ތައުލީމަށް ޓަކައި ވޭވަށުގެ ދަރިވަރުން މުލަކަށް ކުރާ ލޯންޗް ދަތުރު!

1275

މ.ވޭވަށަކީ އާބާދީގައި 350 އެއްހާ މީހުން ދަފްތަރުގައި އޮތް ރަށެކެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅޭ އާބާދީ ދުއިސައްތަ ކޮންމެވެސް ވަރަކެވެ. ރަށު ސްކޫލްގައި ކިޔަވަނީ ފަންސާހަކަށް ދަރިވަރުންނެވެ. ސްކޫލްގެ އެންމެ މަތީ ގްރޭޑަކީ 8 އެވެ. އެގްރޭޑަށް ކިޔަވައިދޭން ފެށީވެސް މިއަހަރުއެވެ.

ވޭވަށު ދަރުވަރުން ސްކޫލަށް ދިއުމަށް މުލަކަށް ފައިބަނީ

ދެން އޮތް ދެ ގްރޭޑަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެހެން ރަށަކަށް ހިޖުރަ ނުކޮށް އެކަން ވާން އޮތްގޮތަކީ ކޮންމެ ދުވަހަކު ޖެހިގެން އޮތް މުލަކަށް ދިއުމެވެ. އެއީ ސްޕީޑް ލޯންޗްގައި ތިން މިނިޓެއްހާ އިރުގެ ދުރުމިނެކެވެ. މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެއިން މާލެ އަށް ކުރަން ޖެހޭ ދަތުރަށް ވުރެ ކުރެވެ. ނަމަވެސް ކަނޑުމަގުން އެދަތުރު ކުރަން ޖެހޭތީ ކައިރި ނަމަވެސް ގަދަ ކަނޑުގައި އެދަތުރު ކުރަން ޖެހޭ ފަހަރު އާދެއެވެ. ކަނދު ގަދަވެގެން އެދަތުރު ނުކުރެވޭ ދެދުވަހެއްވަރު ކޮންމެ އަހަރަކު ކުރިމަތިވެއެވެ. އެހާލަތުގައި އެދަރިވަރުންގެ ފިލާވަޅު ހޯދައިދޭން މުލަކު ސްކޫލުން ގޮތްތަކެއް ހަމަޖައްސައި ދެއެވެ. އެއީ ސްކޫލަށް ހާޒިރު ނުވާ ދުވަހެއް ކަމުގައި ނުބަލައެވެ.

މިހާރު ގްރޭޑް 8 އަދި 9 ގެ ދަރުވަރުން މުލަކަށް ދަތުރުކޮށް, އެރަށު ސްކޫލަށް ދިޔަ ނަމަވެސް މީގެކުރިން ގްރޭޑް 6 ނިންމުމަށްފަހު އެދަތުރު ކޮންމެ ދުވަހަކު ފަށައެވެ. މިއަހަރު ވޭވަށުން މުލަކު ސްކޫލަށް ތައުލީމް ހާސިލްކުރަން އެދަތުރު ކުރަނީ ހަ ދަރިވަރުންނެވެ. އެދަތުރުކުރުމުގެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިދެއްވާފައެވެ.

ވޭވަށު ދަރިވަރުން މުލަކު ޖެޓީގައި

ވޭވަށުން ޢާއްމުގޮތެއްގައި ފުރާ ގަޑި އަކީ 6:25 އެވެ. އަޅުގަނޑު އެދަރިވަރުންނާއެކު އެތަޖުރިބާގައި ބައިވެރިވުމަށް ކުރި ދަތުރުގައި 6:30 ގައި ދަތުރަށް ފަށާ, 6:33 ގައި މުލަކަށް ދެވުނެވެ. ސްކޫލް ނިމޭ ގަޑިއަށް އަނެއްކާވެސް ލޯންޗް އޮންނާނީ މުލަކު ޖެޓީގައެވެ. އަދި އިތުރު ގަޑިއަކަށް ދާން ޖެހިއްޖެ ނަމަވެސް, އިތުރު ހަރަކާތަކަށް ދާން ޖެހިއްޖެނަމަ ވެސް އެއިންތިޒާމް އޮތީ ހަމަޖެހިފައެވެ. އެދަތުރުތައް ކުރެވޭނެ މަގަށް ވަނީ ކަންކަން އިންތިޒާމް ކޮށްފައެވެ.

ކައިރި ނަމަވެސް ކޮންމެ ދުވަހަކު މިގޮތަށް ދަތުރުކޮށް ތައުލީމް ހާސިލްކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ވޭވަށު ދަރިވަރުންގެ ތަޖުރިބާއެއް ނޫނެވެ. ވިލިގިލިން މާލެ އައިސް ނުވަތަ ހުޅުމާލެ އަށް ގޮސް ތައުލީމް ހާސިލްކުރުމަކީ ވެސް މިފަދަ ތަޖުރިބާ އެކެވެ. ރާއްޖޭގެ އެހެން ބައެއް ހިސާބުގައިެވސް މިފަދަ ދަތުރުތައް އިންތިޒާމްކޮށްފައި ވެއެެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.