ލޯފަން ޒުވާނުންނަށް ހިތްދަތި ކަންތައްތައް އަޅުގަނޑުމެންގެ ފުށުން ވެފަ އެބަހުރި, އަޅުގަނޑުމެންނަށް އިހުސާސްވެސް ކޮށްނުލެވި
އާމިނަތު އީމާން ހަސަން/ ދިއްގަރު ސްކޫލް ކައުންސިލަރ
މިއީ ލޯފަން ޒުވާނުންގެ ޖަމްއިއްޔާ އިން އެފަދަ ފަރާތްތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މ.ދިއްގަރަށް ގޮސް ކުރެވިފައިވާ ހިތްދަތި ތަޖުރިބާތައް ހިއްސާކުރުމުން އެރަށުގެ ބެލެނިވެރިއަކު ބުނި ވާހަކައެވެ. މުޅި ދަތުރުގައި މިފަދަ އެތައް ވާހަކައެއް އަޑު އިވުނެވެ. ޖުމްލަކޮށް އެނގުމާއި ނޭންގުމުގެ ތެރެއިން, ވިސްނާނުލެވި ލޯފަން ޒުވާނުންނާމެދު ވެވިފައިވާ އިހުމާލު ތަކާ މެދު ވިސްނާލަން ލިބުނު މިއީ ފުރުޞަތެކެވެ.

ކޮށްލެވޭ ކުޑަކުޑަ ކަމަކުން އެޒުވާނުންނަށް މުޖުމަތައުގެ ތެރޭގައި އުޅެން ފަސޭހަވާނެ އެތައްކަމެއް ނުކޮށް ދޫކޮށްލެވިފައި އެބަހުއްޓެވެ. ގަވާއިދެއް ޤާނޫނެއް ނެތިވެސް ހައްލުކޮށްލެވޭނެ އެތައް ކަމެކެވެ. ދިއްގަރުގައި ކުރިއަށް ގެންދިޔަ ދެ ސެޝަނުންވެސް ފާހަގަވީ ކަމަކީ މިއީއެވެ. އެތަޖުރިބާތައް އަޑުއެހުމަށްފަހު ސްކޫލްގެ ހޯލުން ނިކުމެގެން ދިޔަ ކޮންމެ މީހަކީ ހޭލުންތެރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި އިތުރަށް ވިސްނާލާނެ މީހެއް ކަމުގެ އިހުސާސް ކުރެވުނު ކަމަށް ޑިގްރީއެއް ހާސިލްކޮށްގެން ހުރި ލޯފަން ޒުވާނާ އަހުމަދު ފަޔާޒު (ފިއްޓޭ) ބުންޏެވެ.

ފިއްޓޭ އަށް ދިއްގަރު ފާހަގަކުރެވުނީ އަމިއްލަ ވަޒަނެއްގެ ގޮތުގައެވެ. މެހުމާންދާރީ އަދާކުރުމުގެ ނަމޫނާއެއް ދެއްކި ރަށެއްގެ ގޮތުގައެވެ. ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތުގައި އުއްމީދެއް ދިން ރަށެއްގެ ގޮތުގައެވެ. ލޯފަން ޒުވާނުންނަކީވެސް ބައެއްކަން ބަލައިގަން ރަށެއްގެ ގޮތުގައެވެ.
އަޅުގަނޑުމެންގެ ފުށުންވެސް މުޖުތަމައުއަށް ފައިދާތަކެއް ވާނެ ބައެއްކަން ގަބޫލުކުރުމުގައި އިސްނެގި ރަށެއްގެ ގޮތުގައި މިފާހަގަކުރެވުނީ.
އަހުމަދު ފަޔާޒު/ ލޯފަން ޒުވާނެއް
ރިހާކުރަށް މަޝްހޫރު ދިއްގަރުން ދަތުރުގެ ކޮންމެ ބައިވެރިއަކަށް ރިހާކުރާއި މަސްޕެކެޓް ހިމެނޭ ޚާއްޞަ ހަދިޔާއެއް ދަތުރުގެ ކޮންމެ ބައިވެރިއަކަށް ހަދިޔާކުރިއެވެ. މީގެއިތުރުން ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ އިސްނެގުމަށް އެޖަމްއިއްޔާއާއެކު ގުޅިގެން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރިއެވެ. އެޖަމްއިއްޔާގެ އޮފީހުގައި ހަވީރުގެ ސަޔާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުންވެސް އުއްމީދެއް ލިބުނެވެ. ދިއްގަރުން ލޯފަން ޒުވާނުންގެ ޖަމްއިއްޔާގެ މެމްބަރުންނަށް ކީ މަރުހަބާއަކީ މ.އަތޮޅުން ލިބުނު އެންމެ ފުރިހަމަ އެއް މަރުހަބާއެވެ.
