މ.ނާލާފުށިން ފުރައިގެން އެމްޓީސީސީ އަތޮޅު ފެރީ ލޯންޗްގައި ކޮޅުފުށްޓަށް ކައިރިކުރިއިރު މެހުމާނުންނަށް ޚާއްޞަ ޖެޓީއާ ހިސާބުން މަގު ހުރަސްކޮށް ދިގު ކިޔުއެއް އޮތެވެ. ރަސްމީ ދުވަހެއްގެ ރަސްމީ ވަގުތު އެތައް ބަޔަކު ނިކުމެ ހޫނު މަރުހަބާއެއް ކިޔައި ލޯފަން ޒުވާނުންގެ ޖަމްއިއްޔާގެ މެމްބަރުންނަށް އުފާވެރިކަން ގެނެސްދިނެވެ.

ފުރަތަމަ ފިޔަވަޅާއެކު ކޮޅުފުށިން ދެއްކީ ތަފާތެވެ. މަރުހަބާ ކިޔަން ތައްޔާރަށް އޮތްކަމާއި, ބައިވެރިވުން އިންތިހާއަށް ލިބޭނެކަމުގެ ޔަޤީންކަމެވެ. ފުރަތަމަ ސެޝަން ޚާއްޞަކުރީ ބެލެނިވެރިންނަށް. ހަވީރުގެ ވަގުތު ބެލެނިވެރިންނަށް ގޮވާލުމުން 80 އަށްވުރެ ގިނަ ބެލެނިވެރިން ސެޝަންގައި ބައިވެރިވުމަށް އަތޮޅު މަދަރުސާގެ ކުރީގެ ހޯލަށް ޖަމާވިއެވެ. ކޮޅުފުށްޓަކީ ބެލެނިވެރިންނަށް ގޮވާލުމުން އަންހެން ބޭފުޅުން ކުރިއަށް ނިކުންނަ ރަށެކެވެ. ބެލެނިވެރިންގެ ސެޝަންގައި ބައިވެރިވީ %100 އަންހެން ބޭފުޅުންނެވެ. މިއީ މިހާތަނަށް ބްލައިންޑް އެސޯސިއޭޝަންގެ ހަރަކާތެއްގައި މީހުން ބައިވެރިވި އެންމެ މަތީ އަދަދެވެ. ހަމައެކަނި ބައިވެރިވީއެއް ނޫނެވެ. ފުރިހަމަ އަށް ބައިވެރިވެ, ހިޔާލާ މަޝްވަރާ ބަދަލުކުރިއެވެ. ވަރަށް ޝައުގުވެރިކަމާއެކު އަޑު އެހިއެވެ.

މުއައްސަސާ ތަކުގެ ބޭފުޅުންނަށް ޚާއްޞަކުރި ސެޝަނަށްވެސް ސާޅީހެއްހާ މީހުން ހާޒިރުވެ ބައިވެރިވިއެވެ. ގްރޫޕް މަޝްވަރާތައް ކޮށް ލޯފަން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް, ލޯފަން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރިއެވެ. އަދި އެކަމަށް އޮތް ހައްލުތައް ފާހަގަކުރިއެވެ. ކޮޅުފުށި ކައުންސިލްގެ ރައީސް އަބުދުލް އަލީމް ވިދާޅުވީ މުޖުތަމައުގެ ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތް ގޮތާ ހިލާފަށް ލޯފަން ޒުވާނުންނަކީ މާ އިލްމީ, ހުނަރުވެރި އަމިއްލައަށް ދިރިއުޅުމުގެ ގާބިލްކަން ހުރި ފަރާތްތައް ކަމަށެވެ. އަދި އެމީހުންނަށް ދޭންޖެހޭ އެހީތެރިކަމާއި ފުރުޞަތުތައް ފަހިޮށްދީފިނަމަ މާބޮޑަށް ތަފާތު ފެންނާނެކަމަށް ކޮޅުފުށި ރައްޔިތުންނަށް ސާބިތުކޮށްދީފި ކަމަށެވެ.

ކައުންސިލް ރައީސް އަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ދަތުރުގެ ކޯޑިނޭޓަރ އަދި ޖަމްއިއްޔާގެ ނައިބުރައީސް ހުސައިން ޝަރީފް އަކީ ލޯފަން ޒުވާނެއްކަން އެނގުމުންނެވެ. އެީ ދަތުރު ރޭވުމުގެ މަރުހަލާއާ ހިސާބުން ހުސެއިން ދިޔައީ ރަށްރަށުގެ ކައުންސިލްތަކާ މުއާމަލާތް ކުރަމުންނެވެ. މެސެޖްގެ ޒަރީޔާއިންނާއި ލިޔެކިޔުންތައް މެދުވެރިކޮށެވެ. އެމަރުހަލާގައި ހުސެއިން އަކީ ލޯފަން ޒުވާނެއްކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވޭ ކަމަށް އަލީމް ވިދާޅުވިއެވެ.
މިސެޝަންތަކުގެ ސަބަބުން އިނގިއްޖެ އަސްލު އަޅުގަނޑުމެން މިދެކޭ ގޮތާ ވަރަށްބޮޑު ތަފާތެއް ހުރިކަން. މީގެތެރެއިން ގިނަ ބޭފުޅުންނަކީ ވަޒީފާ އަދާކުރާ އަމިއްލައަށް ދިރިއުޅުން ކުރިއަށް ގެންދެވޭ ބޭފުޅުންކަން. ވަރަށް މުހިއްމު ސެޝަންތަކެއް މިއީ
އަބުދުލް އަލީމް/ ކޮޅުފުށި ކައުންސިލްގެ ރައީސް
ދަތުރުގެ އެއްބައިވެރިޔާ އަދި ބްލައިންޑް އެސޯސިއޭޝަންގެ މެމްބަރު އަބުދުލް ލަތީފް އިބްރާހީމް ބުނީ ކޮޅުފުށްޓަކީ މިހާތަނަށް އެންމެ ބޮޑު ބައިވެރިވުމެއް ލިބުނު ރަށް ކަމަށެވެ. އަދި އެހެން ރަށްރަށުން ކޮޅުފުށި ނަމޫނާއަކަށް ބަލަން އެދުނެވެ. ބްލައިންދް އެސޯސިއޭޝަންގެ އަހަރީ ކޭމްޕް މިފަހަރު އަމާޒުކޮށްފައި ވަނީ މ.އަތޮޅަށެވެ. މ.އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޢާއްމުންނާއި, މުއައްސަސާ ތަކުގައި ޚިދުމަތް ދެއްވާ ބޭފުޅުންނަށް ބައްދަލުކޮށް ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މިކަމުގައި މ.އަތޮޅު ކައުންސިލާއި, ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބެއެވެ.
