށް ގޮސް, ދިއްދޫން އާރުޓީއެލްގައި ތުރާކުނަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ.

މީގެއިތުރުން ބާރަށާއި, ތުރާކުނުން ހދ. ހަނިމާދޫ އަދި ހދ.ކުޅުދުއްފުށްޓަށް ވެސް އާރުޓީއެލްގައި ދެވޭނެއެވެ. އަދި އެނބުރި ހަމަ އެދުވަހު އައުމުގެ ފުރުޞަތު ލިބޭނެއެވެ. މިރޫޓުން ރަށްތަކަށް ދަތުރުކުރުމަށް ހޭދަވާނެ އެވްރެޖް އަގަކީ ދަތުރަކަށް (ކޮޅަކަށް) 30-70 ރުފިޔާ އެވެ. ކައިރީގައި ހުރި ރަށްތަކަށް ޑިންގީގައި ދަތުރުކުރަން ބަލާއިރު ދަތުރަކަށް ހޭދަވަނީ 400-500 ރުފިޔާ އެވެ. ތަފްސީލް މަތީގައިވާ ޒިޔާގެ ވީޑިއޯގައި އެވަނީ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.