އާރުޓީއެލްގެ ފުރިހަމަ ޚިދުމަތާއި, އަހަރެން ކުރި ގޯސް ތަޖުރިބާ!

1347

މާލެއިން އުތުރަށް ދިއުމަށް ޕްލޭންކުރި ދަތުރު ބަރޯސާވެފައި އޮތީ މިދިޔަ ސަރުކާރުން ފެށި ރާއްޖެ ޓްރާސްޕޯރޓް ލިން (އާރުޓީއެލް) އަށެވެ. މީގެކުރިންވެސް އެނިޒާމްގައި އެއްވެސް ޝަކުވާއެއް ނެތް އެއް ދަތުރު ކުރީމެވެ. މިފަހަރު ދަތުރަށް ފަށަން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ފެރީ ޓިކެޓް ނަގަން އެޕްލިކޭޝަން ހުޅުވާލިއިރު އަޕްޑޭޓްތައް ވަނީ އައިސްފައެވެ. އަލުން ޕާސްވޯޑް ޖަހަން ޖެހުނެވެ. އެކަމަކު ހަމަ ހިލާ ޕާސްވޯޑް ހަނދާނެއް ނުވިއެވެ.

އާރުޓީއެލް ފެރީ ކުޅުދުއްފުށި ބަނދަރުން ނިކުންނަނީ

ޕާސްވޯޑް ބަދަލުކުރަން މަސައްކަތް ކޮށްކޮށް, ކާމިޔާބެއް ނުވިއެވެ. ހަމަ ‘ފެއިލްޑް’ ނޫން މެސެޖެއް ނުލިބުނެވެ. އެންމެފަހުން 1650 އަށް ގުޅީއެވެ. ވާގޮތް ކިޔައިދިނުމުން ބުނީ ރީސެޓް ކުރުމަށެވެ. އެކަން ނުވިކަމަށް ތަކުރާރުކޮށް ބުނުމުން އެދުނީ މެއިލް ކުރުމަށެވެ. ދެއްވި މެއިލްއަށް މެއިލް ކުރީމެވެ. ޖެހިގެން އޮތީ ފުރާ ދުވަހެވެ. ހޯޕް ފެރީގައި ނ.އަތޮޅު ވެލިދޫއާ ހަމައަށް ގޮސް ބެލިއިރުވެސް މެއިލްއަށް ޖަވާބެއް ނުލިބޭތީ އަލުން ގުޅީއެވެ. މެއިލް ކުރިކަމާއި, ޖަވާބެއް ނުލިބޭ ކަމާއި, މަސައްކަތް ކޮށްކޮށް ކާމިޔާބު ނުވިކަމަށް ބުނުމުން 10 މިނިޓް ތެރޭގައި ބަލާފަ ގުޅާނެ ކަމަށް ވިދާޅުވިއެވެ. 10 މިނިޓް ފާއިތުވެސް ގަޑިއިރެއްވެސް ފަހަނަ އެޅުމުން އަލުން ގުޅައިފީމެވެ. ޖަވާބަކީ އާރުޓީއެލްގެ ކަންކަން ބަލާ ސެކްޝަނަށް މެސެޖް ޕާސްކުރެވިފައިވާ ކަމަށެވެ. ދެން ޖަވާބެއް ލިބޭނީ އެސެކްޝަނުން ޖަވާބެއް ދިނުމުން ކަމށް ބުންޏެވެ.

ނަމަވެސް އެޖަވާބު އަންނަންދެން އަޅުގަނޑުގެ ދަތުރު ފަސްކުރެވޭކަށް ނެތެވެ. އެޕްލިކޭޝަނަށް ވަދެވިގެން ނޫނީ ފެރީ ޓިކެޓް ނެގޭކަށް ނެތެވެ. އެޖަވާބެއް ނުލިބި އަޅުގަނޑުގެ ދެން އޮތް މަންޒިލް ށ.އަތޮޅަށް ފްލައިންގ ފިޝްގައި ދަތުރު ފެށީމެވެ. އަނެއްކާވެސް އެނަމްބަރަށް ގުޅާ, ހައްލުކޮށް ދިނުމުން ނޫނީ ފޯނު ނުބާއްވާނެ ކަމަށާއި, ދަތުރު ކުރަން ޖެހޭ ވަގުތު ކައިރިވާކަމަށް ބުނީމެވެ. މިފަހަރު ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބުނެވެ. އެޕްލިކޭޝަންގެ ކަންކަން ހައްލުވަންދެން ‘ގެސްޓް ވިޒިޓަރ’ އެއްގެ ގޮތުގައި ވެބްސައިޓުން ޓިކެޓް ނެގުމަށް އެދުނެވެ. މިއީ އޮތް ހައްލެއްކަން އަދި މިއިނގުނީއެވެ.

