ހޭލުންތެރިކަން އިތުރުކުރުމަށް މ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރަމުންދާ ދަތުރުގައި ދިއްގަރަށް ޒިޔާރަތްކުރުމުން ލޯފަން ކުދިންގެ ޖަމްއިއްޔާގެ މެމްބަރުންނަށް އެރަށު ކައުންސލުން ދިނީ ބޮޑު ޝަރަފެކެވެ. އެއީ “ދަ ރިހާކުރު އައިލެންޑް’ ގެ ބަނދަރު ހިޔާ ހުޅުވުމުގެ ޝަރަފެވެ.

ރަށަށް ޖަމްއިއްޔާގެ މެމްބަރުން ފޭބުމާއެކު ވަރަށް ހޫނު މަރުހަބާއަކަށްފަހު, ރަށުގެ ބަނދަރުގައި ކައުންސިލުން ތައްޔާރުކޮށްފައި ހިރި ބަނދަރު ހިޔާ ހުޅުވައިދިނުމަށް އެދުނެވެ. ބަނދަރު ހިޔާ ހުޅުއްވައިދެއްވީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ނައިބު ރައީސް ހުސެއިން ޝަރީފާއި, ހިންގާ ސެކެޓްރީ މުޙައްމަދު ސައްދާމް އަހުމަދުއެވެ.
ބަނދަރު ހިޔާ ހުޅުވައިދެއްވުމުގެ ފުރުޞަތު ދެއްވަމުން ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ ލޯފަން ޖަމްއިއްޔާގެ މެމްބަރުން ދިއްގަރަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހުމާއެކު އެފުރުޞަތު އެ މެމްބަރުންނަށް ދިނުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސަން ފެށި ކަމަށެވެ. އަދި އެފުރުޞަތު ގަބޫލުކުރުމަކީ ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް ރައީސް ވަނީ ލޯފަން ކުދިންގެ ހައްގުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލޯފަން ކުދިންގެ ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ވިދާޅުވީ އެކަމުގެ ފައިދާ ހަގީގަތުގައި އެންމެ ބޮޑަށް ކުރަނީ ރަށްރަށުގެ ރައްޔިތުންނަށް ކަމަށެވެ.
ތިޔަބޭފުޅުން ތިޔަކުރައްވަނީ ގައުމީ މަސައްކަތެއް. ތިޔަ މަސައްކަތުގެ ފައިދާ ހަގީގަތުގައި ކުރާނީ އަޅުގަނޑުމެން ރައްޔިތުންނަށް. އަޅުގަނޑުމެންނަށް ކުރިން ނޭންގޭ ކަންކަން އެނގި ހޭލުންތެރިވަމުން ދަނީ. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
އަހުމަދު ނިޝާން/ ދިއްގަރު ކައުންސިލްގެ ރައީސް
ލޯފަން ކުދިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އަދި ދަތުރު ކޯޑިނޭޓަރ ހުސައިން ޝަރީފް ވިދާޅުވީ މިފުރުޞަތު ދިއްގަރު ކައުންސިލުން އެޖަމްއިއްޔާގެ މެމްބަރުންނަށް ދިނުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ. ހުސެއިން ފާހަގަކުރެއްވި ގޮތުގައި ދިއްގަރު ރައްޔިތުން ނެގީ ވަރަށްބޮޑު އިސްނެގުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީކުރާ ވާހަކަ ދައްކާ ވަގުތެއްގައި ދިއްގަރު ކައުންސިލުން ދައްކައިދިނީ އެފަދަ ފަރާތްތައްވެސް ބާކީނުކޮށް, ބަލައިގަތުމުގެ ނަމޫނާއެއް ކަމަށް ހުސެއިން ވިދާޅުވިއެވެ.

މިތަން ހުޅުވަން ދިއްގަރު ކައުންސިލަކީވެސް ހައިސިއްޔަތު އޮތް ބައެއް, އަތޮޅު ކައުންސިލްވެސް އެބައޮތް, އަދި އެހެން އިސްބޭފުޅުންވެސް ގެނެވޭނެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީވެސް ބައެއްކަމުގައި ދެކި އަޅުގަނޑުމެންނަށް މިޝަރަފް ދެއްވާ, އަޅުގަނޑުމެންނަކީ ބައެއްކަމަށް ބަލައިގަތްކަމަށް ޓަކައި ޝުކުރު ދަންނަވަން. މިއީ މުޅި ދިވެހިރާއްޖެ އަށް ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލަން.
ހުސެއިން ޝަރީފް/ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ނައިބު ރައީސް
ލޯފަން ކުދިންގެ ޖަމްއިއްޔާނެ ނައިބުރައީސް ހުސެއިން ޝަރީފް ވިދާޅުވީ މިއީ ބާކީ ކުރުމާއި, އެކަހެރި ކުރުމާއި, މިކަހަލަ ކަންކަން ނިމުމަކަށް އަންނަން ޖެހޭ ކަމުގެ ނަމޫނާއެއް ކަމަށެވެ.
