ވެލިދޫ ޕިކްނިކް އައިލެންޑް

966

ދޯންޏެއް ނުވަތަ ޑިންގީއެއްގައި ދަތުރުކުރާކަށް ނުޖެހޭނެއެވެ. ސައިކަލްގައި ނުވަތަ ފައިމަގުގައިވެސް އެރަށަށް ދެވޭނެއެވެ. އެއީ ނ.ވެލިދޫ ކައުންސިލުން އެރަށުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެވެ. ވެލިދޫ ޕިކްނިކް އައިލެންޑެވެ.

ވެލިދޫގައި ޕިކްނިކް ދިއުމަށް ޚާއްޞަ ސަރަހައްދު

ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދ ރަށުގެ ނިސްބަތުން ދުރުގައި އޮންނަ އެސަރަހައްދުގައި ވަނީ ބާބަކިޔު ހެދޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ފެންވެރޭނެ ގޮތް އެބަހުއްޓެވެ. އުނދޯންޏާއި ޖޯލިފަތިތައް އެބަހުއްޓެވެ. ގަސްތައް ހުރުމުން މާހައުލު ހިތްގައިމެވެ. އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި ވަގުތެއް ހޭދަކޮށްލެވޭނެއެވެ. ކުޑަކުދިންނަށް މޫދުގައި މަޖާކޮށްލުމުގެ ފުރުޞަތު އެބައޮތެވެ. ޕިކްނިކް ހަދާލަން މިމާހައުލް ހަމަ ފައްކަލެވެ. މަދުވަނީ ހަމައެކަނި ފާޚާނާއެކެވެ.

ވެލިދޫގައި ޕިކްނިކް ދިއުމަށް ޚާއްޞަ ސަރަހައްދު

މިއީ ރަށުގެ ރައްޔިތުން ކަސްރަތަށްވެސް އަންނަ ސަރަހައްދެކެވެ. ހެނދުނާއި ހަވީރުވެސް މޫދުގައި އެކިއުމުރުގެ މީހުން ކަސްރަތަށް އައިސް އުޅެއެވެ. ރަށުގެ ނިސްބަތުން ޕިކްނިކް ދިއުމަށް ކަނޑައަޅާފައިވާ ސަރަހައްދުވެސް ކުޑައެއް ނޫނެވެ. ސާފްތާހިރުކޮށް މުޅި ސަރަހައްދު ބަލަހައްޓައެވެ. ޑަސްބިން ބަހައްޓާފައި ހުރުމުން ޒިޔާރަތްކުރާ ފަރާތްތަކުންވެސް އޭގެ ބޭނުން ކުރެއެވެ. މިތަނަށް ފަތުރުވެރިން ޒިޔާރަތްކުރުން މަނައެވެ. މިއީ ވެލިދޫ ރައްޔިތުންނާއި, ވެލިދުއަށް ޒިޔާރަތްކުރާ ދިވެހިންނަށް އޮތް ސަރަހައްދެކެވެ.

ވެލިދޫ ޕިކްނިކް ސަރަހައްދުގައި އުނދޯންޏާއި ޖޯލިފަތި ބަހައްޓާފައި

ގިނަ ރަށްތަކުގައި މިފަދަ ތަންތަން ވަނީ ތަރައްޤީކޮށްފައެވެ. ބައެއް ރަށްރަށުގައި ކައުންސިލް ތަކުންނެވެ. ބައެއް ރަށްރަށުގައި ކްލަބް ޖަމްއިއްޔާތަކުންނެވެ. އަދި ޒުވާނުން އިސްވެ ވެސް މިފަދަ ތަންތަން ތަރައްޤީކޮށްފައި އެބަހުއްޓެވެ. ވެލިދޫގައި މިއީ ކައުންސިލްގެ މަސައްކަތެކެވެ.

ލިޔުމާ ގުޅޭ ވީޑިއޯ މަތީގައި އެވަނިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.