ކުޅުދުއްފުށި ސިޓީގެ އާރުޓީއެލް ޓަރމިނަލް

ވެބްސައިޓުން ޓިކެޓް ނެގުމުގެ ކުރިން އަނެއްކާވެސް ޕާސްވޯޑް ރީސެޓްވޭތޯ މަސައްކަތެއް ކޮށްލީމެވެ. ދެތިން ފަހަރަކު ކުރި މަސައްކަތް މިފަހަރު ކާމިޔާބުވިއެވެ. ނަމަވެސް އަސްލު މައްސަލައަކީ ކޮބައިކަމެއް ނޭންގެއެވެ. އަދި ކޯލް ސެންޓަރުން އެކަމާ ގުޅޭ ޖަވާބެއް ނުދެއެވެ. މެއިލް ކުރިތާ ތިންވަނަ ދުވަހު ށ.މިލަންދޫން އާރުޓީއެލްގައި ކުޅުދުއްފުށްޓަށް ދަތުރުކުރީމެވެ. މާޔޫސްކަމަށް ބޮޑު ހަމަޖެހުމެއް ލިބުނީ ފެރީ ގަޑިއަށް ފުރުމާއި, ގަޑިއަށް ލެފުމާއި, ފެރީގެ އަރާމް ކަމާއި, ފެރީގެ ކެޕްޓަނާއި, ފަޅުވެރިންގެ ‘ސަޅި’ ކަމުންނެވެ. މިއީ ހަމަ އެއްވަނައިގެ ޚިދުމަތެކެވެ. އަގުވެސް ބަރާބަރެވެ.

އެކަމަކު މިފުރިހަމަ ޚިދުމަތުގައި ޖެހުނު ލައްގަނޑު ފިލުވާލުމުގެ ޝައުގު އޮތުމުން އެކަމަށް ވީޑިއޯއެއް ތައްޔާރުކޮށް ދޫކޮށްލީމެވެ. ވީޑިއޯ ވައިރަލް ވުމާއެކު އެރޭ އެމްޓީސީސީގެ ކޯލެއް ލިބުނެވެ. ކޯލް ސެންޓަރުން ޖަވާބެއް ނުލިބި ދިޔަ ދިއުމަށް މަޢާފަށް އެދުނެވެ. ހެޔޮ ހިތުން މަޢާފްކޮށް އެފަދަ ކަންކަން ރަނގަޅުކޮށްލަން އެދުނީމެވެ.

އަނެއްކާވެސް އެހެން މަންޒިލަކަށް ދަތުރުކުރުމަށް ޓިކެޓް ނަގަން ޖެހިއްޖެއެވެ. ޕޭމަންޓާ ހަމައަށް ދެއެވެ. އެއަށްވުރެ ކުރިއަކަށް ހަމަހިލާ ނުދެވުނެވެ. ފަސް ފަހަރަށް މަސައްކަތްކޮށް ނާކާމިޔާބުވުމުން އަނެއްކާވެސް 1650 އަށް ގުޅައިލީމެވެ. 3 މިނިޓެއްހާއިރު ފަހުން ޖަވާބު ދިނެވެ. ވީގޮތް ކިޔައިދުނުމުން ވިދާޅުވީ ‘ތިޔަ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.’ ވެބްސައިޓަށް ވަދެގެން މަސައްކަތްކޮށްލަން އެދުނެވެ. މައްސަލަ އުޅެނީ އެޕްލިކޭޝަންގައެވެ.

ވެބްސައިޓަށް ވަދެ މަސައްކަތްކޮށްލުމުން ވަރަށް ފަސޭހައިން ޓިކެޓް ނެގުނެވެ. އެކަމަކު އަޅުގަނޑު ހިތަށް އެރިއެވެ. ސަމާލުކަމަށް އައިސްފައި އޮތް އެމައްސަލަ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައިނަމަ ގައިމު އެތައްފަހަރަކު އެޕްލިކޭޝަނުން ޓިކެޓް ނެގޭތޯ މަސައްކަތް ކުރާކަށް އަޅުގަނޑަކަށް އަދި އެހެން މީހުނަކަށްވެސް ނުޖެހުނީސްތާއެވެ. އެހެންވީމަ މިއީވެސް ހައްލުކޮށްލަން ޖެހޭ ކަމެއްތާއެވެ.

އެކަމަކުވެސް އާރުޓީއެލްގެ ޚިދުމަތަކީ ހަމަ އެއްވަނައިގެ ޚިދުމަތެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “އާރުޓީއެލްގެ ފުރިހަމަ ޚިދުމަތާއި, އަހަރެން ކުރި ގޯސް ތަޖުރިބާ!

  1. އަދި ވެސް އެމަައްސަލަ ހަމައެގޮތުގަ އަޅުގަނޑަކަށް ފެއިލްނޫން އެއްޗެއް ނުލިބޭ

Comments are closed.