މިބޭބެގެ ކަންބޮޑުވުމަކީ ކުންފުނި ހަދައިގެން ކުރާ މަސްތުވާތަކެތީގެ ވިޔަފާރި

778

” އަހަރެމެން އެންމެ ކަންބޮޑުވާ ކަމަކީ މަސްތުވާ އެއްޗިހި ރާއްޖޭގައި އުޅޭތީ, އެއަށްވުރެ  ކަންބޮޑުވާކަމެއް ނެތް” ޅ.ހިންނަވަރު ބަނދަރު ކައިރީ ހުރި ކުޑަވަރެއްގެ މައިޒާނެއްގައި ފޯރީގައި ތާސްބައި ކުޅެން އިން މުހައްމަދު އަލީގެ ކަންބޮޑުވުމުގެ ވާހަކަތައް ފެށީ މިހިސާބުންނެވެ.

މުހައްމަދު އަލީ ރަހުމަތްތެރިންނާއެކު ތާސްބައި ކުޅެނީ

70 ގެ އަހަރުތައް ގުނަމުންދާ މުހައްމަދު އަލީގެ އެކަންބޮޑުވުން މާބޮޑުތަނުން ބޮޑުވަނީ އުފަން ރަށުގައި އެވަބާ ފެތުރުފައި އޮތް މިންވަރުގެ ބޮޑުކަމުންނެވެ. ހަގީގަތުގައި މަސްތުވާތަކެތީގެ މައްސަލަ ނޫން ގައުމީ އެހެން މައްސަލައެއް އޮތްކަމަށް އޭނާ ގަބޫލެއްވެސް ނުކުރެއެވެ. އެމައްސަލަ ހައްލުވެއްޖެ ނަމަ އުފަން ރަށުގެ ހާލަތުވެސް ބަދަލުވެގެންދާނެ ކަން ބަޔާންކޮށްދިނީ ހިންނަވަރުގައި މަސްތުވާތަކެތީގެ މައްސަލަ ފެތުރިފައި އޮތް މިންވަރު ބުނެދެމުންނެވެ.

 މިރަށުގައި އަދި އެއީ ކައިގެން ދަމާލާނެ އިނގިއްޖެ, ހަމަ ކުންފުނި ހަދައިގެން އެވިއްކަނީ.

މުހައްމަދު އަލީ/ ހިންނަވަރު އިސް ރަށްވެއްސެއް

މުހައްމަދު އަލީ ބުނީ މަސްތުވާތަކެތީގެ މައްސަލައަކީ ދީނާ ހިލާފް ހުރިހާ ކަމެއް އެކަމުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށެވެ. އެމައްސަލަ ހައްލުވުމުން އެހެން މައްސަލަތައް ހައްލުވާނެކަމަށް އޭނާ ގަބޫލުކުރާ ސަބަބަކީވެސް އެއީއެވެ. މަސްތުވާތަކެތީގެ މައްސަލަ ފެތުރިފައި އޮތުމަށްވުރެ މާބޮޑު އެހެން މައްސަލައެއްވެސް މުހައްމަދު އަލީ ފާހަގަކުރިއެވެ. ދޮށީ އުމުރުގެ އަހަރުތައް ގުނަމުންދާ މުހައްމަދު އަލީގެ އެކަންބޮޑުވުމުކީ ހަގީގަތުގައިވެސް ބޮޑު ކަންބޮޑުވުމެކެވެ.

މުހައްމަދު އަލީ ކަންބޮޑުވުންތައް ހިއްސާކުރަނީ

ރާއްޖެއަށް މަސްތުވާ އެއްޗިހި ގެނެސްގެން އުޅޭތާ މިހާރު ކިހާދުވަހެއް ވެއްޖެ. އެކަމަކު ބަލާ މީހުންނަކަށް ނޭންގޭ މިއީ މަސްތުވާ އެއްޗެއް ކަމެއް, އެހެން އެއްޗެއް ކަމެއް, ޝައްކެއް ވަނީ. ޝައްކުވަނީ އަދި މާފަހުން މިއިނގެނީ.

މުހައްމަދު އަލީ/ ހިންނަވަރު އިސް ރަށްވެއްސެއް

މަސްތުވާތަކެތީގެ ވާހަކައިގެ ބޭރުން ރަށުގެ އުމްރާނީ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކާލުމުންވެސް ހުރީ މާޔޫސްކަމެވެ. އުއްމީދެއް ނެތެވެ. އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ލަސްކަމުގެ ޝަކުވާއެވެ. ރަށުގެ ބަނދަރުގެ މަސައްކަތް ފަށައިގެން ފަސް އަހަރެއްހާ ދުވަސްވީ އިރުވެސް ނުނިމުމުގެ ޝަކުވާއެވެ. އޭނާގެ ބަހުން ނަމަ ‘ގަނޑުލައިފި’ އެވެ. އޭނާ ބުނީ ފަސް އަހަރު ވެގެންދާއިރުވެސް ބަނދަރުގެ މަސައްކަތަށް ނިމުމެއް ނާންނަ ކަމަށެވެ. އެއާއެކު ރަށުގެ ތައުލީމީ ހާލަތާމެދުވެސް އޮތީ ކަންބޮޑުވުމެވެ. ޅ.އަތޮޅު ތައުލީމީ މަރުކަޒު ހުއްޓަސް ހަގީގަތުގައި އަހަރެންވެސް އެއް އިރެއްގައި ކިޔެވި އެސްކޫލާމެދު މުހައްމަދު އަލީ ކުރި ސުވާލަކީ ސީރިއަސް ސުވާލެކެވެ.

އެއްވެސް ފަހަރަކު މިރަށުގެ ސްކޫލް ކުއްޖަކަށް ވަނައެއް ލިބުނުތަ

މުހައްމަދު އަލީ/ ހިންނަވަރު އިސް ރަށްވެއްސެއް

އަމިއްލަ ދިރިއުޅުމުގެ ހާލަތާ ގުޅޭގޮތުން ސުވާލުކޮށްލުމުން ވަރަށް ހަމަޖެހިލައިގެން, ހުކުމް ގަނޑަށް ގެއްލި އިނދެ ބުނީ “ބަދަލެއް ނާދޭ އަހަރެމްނެނަކަށް, އަހަރެމެން މިއުޅެނީ ހަމަ އޭރުވެސް އުޅުނުހެން.” ކަމަށެވެ.

މުހައްމަދު އަލީ ތާސްބައި ގަނޑަށް ގެއްލިފައި

ރަށާމެދު މާބޮޑު ތަސައްވަރެއްވެސް މިހާރު ނެތްކަމަށް ބުންޏެވެ. އުމުރުން ދުވަސްވުމުން ކުރަންވީ ދެން ކޮން ތަސައްވަރެއްތޯ ސުވާލުކުރިއެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދަރިންވެސް ދިރިއުޅެނީ އެކި ތަނުގައެވެ. އެކި ހިސާބުގައެވެ. އެކަމަކު ހަގީގަތުގައި މުހައްމަދު އަލީގެ ވާހަކައިގެ އެންމެ ފުރަތަމަ ކަންބޮޑުވުން އިންތިހާއެވެ. ކުންފުނި ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި, ކައިގެން ދަމާލާ މަސްތުވާ އެއްޗިހީގެ ވާހަކައެވެ. އެއީ މުޅި ގައުމުގެ ހަލާކެވެ. ސީރިއަސް މައްސަލަ އެކެވެ.

ނޯޓް: މުހައްމަދު އަލީއާ ދެކެވުނު ވާހަކައިގެ ވީޑިއޯ މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.